12 ޖުލައި 2017 - 13:17
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ދާއިމީ ކޮމިޓީއެއް ކަމަށްވާ މާކެޓިން ކޮމިޓީގެ ޗެއާމަންގެ މަގާމަށް އޭއެފްސީން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކޮށްފި އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ޝަވީދު މިހާތަނަށް ފުރުއްވަމުން އައީ އޭއެފްސީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީގެ ވައިސް ޗެއާމަންގެ މަގާމެވެ. މާކެޓިން ކޮމިޓީ އަކީ އޭއެފްސީގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ކޮމިޓީއެވެ. އޭޝިއާގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއްގެ މާކެޓިންގެ ޕޮލިސީތައް ކަނޑައަޅައި ރާވައި ފަހު ބަސް ބުނާނީ މި ކޮމިޓީންނެވެ.
ޝަވީދަކީ އޭއެފްސީގެ ދާއިމީ ކޮމިޓީއެއްގެ ވައިސް ޗެއާމަންގެ މަގާމް އަދި ޗެއާމަންގެ މަގާމް ވެސް ފުރުއްވާ ފުރަތަމަ ދިވެއްސެވެ. ޝަވީދު ވަނީ މީގެ ކުރިން ފީފާގެ ބައެއް ކޮމިޓީތަކުގައި ވެސް މަސައްކަތްކުރި އެވެ.
އެފްއޭއެމުން ވަނީ މިފަދަ މުހިއްމު ފުރުސަތެއް ރާއްޖޭގެ ކުޅިވަރުގެ ތަޖުރިބާކާރު ފަރާތަކަށް ލިބުމަކީ ދިވެހި ފުޓްބޯޅަ އާއި ކުޅިވަރަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއްކަން ފާހަގަކޮށް ޝަވީދަށް މަރުހަބާ ކިޔައިފަ އެވެ.
ވީބީ ސްޕޯޓްސް ކްލަބް އުފައްދައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ޝަވީދު ވަނީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން އެ އިދާރާ ވެސް ދޮޅު އަހަރެއްހާ ދުވަހު ހިންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީ
12 July 2017
މަރުހަބާ!