މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަޒްލީން ވާހަކަ ދައްކަަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
23 ޖުލައި 2017 - 13:09
ގައުމު ހަލަބޮލިކޮށް، ނުރައްކާތެރި ރޭވުންތައް ރާވާ މީހުން ދަނީ ވަކިވަކި ފުލުހުންގެ ބޮލަށް "ސަވާރުވަމުން" ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވެފައިވާ ފުލުހުންގެ ޒިކުރާ އާކުރުމަށް އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި ރޭވުންތައް ރާވާ ބަޔަކު، ގައުމުގެ ޒިންމާދާރު ވަޒީފާގައި ތިއްބެވުމަށް ފަހު އިސްތިއުފާ ދެއްވައި ނުވަތަ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ފުލުހުންނާ ދިމާކޮށް، ފުރައްސާރަކޮށް ހަދާ ކަމަށެވެ. އަދި އެ މީހުންގެ އަމާޒަކީ ފުލުހުންގެ މަސައްކަތް ހުއްޓުވައި، ސިކުނޑިތަކަށް ސަވާރުވެ، ގައުމީ، ދީނީ ވާޖިބުން އެކަހެރިކުރުން ކަމުގައި އޭނާ ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވި ގޮތުގައި އެ ފަދަ މީހުން "ފުލުހުންނާ ތަޅަން މީހުން ނެރުން" ފަދަ ރޭވުންތައް ރާވަ އެވެ. އަދި މި ގޮތަށް އަމަލު ކުރަނީ ޑިމޮކްރަސީގެ ނަމުގައި ދުނިޔަވީ ބޭނުންތައް ހާސިލް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
ޝަހީދުވި ފުލުހުންގެ އާއިލާތަކާއެކު ބޭއްވި މި ޖަލްސާގައި އަޒްލީންގެ ވާހަކަ ނުސީދާކޮށް އަމާޒު ކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އެކަން ފުލުހުންނާ ގުޅިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
ޝަހީދު ވެފައިވާ ފުލުހެއްގެ އާއިލާގެ މެމްބަރަކާ ހޯމް މިނިސްޓަރު އަޒްލީން މިއަދު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މިނިސްޓަރު ވިދާޅުވީ އެންމެ ފުލުހެއްގެ ބޮލަށް ސަވާރުވެވުމަކީ ވެސް މުޅި ފުލުހުންގެ މުއައްސަސާ އަށް ލިބޭ ހިތްދަތި ކަމެއް ކަމަށެވެ. އެހެންވެ، އެ ފަދަ މުއާމަލާތުތަކާ ދުރުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
އަޒްލީން ވިދާޅުވީ "ބޮލަށް ސަވާރުވުމަށް" ވާހަކަތައް ދައްކާނީ ރަނގަޅު ނިޔަތެއްގައި ރަހުމަތްތެރިކަން ބަދަހިކުރުމުގެ މާނައިގައި ކަމަށާއި އެކަމަކު ވަކި ހިސާބަކުން، ބޭނުންވާ ގޮތަށް ފުލުހުން ފްރޭމް ކޮށްލުމަށް ފަހު އަގުވައްޓާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެހެންވެ، މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަން ސިފަ ކުރައްވައި ހުރިހާ ފުލުހުން ވެސް އެ ފަދަ ކަންކަމާ ދުރުހެލިވުމަށް އޭނާ ގޮވާލެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ހަމަލާ ދެވޭ ފަދަ ހާލަތަކަށް ގައުމެއްގެ ރައްޔިތުންގެ ސިކުނޑިތައް ތަޣައްޔަރު ކުރުމުގެ ބޭނުމުގައި ބޭރުގެ އެކި ޖަމާއަތްތަކުންނާއި ރާއްޖޭގެ ބަޔަކު ކަންކަން ރާވަމުންދާ ކަމަށެވެ. އަދި ފުލުހުންގެ މުހިއްމުކަން އެނގެން އޮތްއިރު ވެސް، ފުލުހުންނަށާއި އެ މީހުންގެ އާއިލާތަކަށް ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން އަދަބު ލިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޕޮލިސް މެމޯރިއަލް ޑޭ ގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އަޒްލީން ވިދާޅުވީ ގައުމު ހަލަބޮލިކޮށް އަބަދު ވެސް މައްސަަލަގަނޑެއްގެ ތެރޭގައި ބޭއްވުމުން ބައެއް މީހުންނަށް ލިބޭ އުފަލެއް ކަމަށެވެ. އަދި އެ ފަދަ މީހުން ގިނަ ފަހަރަށް މިކަންކަން ރާވަނީ ރާއްޖޭން ބޭރުގައި ކަމަށާއި އެ މީހުންގެ އަޒާމަކީ ރައްޔިތުންނަށް ގެއްލުން ދިނުން ކަމުގައި ވިދާޅުވި އެވެ.
"މި މީހުންގެ ފިކުރުގައި އޮންނަނީ ގައުމު ކޮންމެ ފަދަ ހާލަތެއްގައި ބާއްވާފައި ވެސް ތިމާމެންގެ ބޭނުންތައް ފުއްދުން. މި ފަދަ ކަންކަމުން ފުލުހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭ،" އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންގޮސްފައިވާ ބައެއް މުޒާހަރާތަކުގައި ފުލުހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވެރިކަން ކުރުމަށް ޑިމޮކްރަސީގައި ވަކި މުއްދަތެއް ހަމަޖެހިފައިވާ ކަަމަށާއި އެ މުއްދަތުގެ މެދުތެރެއިން، ސިޔާސީ ބޭނުންތަކަށް ބަޔަކު ގައުމު ހަލަބޮލި ކުރަމުން ދާ ކަމަށެވެ. އަދި މި ކަންކަމަށް ދިވެހި އެއްވެސް ރައްޔިތަކު އިޖާބަ ނުދިނުމަށް އަޒްލީން ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅުދުއްފުށި ބިއްލޫރި އެއާޕޯޓު ޓަވަރުން ވިދާޅުވަނީ
23 July 2017
އަހަރުމެން ބޮލައް އެރުނީ ޔާމިނު ދޮގާމަކަރުން
މުހައްމާ
23 July 2017
ފްރޭމް ކުރުމުގެ ކަންތައް އެންމެ ރަނގަޅަށް އެނގޭނީ ހަަމަ...
ހިތި ޒަހަރު
23 July 2017
އާނއެކޭ އާނއެކޭ ތިބާއީ ތެދުފުޅޭ! މަނިއްޕުޅު އިތުރުފުޅެއް ނުހައްދަވާނެކަން ޔަގީނޭ! ދެންފަހެ! ފުލުހުންގެ ބޮލަށް ސަވާރުވެގެން ފުލުހުންގެ ބުރަކަށީގަ ހަންމުށި އަޅަމުން ދުވަނީ މަނިއްޕުޅާ މަނިއްޕުޅުގެ އައުވާނުންކަން ނޭނގެނީ ކާކަށްތޯއެވެ. ދެންފަހެ މަނިއްޕުޅާ މަނިއްޕުޅުގެ އައުވާނުންނަށް ވުރެ ދިވެހި ރައްޔިތުންގެ ބާރު ގަދަކަން އިސާހިތު މަނިއްޕުޅަށް ފެނިވަޑައިގަންނަވާއެވެ. އޭރުން މަނިއްޕުޅާ މަނިއްޕުޅުގެ އައުވާނުން ފިލަން ދާނެތަނެއް ނޯންނާނެކަން ހަނދުމަކުރައްވާ ހުށި!
ދޮންތަކުރުފާނު
23 July 2017
މި މިނިސްޓަރަށް މިކިޔުނީ ކީކޭކަން އެނގިވަޑައިގަންނަވާ ބާވައެވެ! ތިޔަ ވިދާޅުވަނީ ދިވެހި ފުލުހުންނަކީ ބަޔަކުމީހުން ޖަހާހައި ބެރަކަށް ނަށާ ބައެއް ކަމަށްތޯއެވެ. ބަޔަކު ސަވާރުވާން އަންނައިރަށް ސަވާރުވެވޭނެ ފެންވަރުގެ ގާބިލުކަމެއް ނެތް ދެރަވަރު ބައެއް ކަމަށްތޯއެވެ. އެހެން ކަމަށްވާނަމަ ތިޔަ މަގާމުގައި ހުންނަވައިގެން ޒިންމާ އުފުއްލަވަންޖެހޭނީ މަނިކުފާނެވެ. މަނިކުފާނަށް ފުލުހުންގެ ސަފުތައް ބަދަހިނުކުރެވޭކަމަށް ތިޔަ ވެވުނީ އަމިއްލަ އިޢުތިރާފެކެވެ.
ސަންތީމަރީޔަނބު
23 July 2017
ފުލުހުންގެ ބޮލައް ސަވާރުވާ އީބީލީހަކީކޮބާ؟
ދޮންދީނި
23 July 2017
ހުރިހާ ކަމެއްވެސް ކުރަނީ ކަލޭމެން....އިންޝާ ﷲ އަދި ތި އަނިޔާވެރިކަމުގެ ހިތިކަން ދެކޭނެ...ބޮޑާ ކިބުރުވެރި ބައެއް..މިމީހުން ހިތަށްއަރަނީ ވެރިކަން ތާއަބަދު ކުރެވޭނެކަމަށް..
ސަމްތިނގް
23 July 2017
ބަޔަކު ފުލުހުންގެ ބޮލައް ސަވާރުވެގެންތޯ ފެންފޯއްރުއްތައް ކެނޑީ.ބަޔަކު ސަވާރުވެގެންތޯ ރައީސްމީހާ މީޑިޔާއައް އަރާ ފުލުހުން ފައިސާނެގި ވާހަކަ އިއުލާންކުރީ
Maldives
23 July 2017
ފުލުހުން ބޮލަށް ސަވާރު ނުވިޔަސް އެމީހުންނަކީ ހެޔޮވިސްނޭ އިންސާނުން. އެމީހުންނަށްވެސް އެންގޭނެ މިހާރު ޤައުމު ވެއްޓިފައިމިއޮތް ހާލަތު. އެމީހުންނަށް އެންގޭ އެމީހުނަށް އަންނަ ގައިރުގާނޫނީ އަމުރު.
ދިވެހިން
23 July 2017
ފުލުހުންގެ ބޮލަށް ސަވާރުވަމުންދަނީ ކޮންބައެއްކަމާއިމެދު އޮޅިއްޖެ. ޣައިރު ޤާނޫނީ އަމުރުތައް ފުލުހުންގެ ބޮލަށް ކުރާ ބައެއް ނޫންތައް ފުލުހުންގެ ބޮަލަށް ސަވާރުވާ ބައަކީ؟
އަފިހުން ގޮއްޔެ
23 July 2017
މިނިސްޓަރޫ ބުނަން ވާހަކައެއް، ރައްޔިތުންގެ ބޮލަށް ފުލުހުންގެ ބައެއް މީހުން ސަވާރު ވަންޏާ ރައްޔިތުންގެ ތެރޭންވެސް ފުލުހުންގެ ބޮލަށް ސަވާރުވެވެން ތިބި ބަޔަކު ސަވާރު ވާނެ، އެކަން އޮންނަންޖެހޭނީ އެގޮތަށް، އަދި މިނިސްޓަރުގެ ބޮލަށް ސަވާރުވާތަންވެސް ﷲގެ އިރާދަފުޅުން ދައްކަވާނެ.