މިދިޔަ ހަފްތާގައި ބުރަކައްޓަށް ވަޅިޖަހައި ޒަޚަމްކޮށްލި މީހަކަށް ފުލުހަކު އެހީތެރިވަނީ: ސިޔާސީ މީހުންގެ ބޭނުންތައް ފުއްދަން ގޭންގުތައް ބޭނުންކުރޭ.
03 އޯގަސްޓް 2017 - 06:35
"ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ސުލްހަވެރި ގައުމު ކަމުގައި އަހަރެމެން އެއް އިރެއްގައި ގަބޫލުކުރީމެވެ."
ފޭސްބުކް ޕޭޖު "ދަ ލޮޖިކަލް މޯލްޑިވިއަން"ގައި ބުނެފައި އެ އޮތީ ވަރަށް ބޮޑު ހަގީގަތެކެވެ.
ތެދެކެވެ؛ މީހެއްގެ ގައިގައި ކަޓަރު އަޅައިފިޔޭ ބުނީމާ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންނަށް ސިހުން ލިބުނަސް، މިހާރު އެއީ ނޫސްތަކަށް އަރާ ވަރުގެ ޚަބަރެއް ވެސް ނޫނެވެ. މާރާމާރީތަކާއި ވަޅި ހެރުމާއި މީހުން މެރުން އެހާ ވެސް ބޮޑަށް އާއްމުވެ، "އާދައިގެ" ކަމަކަށް ވީ އެވެ. ކީއްވެގެން ހެއްޔެވެ؟
އޭރާއި މިހާރަށް ބަލާ އިރު، އެންމެ ބޮޑު ބަދަލަކީ ސިޔާސީ ނިޒާމެވެ. އެކަމަކު ގޯސްކުރަންވީ ޑިމޮކްރެސީ ހެއްޔެވެ؟
މާލޭގެ ކެފޭއެއްގައި އިންދާ ނަދީމް އަބްދުއްރަހީމް، 24، އަށް ދިން ހަމަލާތަކުގައި ޒަޚަމްވެ އޭނާ މަރުވިތާ ހަތަރު ދުވަސް ފަހުން، ފިހާރައެއް ތެެރޭގައި އަހްމަދު އަނަސް، 25، މަރާލުމާ ގުޅިގެން ސޯޝަލް މީޑިއާ ދަނީ ގުގުމަމުންނެވެ. އެކަމަކު މިއީ ދިވެހިންނަށް "ސިހުމަކަށް ނުވާ ސިހުމެކެވެ." އާ ކަމެއް ނޫނެވެ.
އެންމެ ފަހުން މަރާލި ނަދީމް އާއި އަނަސްގެ މަހާނަ ޖެހިޖެހިގެން
ޔާމީން ރަޝީދުގެ އަނިޔާވެރި މަރަށް 100 ދުވަސް ވީ އިރު، ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓުގައި މަރާލި އިސްމާއީލް އުމަރާ އެކު، މި އަހަރުގެ މިހާތަނަށް ގަތުލުކުރި މީހުންގެ އަދަދު ހަތަރަކަށް އެރީ އެވެ. ޒުވާން ކައްޕި އަނަސްގެ ހަށިގަނޑުން ދެމުނު ލޭ ކޯރު ފެނި، ރާއްޖެ އިން ފައިބައިގެން ދާ ހިސާބަށް ރުޅި ގަދަވެފައި ތިބެގެން ދިވެހިންނަށް ގޮވަން މި ޖެހެނީ އެއް ގޮވެލިފައްޗެކެވެ. ފުލުހުން ކޮބާ ހެއްޔެވެ؟ ގޭންގުތައް ނުހުއްޓުވިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟
ގަތުލުކުރުމުގެ ފަހުގެ ތާރީޚު އަޒްލީނާ ނަފީސުގެ މަރުން ފަށާ ނަމަ، 2001 އިން ފެށިގެން މިހާތަނަށް މަދުވެގެން 61 މީހަކު (ކުޑަކުދިން ވެސް ހިމެނޭ) މަރާލާފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ގޭންގުތަކުން ތޫނު ހަތިޔާރުން ކަތިލި މީހުންނެވެ. ރެއެއް ދުވާލެއް، ދަންވަރެއް އިރާކޮޅެއް ބެލުމެއް ނެތި އާއްމު ތަންތަނުގައި މީހުން މަރާކަށް މިހާރު ޖެހިލުމެއް ނުވެ އެވެ.
"މި ކަން ނިމުމަކަށް ގެންނަން ފުލުހުން ސީރިއަސް މަސައްކަތެއް ކުރާނީ... މިފަދަ ކިތައް މަރު އައިސްގެންބާ؟" ފޭސްބުކްގައި މުހައްމަދު ޝިހާބު ސުވާލުކުރި އެވެ.
"ބައެއް މީހުން ބުނާނެ، ގޭގައި ހުރެގެން ފޭސްބުކްގައި އެއްޗެއް ލިޔެލީމާ ވަނީ ކޮން ކަމެއް ހެއްޔޭ. އެކަމަކު އަހަރެން ދެކޭ ގޮތުގައި، ޒިންމާ އަދާކުރަން ޖެހެނީ ރައްޔިތުންނެއް ނޫން، އަހަރެމެން މުސާރަ ދީފައި ތިބި މީހުން."
Murders in Maldives
an effort to document all murders that have taken place in the country since 2001
Murders in Maldives
2001 އިން ފެށިގެން ރާއްޖޭގައި މަރާފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ވެބްސައިޓް "އެމްވީ މާޑާސް"
ފުލުހުން ސިޔާސީ މީހުންގެ ފަހަތުން ދުވުމުގައި އަވަދިނެތި އުޅޭ ދަނޑިވަޅެއްގައި މި ކަހަލަ ހާލަތެއް އައިމާ ފާޑުކިޔުން އަމާޒުވާލެއް ވަކިން ބޮޑުވާނެ އެވެ. ނުވި ތާކަށް، މި ދުވަސްކޮޅު ފުލުފުލުން ހިންގަމުން ގެންދާ މާރާމާރީތަކުގައި "ސިޔާސީ ގޮތުން މީހަކު ނުބައި ރޯލެއް ކުޅެމުންދޭތޯ" ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އެ އޮތީ ވިދާޅުވެފަ އެވެ. އަޒްލީންގެ އެ ވާހަކަ ވެސް އަދި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ ތުހުމަތު ވެސް ރައްދުވަނީ "ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލަބޮލިކުރުމަށް" އުޅޭ އިދިކޮޅު ފަރާތްތަކަށެވެ.
އެކަމަކު ސިޔާސީ އެއްވެސް ފަޅިއަކަށް އެ ތުހުމަތުން ބަރީއަވެވޭކަށް ނެތެވެ. ސިޔާސީ މީހުންނާއި ގޭންގުތަކާ ދެމެދު އޮންނަ ގުޅުމަށް އިންކާރެއް ނުކުރެވޭނެ އެވެ. އެކަން ދިރާސާ އިން ވެސް އެނގި، ލިޔުމުން ފެންނަން ވެސް އެބަ އޮތެވެ.
ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ (ބައެއް ފަހަރު އެއީ އެއް ބައެއް) ބޭނުންތައް ފުއްދަން ފައިސާ ދީގެން ގޭންގުތައް ލައްވައި ކުށްކުރުވާކަން 2012 ވަނަ އަހަރު ނެރެފައިވާ "ރެޕިޑް ސިޗުއޭޝަން އެސެސްމެންޓް އޮފް ގޭންގްސް އިން މާލެ" ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒު އިސްކޮށް ހުންނަވައިގެން މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް އާއި ދި އޭޝިއާ ފައުންޑޭޝަނުން ކުރި އެ ދިރާސާގައި ގޭންގުތަކުގެ މީހުން ކިޔައިދިން ގޮތުގައި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނަށް ކަންތައްތައް ކޮށްދީގެން އެ މީހުންނަށް އާމްދަނީ ލިބެ އެވެ.
"ސިޔާސީ މުޒާހަރާތަކުގައި ބައިވެރިވުމަށާއި ސިޔާސީ ހަމަނުޖެހުންތައް ހިންގަން، މުދަލަށް ގެއްލުން ދޭން، ނުވަތަ ތިން ވަނަ ފަރާތަކަށް އަނިޔާއެއް ދޭން...ފައިސާ އާއި ރާ ފަދަ ތަކެތި ގޭންގުތަކަށް ދެ އެވެ. މީޑިއާގެ ސަމާލުކަން ސިޔާސީ މައްސަލަގަނޑަކާ ދުރަށް ގެންދަން އާއްމު ގޮތެއްގައި ކޮންމެވެސް ގޭންގަކަށް ފައިސާ ދީ ހަދަ އެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
ޑިމޮކްރެސީ އާއި ޕާޓީ ނިޒާމް ކުށްވެރިކުރަން އާއްމުންނަށް ފަސޭހަވާ ސަބަބަކީ މިއީ އެވެ.
މައްސަލައަކީ ނިޒާމެއް ނޫނެވެ. ނިޒާމް ހިންގަން ތިބި މީހުންނެވެ. އަހަރެމެން ރައްޔިތުންނެވެ.
https://asiafoundation.org/resources/pdfs/GangViolenceReportFINAL.pdf
މާލޭގެ ގޭންގުތަކާ ބެހޭ ދިރާސާގެ ރިޕޯޓް
ޝިހާބުގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓްކުރި ނާޝިދު ހުސެން ފިކުރީ ބުނި ގޮތަށް، ރައްޔިތުންގެ ޒިންމާއެއް ވެސް އެބަ އޮތެވެ. އެއީ "ޒިންމާދާރުކުރުމުގެ ޒިންމާ" އެވެ.
"ތަންދޮރު ނުދަންނަ ގަމާރު ވެރިން އުފެދެނީ ތަންދޮރު ނުދަންނަ ގަމާރު ރައްޔިތުންގެ ސަބަބުން. އާއްމުންގެ ގަމާރުކަން އެ މީހުންގެ ފައިދާ އަށް ބޭނުންކުރަން އެފަދަ ވެރިން ފަހަތަކަށް ނުޖެހޭނެ،" އެހެން ޒުވާނެއްގެ ޚިޔާލަކީ މިއީ އެވެ.
ތަރައްގީ އާއި ފާގަތިކަމާއި ޒަމާނީވުމުގެ ތެރެއިން އަދި ބޭރުގެ ސަގާފަތްތައް ދިވެހިންގެ ދިރިއުޅުމާ މަސްހުނިވުމުގެ ސަބަބުން އަންނަ ތޮބީއީ ބަދަލުތަކެއް ނުހުއްޓުވޭނެ އެވެ. މައްސަލައަކީ އެ ބަދަލުތައް ދިޔަ ދިމާލެވެ. ރަނގަޅުވުމުގެ ބަދަލުގައި ނުބައިވުމެވެ. ތެދެކެވެ؛ އެކަމުގައި އެންމެން ވެސް ކުށްވެރިވެ އެވެ. ހަމައެކަނި ފުލުހުންނާއި ސަރުކާރެއް ނޫނެވެ. މައިންބަފައިން ވެސް މެ އެވެ. އެކަމަކު ގައުމު މި އަނދަވަޅަށް ވައްޓާލުމުގެ ޒިންމާ ސިޔާސީ ވެރިން ނަގަން ނުޖެހޭނެ ގޮތެއް ނޯންނާނެ އެވެ.
ފޭސްބުކްގައި ޒުވާނަކު ކޮމެންޓްކުރި ފަދައިން، ރާއްޖެ މި އޮތީ ސިޔާސީ މަގްސަދުތައް ހާސިލްކުރަން ބޭނުންކުރާ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފަ އެވެ. ބައިބައިވުން އުފެދި، ތަޅާފޮޅައި، އެކަކު އަނެކަކު ކަތިލާ ހިސާބަށް ދިޔަ ސަބަބަކީ އެއީ އެވެ.
"ހިތާމައަކީ ގައުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާ އިރު ވެސް މި ކަމާ ދެކޮޅަށް ތެދުވަން އެކަކު ވެސް ތައްޔާރު ނޫންކަން. މި ކުޑަ ގައުމަށް ޑިމޮކްރެސީ މި ވީ މުސީބާތަކަށް،" އޭނާ ބުންޏެވެ.
"ދަ ލޮޖިކަލް މޯލްޑިވިއަން" ބޭނުންވަނީ ކުރީގެ ސުލްހަވެރި ރާއްޖެ އަނބުރާ ގެންނާށެވެ. އެކަަމަކު ދެން އެކަން ވެދާނެ ހެއްޔެވެ؟
ކަންތައް މާ މައްޗަށް ހިނގައްޖެ އެވެ. މައްސަލަ މާ ބޮޑަށް އޮޅުންބޮޅުން ވެއްޖެ އެވެ.
ދިވެހިން ދެން އަބަދުވެސް ތިބޭނީ ކުރީގެ އަމާން ދިރިއުޅުން ހަނދާންވެ، ހިތަށް ތަދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެނބަދޫ ރައްޔިތުން ގެއްލިގެން ހޯދާ މެންބަރެއް މއރފ
03 August 2017
އަޅުގަނޑު ގަބޫލު ކުރާގޮތުގައިރާއްޖޭގެ ކަންތައް މިދަރަޖައަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް މއމނ. ސަބަބަކީ 1998 ވަނަ އަހަރުގެ ނޮވެންބަރ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ހަމަލާގައި ބައިވެރި ވި ހާއިނުން މެރުމަށް އޭރުގެ ހައިކޯޓުން ކުރި ހުކުމް ތަންފީޒު ނުކުރުން. އިސްލާމީ ޝަޜިއަތާއި ހިލާފަށް ވާރިސުންގެ ބަސް ނެތި ހާކިމާ އެ ފަރާތްތަކުގެ ހުކުން ލުއި ކޮއްދެއްވި.
ހެނބަދޫ ރައްޔިތުން ގެއްލިގެން ހޯދާ މެންބަރެއް މއރފ
03 August 2017
1988 ނޮވެމްބަރު 3
ހަމީދު
03 August 2017
ކުށްވެރިންގެ ރާއްޖެއަކަށް ހެދި މީހާ. އެއީ އަންނި
އަހަންމައިދީ
03 August 2017
ހުރިހާ ޒިންމާއެއް ރައްޔިތުން. ނަފުސު ވިއްކައިގެން ފައިސާ ހޯދައިގެން ކުރިމަތިލީމާ މެމްބަރުކަމަށް ހޮވާހޮވުން. މޮޅެތި ވަޢުދުތަކާއި، ދެފުށް ދެގޮތްވާހަކަތަކާއި ފައިސާގެ ނުވަތަ މަތީ މަޤާމްތަކުގެ ބޭނުމުގަ ވޯޓުދީގެން ވެރީން ހޮވުން. ވޯޓު ހޯދަނީވެސް ނާޖާއިޒު ފައިސާ ޚަރަދުކޮށްގެން. ގޭންގުތައް ގެންގުޅެނީވެސް ނާޖާއިޒު ފައިސާ ޚަރަދުކޮށްގެން. ރައްޔިތުން ހަމަގަމާރީ، އެހެންވީމަ ވެރިންވެސް މެންބަރުންވެސް މުޅިޤައުމުވެސް...... ވިސްނާ ފިކުރުކުރޭ ވިސްނާ ފިކުރުކުރޭ މިރާއްޖޭގައި ހަމަޖެހިގެން އުޅެވެންއޮތީ މިކަންކަމުން ސަލާމަތްވެތިބެގެން. މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެތިބެގެން ރިޝްވަތާއި ފަސާދައިން ސަލާމަތްވެވިގެން.
ޓަކާޓަކާޓަކާ
03 August 2017
ސިޔާސީ ގޮތުން ދައުލަތް ބަލިކަށިވެ މީޑިޔާގަ ދައުލަތުގެ ބަރަހަނާ ވާހަކަތައް ގިނަވުމުން ސުރުހީ ބަދަލުކޮއްލަން ގުރޫޕްތަކައް ފައިސާ ބެހުން ހުއްޓާލަނީ ދެންދިމާވާނީ މިކަހަލަ ކަމެއް ޝުކުރިއްޔާ ގައުމު
މުޙުއްމާ
03 August 2017
ޒިންމާ ވާންޖެހޭނީ ވަޅިހެދި ކުންފުނި.
ފޫހި
03 August 2017
އަހަރެން ބުނާނީ މިހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ ރައްޔިތުންނެވެ. މިހެން މިބުނަނީ ރައްޔިތުންގެ ހޭލުންތެރިކަން ދައްކަމުން މުހިންމު މަޤާމުތަކަށް މީހުން އިންތިޚާބުކުރާއިރު ވިސްނަންވާވަރަށް ނުވިސްނާ ހަމަ ޕާޓީން ނުކުންނަ މީހުންނަނަށް ވޯޓް އަޅާތީއެވެ. މި ކަމުގެ ސަބަބުން މުޅި ނިޒާމްތައް ވަނީ ހަލާކުވެފައެވެ. މީގެ ސަބަބުން ރައްޔިތުންނަށް މިވަނީ މުޞީބާތަކަށް މިކަން ވެފައެވެ. ޢަދުލުވެރިކަމެއްނެތެވެ. އެމީހަކަށް ލިބުނުގޮތަކުން ލިބުނު އެއްޗެއް ހޯދަނީޔެވެ. ދާނެތަނެއްވެސް ނެތެވެ. އެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގެ ދިޔައޭ ބުނާ އުޞޫލުން ނުބައި ރައްޔިތެއްގެ ތެރޭން ނުކުންނާނީވެސް ނުބައި ވެރިންނޫންތޯއެވެ؟
އަހުމަދު
03 August 2017
އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބެލެނިވެރިން ނުވަތަ މައިން ބަފައިންބާއޭ ދަރިފުޅު ނުކަތާ ވަރަށް ފައިސާ ގެންގުޅެ އެފައިސާ މައިން ބަފައިންނަށް ދީ އެފައިސާއިން ބޭނުން ކަމެއް ކޮށް އުޅޭއިރު ދަރިފުޅާ ތިއީ ކޮންތާކުން ކިހިނެތް ހޯދި ފައިސާ ހޭ އަހާލަނީ. ނުވަތަ ކޮންކޮން ރައްޔިތުންނެއް ތޯއޭ އެމީހުންގެ މެންބަރު ފައިސާ އިން ފެންވަރަމުން ދާއިރު ތިފައިސާއަކީ ކިހިނެތް ހޯދި ފައިސާ އެއްތޯ އަހާލަނީ ނުވަތަ ހިތައް އަރުވާލަނީ.
ހަސަނާ
03 August 2017
އަޅުގަނޑުމެން މިދައްކަނީ ކުދިން ގޯސްވާ ވާހަކަ ކުދިން ބަސްނާހާ ވާހަކަ. އަޅުގަނޑުމެން އެކަކާ އިނދެފަ ދެތިން ދަރިން ދީފަ އަނެކަކާ އިނދެފަ ދާތަނެއް ނުފެނޭ.
ދަވޭ
03 August 2017
ދިވެހި ރާއްޖޭގައި ގޭންގް މާރާމާރީ ހިންގަނީ ސިޔާސީ މީހުން އަޑީގައި ތިބެގެންނެވެ. ޔާމީން ރަޝީދު މަރާލުމުގައި ވެސް އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވަކި ކޮޅަކަށް ވޯޓް ހޯދިޔަ ނުދޭން ރޭވި ރޭވުމެކެވެ. މިކަން އިނގޭނެ އެ މަރު ދިޔަ ގޮތާއި އަދި އެމަރަށް ފަހު ސިޔާސީ މީހުން ސްޕެޝަލީ މަޖްލީހުގެ މެމްބަރުން ގެ ހަރަކާތުން ވަރަށް ރީއްޗަށް.
ދދ
03 August 2017
މަޖިލިސްގެ ރައިސު މަސީހު ހިމާޔަތް ކުރި ގޮތަށް އެމަރުވި ކުދިން ސިފައިން ހިމާޔަތް ނުކުރީ ކީއްވެބާ؟