އަމާންކަން ގާއިމްކުރެވޭނީ ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލައިގެން: އަދާލަތު

ވަޅި ހެރުމާއި މީހުން މެރުން އާއްމުވެ، މުޖުތަމައު ވެއްޓިފައިވާ ބިރުވެރި ހާލަތުން އަރައިގަނެ އަމާންކަން ގާއިމްކުރެވޭނީ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލައިގެން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.


މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގައި ވަޅި ހަރައި އުމުރުން 14 އަހަރުގެ ދެ ކުއްޖަކު މަރާލި މައްސަލާގައި ނެރުނު ބަޔާނުގައި އަދާލަތު ޕާޓީން ބުނީ "އަމާންކަން ގާއިމްކުރަން އަދުލު އިންސާފު ކޮންމެހެން ގާއިމްކުރަން ޖެހޭ" ކަމަށެވެ. ސަލާމަތީ ބާރުތަކާއި ޝަރުއީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް، ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށް އަދާލަތުގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

މާރާމާރީތަކާ މެދު ކަންބޮޑުވުންފާޅުކޮށް، ހައްގަކާ ނުލައި މުސްލިމެއްގެ ލޭއޮހޮރުވާނުލުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.

މާލޭގައި މާރާމާރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި ސިފައިން ފޯރިމަރަނީ

އަދާލަތުން ބުނީ ތަޅާފޮޅުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ހުއްޓުވައި މުޖުތަމައުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ކަށަވަރުކޮށްދިނުމަކީ ކޮންމެ އިސްލާމީ ދައުލަތެއްގެ ވެސް އެންމެ މުހިއްމު އެއް ވާޖިބު ކަމަށެވެ. ދިވެހި ސަރުކާރުގެ ކުރިމަތީގައި ވެސް، ރައްޔިތުންގެ ލެ އާއި މުދާ ހިމާޔަތްކުރުމަށް ވުރެން އިސްކަން ދޭ އެޖެންޑާއެއް އޮވެގެން ނުވާނެ ކަމަށް ބަޔާނުގައިވެ އެވެ.

"ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކަމާގުޅުން ހުރި އެހެން މުއައްސަސާތަކުން އަހައްމިއްޔަތުކަން ދޭ ކަންކަން އަލުން ތަރުތީބުކޮށް މުޖުތަމައުގެ އަމާންކަން ގާއިމްކުރުމަކީ އެންމެ އަހައްމިއްޔަތު ކަން ދޭ ކަން ކަމުގައި ހަދަން ޖެހެ އެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި ވަކި ބައެއްގެ ޒާތީ މަސްލަހަތު ހިމާޔަތްކުރަން މުއައްސަސާތަކުގެ ވަގުތާއި ވަސީލަތްތައް ބޭނުން ކުރުން ހުއްޓާލަން ޖެހެ އެވެ. އަދި ސިޔާސީ ލީޑަރުން ނުހައްގުން ހައްޔަރުކޮށް، ފްރޭމްކޮށް ޖަލަށް ލައި ސިޔާސީ ހަރަކާތްތެރިންނަށް ބިރުދައްކައި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ބަދަލުގައި ކުށުގެ ވެށިން ޒުވާނުން ދުރުކޮށް ކުށްވެރިން ހުއްޓުވަން ޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ދެ ކުއްޖަކު މަރުވި މާރާމާރީ ހިނގާފައި ވަނިކޮށް ފުލުހުން 19 މީހަކު ހައްޔަރުކުރި އެވެ. އެކަމަކު ބަންދުގައި ބޭތިއްބޭވަރަށް ހެކި ނެތިގެން އެ އެންމެން ދޫކޮށްލާފައިވާއިރު، މަރުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ