ޒުވާނުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށް ދޭން އިދިކޮޅު ޕާޓީތަކުން ގޮވާލައިފި

މާރާމާރީތަކާއި ރޭވިގެން ހިންގާ ކުށްތައް އިތުރުވެފައިވާތީ ޒުވާނުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށް ދިނުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.


އިދިކޮޅު ހަރަކާތްތައް ހިންގަމުން އަންނަ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޒުވާނުން ގޮފީގެ ރައީސް މީކާއިލް ނަސީމް ވިދާޅުވި ގޮތުގައި ދެ ދުވަހުގެ ތެރޭގައި ތިން ޒުވާނަކު މަރުވީ މާރާމާރީ އާއި ޑްރަގުގެ ޝިކާރައަކަށްވެގެންނެވެ.

މިކަންކަން ހުއްޓުވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މުއައްސަސާތަކުން އެކަން ހުއްޓުވަން ނުކުޅެދިފައި އޮތް މިންވަރު ހާމަވަގެން ގޮސްފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް ވަނީ ދެ ޒުވާނަކު މަރުވެފަ އެވެ. ބެލެވިފައިވާ ގޮތުގައި އެ ދެ ޒުވާނުން މަރުވީ ބާރުގަދަ ޑްރަގްސްއަކާ އެކު އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުންނެވެ. އެ މައްސަލާގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

މީގެއިތުރުން ރޭ ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، ވަނީ މަރާލައިފަ އެވެ. އޭގެ އިތުރުން ރޭ މާލޭގައި ވެސް ވަނީ މާރާމާރީއެއް ހިންގައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެމްބަރު ނިޝާނާ ހަސަން ވިދާޅުވީ ރާއްޖޭގައި ޒުވާނުންނަށް ދަނޑުތަކެއް އެޅުމަށްވުރެ، އަމާން ވެއްޓެއް ގާއިމުކޮށް ދިނުން މާ މުހިންމު ކަމަށެވެ. ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ރައީސް ޔާމީން ކަންބޮޑުވުން ފާޅު ނުކުރެއްވުމާ ގުޅިގެން އޭނާ ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 29 މީހެއް މަރާލިއިރު، ސިފައިންނާއި ފުލުހުން ސިޔާސީ މީހުން ފަހައި ދުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް އަވަހަށް ކުރިއަށް ދާއިރު، ބޮޑެތި ކުށްވެރިން މަގުމައްޗަށް ދޫވެފައިވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.