މީހުން މެރުން ހުއްޓުވުމުގައި ސަރުކާރު އޮތީ ނުކުޅެދިފައި: އިދިކޮޅު ޕާޓީތައް

މާރާމާރީ އާއި މީހުން މެރުން ހުއްޓުވުމުގައި ސަރުކާރު އޮތީ ނުކުޅެދިފައި ކަމަަށާއި ގިނަ މަރުތަކަށް އިންސާފު ހޯދައިދިނުމާ ގާތަށް ވެސް ދެވިފައި ނުވާ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.


އިދިކޮޅު ޕާޓީތަކުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ޒުވާނުންނަށް ކާމިޔާބު ކުރިމަގެއް ހޯދައިދޭނެ ކަމުގެ ފޮނި ހުވަފެން ދެއްކެވުމަށް ފަހު އެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާ އާއި ތައުލީމާއި ކުޅިވަރުގެ ފުރުސަތުތައް އިތުރުކޮށްދޭނެ ކަމަށް ބުނި އިރު، މި ކަންކަން ކަށަވަރުކޮށްދެވޭނީ ޒުވާނުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދެވިގެން ކަމަށް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި މި ސަރުކާރު އައި ފަހުން ތިރީހަށްވުރެ ގިނަ މީހުން ނުހައްގުން މަރައިލި އިރު، ސަރުކާރުގެ އަމާޒު ހުރީ ސިޔާސީ ބޭނުމަށް ސްޕޯޓް ފިއެސްޓާ ހިންގުމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ޒުވާން ޖީލު ހަލާކުވަމުން ދާއިރު، މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔާފާރި ކުރާ ބޮޑުން ހޯދުމުގައި ވެސް ސަރުކާރު އޮތީ ނުކުޅެދިފައި ކަމަށް ބަޔާނުގައިވެ އެވެ.

"ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެ، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާ ބެހޭ ފަރާތްތައް ނުކުޅެދިފައިވާ އިރު، ސަރުކާރުގެ އަމާޒު ހުރީ ސަރުކާރާއި ޚިޔާލު ތަފާތުވާ ސިޔާސީ ކޮންމެ މީހެއް ޖަލުގެ ތޭރިތަކުގެ ފަހަތަށް ލުމަށެވެ،" އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.

މާރާމާރީތައް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަޔާނުގައި ބުނީ މުޖުތަމައުގައި ފެތުރެމުންދާ އަނިޔާވެރިކަމާއި، ލާއިންސާނިއްޔަތު ހުއްޓުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެންވެ، ސިޔާސީ ކަންކަމުން އެއްކިބާވެ، ސިފައިންނާއި ފުލުހުން ގައުމީ ވާޖިބު އަދާކޮށް، ދިވެހިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، ވަނީ މަރާލައިފަ އެވެ. ހާރިސް މަރާލުމުގައި އަމަލީ ގޮތެއްގައި ބައިވެރިވި ކަމަށް ބެލެވޭ 23 އަހަރުގެ ފިރިހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން ހަމަ އެރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން 13 މީހަކު ހައްޔަރު ކުރި އިރު، ޖުވެނައިލް ކޯޓުން ވަނީ އޭގެ ތެރޭގައި ހިމެނޭ ހަތަރު ކުއްޖަކު ދޫކޮށްލައިފަ އެވެ. އަދި ބާކީ ތިބި ނުވަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރު ކޮށްދީފަ އެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންނަކީ އަމަލީ ގޮތުން މިކަމުގައި ބައިވެރިވި ބައެކެވެ. އެކަމަކު، އެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މާރާމާރީ އާއި ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތް ވަރުގަދަކޮށް، ތުހުމަތު ކުރެވޭ މީހުންނާއި އުޅަނދާއި ތަންތަން ބަލައި ފާސް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.