ސިޔާސީ މީހުންނަށް އުނދަގޫވާ ކަންކަން ކުރެވުނު: ރައީސް ޔާމީން

ރާއްޖޭގެ ގައުމީ ސަލާމަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވި އިރު، ސިޔާސީ އެކިއެކި މީހުންނަށް އުނދަގޫވާ ކަންކަން ކުރެއްވިފައިވާ ކަމަށާއި ވޭތުވެ ދިޔަ ފަސް އަހަރަކީ އެ މަނިކުފާނަށް ފަސޭހަފުޅު ފަސް އަހަރު ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބުވުމަށް ފަހު، ދެ ވަނަ ފަހަރަށް ދިވެހި ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އިންސާފު ގާއިމު ކުރެވޭ އިރު، އެކި ފަންތީގެ މީހުންނަށް އިންސާފު ގާއިމުވާން ވާނީ އެކި މިންވަރަށް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އިންސާފު ގާއިމު ކުރުމަކީ އެ މަނިކުފާނުގެ ސަރުކާރަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށް ވެދާނެ އެވެ.

ސަރުކާރުން ފިޔަވަޅުތައް އެޅީ ދައުލަތުގެ ހައްގުގަޔާއި އެތައް ހާސް ރައްޔިތުންގެ ހައްގުގައި ކަމަށާއި އެ ކަންކަމާ ދޭތެރޭ ފިޔަވަޅު ނާޅައި ދޫކޮށްލި ނަމަ، ދައުލަތް ހިންގުމާއި ރައްޔިތުންގެ މަސްލަހަތާއި ސުލްހަވެރިކަން އޮންނާނެ ގޮތް އެ މަނިކުފާނުގެ ހިޔާލުފުޅަށް ގެންނެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

"އެކަމަކު، މިއަދު ވެސް ރަސްމީ ހިދުމަތުން ނުކުންނަ އިރު ވެސް އަޅުގަނޑު މި ނިންމި ނިންމުމާއި އަޅުގަނޑުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މި ދެންނެވި ކަންކަމުން ޖާގަ ހޯދާފައިވާ މިންވަރާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ކަހަލަ ޝަކުވާއެއް، ނުތަނަވަސްކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ގާނޫނު ތަންފީޒުކޮށް، ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމަށެވެ. އަދި އެ މަނިކުފާނު ވަޑައިގަތީ ގާނޫނުގެ ބާރަކީ ހުރިހާ އެންމެންގެ ކުރިމަތީގައި ހަމަހަމަ ބާރެއްކަން ކަށަވަރު ކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ނޫން އިންސާފެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު އިންސާފު ގާއިމުކޮށްފައި ހުންނާނީ އިންސާފު ގާއިމު ކުރުމަށް ރާއްޖޭގެ ގާނޫނުއަސާސީން އެކަށައަޅާފައިވާ ކޯޓުތަކުގެ ތެރެއިން ހުރިހާ މަރުހަލާއެއްގައި އިލްތިމާސްތައް ނިމިފައި، ދެން ހުކުމް ތަންފީޒު ކުރެވިގެން ގޮސްފައި ހުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ކަންކަމާ ދޭތެރޭގައި ރައްޔިތުންގެ ނުތަނަވަސްކަމެއް އޮތް ކަމަށްވާ ނަމަ، އެކަމުގައި އެ މަނިކުފާނަށް ކޮށްދެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ ރައްޔިތުންނާއި ދައުލަތުގެ ހައްގުގައި ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އެކަމަކާ އަޅުގަނޑު ހިތާމަ ކުރާ ކަމަކަށް ދަންނަވާކަށް ނެތިން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަމާ މީހަކު ހަވާލުވަނީ އިންސާފުވެރިކަމާ އެކީގައި އުސޫލުތައް ދެމެހެއްޓުމަށެވެ. އިންސާފުވެރިވުމަކީ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން ކަމަށާއި އިންސާފުވެރި ވާންވީ ހަމައެކަނި ޖިނާއީ އަދުލެއްގައި ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންސާފުވެރިވާނީ މީހުންގެ މަދަނީ ހައްގުތައް ވެސް ހޯދައިދިނުމަށް. މީހުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް. އަދި މުޖުތަމައުގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އެ މަނިކުފާނާއި ކެބިނެޓު މެމްބަރުންގެ ޓީމުން "ރެއާއި ދުވާލު" މަސައްކަތްޕުޅު ކުރެއްވީ ހަވާސާވެފައިވާ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ހައްގުތަކާއި އަދި މި ނޫން ވެސް ގިންތިތަކުގެ ހައްގުތައް ހިމާޔަތްކޮށް ދެއްވުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވަމުން، ވެރިކަމާ ހަވާލުވާން ތައްޔާރަށް ހުންނެވި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މެސެޖެއް ދެއްވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތަށް ނުވިސްނާ ނަމަ، ދައުލަތެއްގެ "ސިފައިގައި އޮވެގެން އަޅުގަނޑުމެން ދާނީ ކޮރު"ކަމާ އެކީގަ އެވެ. އެހެންވެ، ގައުމީ ސަލާމަތަށް އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވެސް އެންމެ އިސްކަމެއް ދެއްވީ ސިޔާސީ ލީޑަރުންގެ ވިސްނުމުގެ ބަދަލުގައި ގައުމުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށެވެ. އަދި އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ މުޅި ގައުމުގެ ހައްގުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރަސްމީ މަސައްކަތުން ދުރަށް ޖެހުނަސް، އަޅުގަނޑު ދެން ވެސް ހުންނާނީ ގައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި. ސިޔާސީ މަސައްކަތުގައި އެތައް ހާސް ރައްޔިތުންނާއެކު ކުރިއަށް ދިއުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލެއްވީ ގައުމުގެ ސަލާމަތާއި އަމާންކަމާއި ރައްޔިތުންގެ ހަމަޖެހުމާއި ބޭރުގެ ނުފޫޒުތަކުން ރައްޔިތުން ސަލާމަތްވެފައި ތިބެން ބޭނުންފުޅުވާ ކަމަށް ވިދާޅުވަމުންނެވެ.