އިދިކޮޅު ކެންޑިޑޭޓަކު ނެރުން ދާނީ ފަނުފުލުން: ޚަލީލް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތް ދާނީ ފަނުފުލުން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕާޓީތަކުން އިންތިޚާބުގައި ވާދަކުރާނެ އެއް ކެންޑިޑޭޓަކު ހޮވުމަށް އެކުލަވާލި ކޮމެޓީގެ މަޝްވަރާތައް މެދުކެނޑިފައި އޮތުމަށް ފަހު، ވަރަށް އަވަހަށް އެއް ކެންޑިޑޭޓާ ގުޅޭ ވާހަކަތައް ފަށާނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.

ޚަލީލް "މިހާރު" އަށް ވިދާޅުވީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ އިދިކޮޅުން ދައްކަމުން އަންނައިރު، ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ އެކަން އާއްމުންނާ ހަމައަށް ތިލަވެފައިވާ ކަމަށެވެ. އިދިކޮޅު އެމްޑީޕީ އަށް އެކަނި ބެލި ނަމަވެސް އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަމްސީލް ކުރައްވާ ފެކްޝަން، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ބަލަހައްޓަވަމުން ގެންދަވާއިރު، އެމްޑީޕީއާ ގުޅިވަޑަައިގެންނެވި ޑީއާރުޕީގެ ފެކްޝަނެއް ވެސް ހިންގާ ކަމަށް ޚަލީލް ފާޑުވިދާޅުވި އެވެ.

"މިއީ، އެމްޑީޕީގެ ހާލަތު. އެއާ އެކު، ޕާޓީތަކުގެ ތެރޭގައި ވެސް ކެންޑިޑޭޓުގެ މައްސަލަ އުފެދިފައި މިވަނީ. އޭގެ ހެއްކެއް ނޫންތޯ، ވަކިވަކިން މެނިފެސްޓޯ ހަދަމުން ދިއުން. އެމްޑީޕީން މެނިފެސްޓޯއެއް ހަދަމުން އަންނައިރު، ޖުމްހޫރީ ޕާޓީން ވެސް ވަކިން އެބަ މެނިފެސްޓޯއެއް އެކުލަވައިލާ. މީގެއިން މި އެނގެނީ، މި ބޭފުޅުންނަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަން،" ޚަލީލް ވިދާޅުވި އެވެ.

މެމްބަރު ހަލީލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން އިންތިޚާބަށް ވަކިވަކިން މެނިފެސްޓޯ އެކުލަވާލައި ވަކި ކެމްޕޭންތައް ކުރަން ނިންމީ، އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަން ޔަގީން ވުމުންނެވެ. އެމްޑީޕީި އާއި ޖުމްހޫރީ ޕާޓީން މެނިފެސްޓޯ އެކުލަވާލަމުން އަންނައިރު، އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަކި މެނިފެސްޓޯއެއް ހަދާ ތަން ފެންނާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުގެ މިސްރާބު ހުރި ގޮތުން އެއް ކެންޑިޑޭޓަކު ނެރުމަކީ ޕާޓީތަކަށް ވާނެ ކަމެއް ނޫނެވެ. އިންތިޚާބުގައި އިދިކޮޅު ކޮންމެ ޕާޓީއަކުން ވެސް ވާދަކުރާނީ، ޚަލީލް ވިދާޅުވި ގޮތުގައި، ވަކިވަކިންނެވެ.

އިދިކޮޅު ޕާޓީތަކުން ކޮންމެ ކެންޑިޑޭޓަކު ނެރުނަސް ރައީސް ޔާމީން ބަލި ނުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޚަލީލް ވިދާޅުވި އެވެ. އެއީ، އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި މިހާތަނަށް ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވި ތަރައްގީ އާއި ކުރިއެރުން ހޯއްދަވައިދެއްވުނު ސިޔާސީ އެހެން އެއްވެސް ލީޑަރަކު ނެތުމުން ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ބަލިކުރެވޭނެ ވަރުގެ އިދިކޮޅު އެއްވެސް ކެންޑިޑޭޓަކު ނެތް. އެމަނިކުފާނު ހޯއްދަވައި ދެއްވި ކުރިއެރުމާއި ތަރައްގީ ރާއްޖެ އަށް ގެނެސްދެވޭނެ ގާބިލްކަން ހުރި ބޭފުޅަކު ވެސް އިދިކޮޅުގައި ނެތް،" ޚަލީލް ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް ނެރުން ލަސްވާ މައްސަލައިގައި އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެމުން ޕާޓީތަކުން ބުނެފައި ވަނީ، ރައީސް ޔާމީން ބަލިކުރާނެ އިދިކޮޅު ކެންޑިޑޭޓް ހުރީ ތައްޔާރަށެވެ. ވަގުތު ޖެހުމުން އެއީ، ކޮންބޭފުޅެއް ކަން އިއުލާން ކުރާނެ ކަމަށާއި އެ ބޭފުޅަކު މިވަގުތު ހުންނެވީ ޖަލުގައިތޯ ރާއްޖޭއިތޯ ނުވަތަ ރާއްޖެ އިން ބޭރުގައިތޯ އެނގުމަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓު ކަނޑައަޅަން، ޕާޓީތަކާއި ކުރީގެ ރައީސް މައޫމޫން އަބްދުލްގައްޔޫމް ތަމްސީލް ކުރައްވާ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމެޓީއެއް އެކުލަވާލައި ބައްދަލުވުންތައް ބާއްވާއިރު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް އިންތިކާބުގައި ވާދަކުރަން ބޭނުންވެ އެވެ. ޖުމްހޫރީ ޕާޓީން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނެރެން ބޭނުންވާއިރު، އެމްޑީޕީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމަކު މި ދެ ބޭފުޅުންނަށް ވެސް ޖަލު ހުކުމް އިއްވާފައިވާތީވެ، އިންތިޚާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތުތައް ވަނީ ބަންދުވެފަ އެވެ. މިހެން ވިޔަސް ޕާޓީތަކުން އުއްމީދު ކަނޑައެއް ނުލަ އެވެ. ރިޔާސީ އިންތިޚާބު ބާއްވަންވާއިރަށް ސިޔާސީ މަސްރަހަށް ބަދަލުތަކެއް ގެނެސް އިދިކޮޅު ލީޑަރުންނަށް އިންތިޚާބުގައި ބައިވެރިވެވޭނެ ގޮތެއް މަގުފަހިކުރަމުން އަންނަ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ.