ހުޅުލޭ ފަޅުތެރެއިން އަލަށް ހިއްކި ސަރަހައްދުގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތްކުރަނީ. އެމްއޭސީއެލް
03 އޯގަސްޓް 2017 - 13:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ހިއްކާފައިވާ ސަރަހައްދުގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތްކުރަމުން އަންނާތީ އެ ރަށުގެ ހުޅަނގު ދެކުނު ނެރު އާދިއްތަ ދުވަހުން ފެށިގެން ވަގުތީގޮތުން ބަންދުކުރަން ނިންމައިފި އެވެ.
އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުން އިތުރު ބިން ހިއްކުމާއި ޝީޓް ޕައިލިންގެ މަސައްކަތް އެ ސަރަހައްދުގައި ކުރަމުން އަންނާތީ، ހުޅުލެ އަށް ވަންނަން އާއްމުކޮށް ބޭނުންކުރާ ނެރުނު ބަންދުކުރަން ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 16ގެ ނިޔަލަށެވެ. އާދިއްތަ އިން ފެށިގެން ހުޅުލެ އަށް ވަންނަން ބޭނުންކުރާނީ ހުޅުލޭ އައިލެންޑް ހޮޓާ ކައިރިން ވަންނަން ހަދާފައިވާ ނެރުންނެވެ.
"މި މުއްދަތުގައި މިފަދަ އުޅަނދުތައް ހުޅުލޭ ފަޅަށް ވަނުމަށްޓަކައި ބޭނުންކުރާނީ ހުޅަނގު އުތުރު ނެރު. އަދި ހުރިހާ އުޅަނދުތައް ހުޅުލޭ ފަޅުން ނުކުތުމަށް ބޭނުންކުރާނީ މެދުގައި އޮންނަ ނެރު،" އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.
އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ހުޅުލޭ ހުޅަނގުން ހިއްކާފައިވާ ބިމުގެ ޝީޓް ޕައިލިންގެ މަސައްކަތް މިހާރު ވަނީ ފަށައިފި އެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ހިންގާ 300 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ ވަސީލަތްތައް ހިމެނޭ ޓާމިނަލެއް އަޅަން ވަނީ މިދިޔަ އަހަރު ހަވާލުކޮށްފަ އެވެ. އަދި އެ ޓާމިނަލްގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
03 August 2017
އެއާޕޯޓައް އަރާލީމާ ތަރައްގީ ވާކަން އެބައެގޭ ނަޝީދު އެއާޕޯޓު ތަރައްގީ ކުރަންއޫޅުނީ ވިއްކާލާގެން ޔާމިނަކީ ހިންގުންތެރި މީހެއް ބަސްމަދު އަމަލްގިނަ މީހެއް.