ބީޖީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ވެސްޓް އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ޖޫން 2016 - 01:23
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބީޖީ ސްޕޯޓްސް 2-0 އިން ބަލިކޮށް މި ފަހަރު ލީގުގައި ވިކްޓަރީ ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ.
މިރޭގެ މެޗުގެ ކުރިން ވިކްޓަރީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ވިކްޓަރީ ވަނީ މި މޮޅާ އެކު ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ ބައްޔާއެކު ބީޖީ ވަނީ ލީގުގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. ހަަ މެޗުން އެ ޓީމަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ވިކްޓަރީގެ ދެ ލަނޑު ވެސް މެޗުގެ ދެ ވަނަ ހާފްގައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގޮޑްފްރޭ ވެސްޓް އެވެ.
ރަސްމީ ބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން 17 ވަނަ މިނިޓްގައި ބީޖީގެ ބިދޭސީ ފޯވާޑް ކިންގްސްލީ އެލެޗީ އަށް ވަނީ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފައްދަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ވިކްޓަރީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ކިންގްސްލީ ލަސްކޮށްލުމުން އެ ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފްގައި ވިކްޓަރީގެ ފަރާތުން މާ އެދެވޭ އެޓޭކްތަކެއް ނުފެނުނު ނަމަވެސް ދެ ވަނަ ހާފްގައި އެ ޓީމުން ކުޅުން ރަނގަޅުކުރި އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ވިކްޓަރީގެ މުހައްމަދު ރިޝްވާން ނަގައިދިން ހުރަހަކުން މުހައްމަދު ތަސްނީމް (ތައްތި) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ވިކްޓަރީން ލީޑު ނެގީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. ތައްތި މަތިން ނަގައިދިން ހުރަަހަކުން ބީޖީ ހާފް ތެރޭގައި ހުސްކޮށް ހުރެ ވެސްޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ވެސްޓް ވަނީ އޭގެ ހަތަރު މިނިޓް ފަހުން ދެ ވަަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެދުތެރެއިން ހުސްކޮށްލާފައި ވެސްޓް އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަަށް ވަދެ އޭނާ މި ލަނޑު ޖެހީ ބީޖީގެ ކީޕަރު މުހައްމަދު ސާގިބު ކައިރިން ނައްޓާލުމަށް ފަހު އެވެ.
ބީޖީން ވަނީ މެޗުގެ ފަހު ދިހަ މިނިޓްގައި ލަނޑެއް ކާމިޔާބުކުރަން ގިނަ އެޓޭކްތަކެއް ކޮށްފަ އެވެ. އެ ޓީމުގެ އަހުމަދު ޖައިލަމް އަށް ވިކްޓަރީ ހާފް ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ވިކްޓަރީ ކީޕަރު ހަސަން ތޮލާލް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.
ލީގުގައި މާދަމާ ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ މާޒިޔާ ސްޕޯޓްސްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަދީމާ
28 June 2016
ﷲ އިރާދަ ކުރެއްވިއްޔާ ދެން މެޗުން ބީޖީ މޮޅު ވާނެ. އެއްވެސް ކުޅުންތެރި އަކު ހިއްވަރު އެލުވާ ނުލާތި.
ހަސަން
28 June 2016
ކިތައް މީހުން ދަނޑަށް ވަންތަ؟ ފުރިބާރުވެފަދޯ އޮތީ.
ވިކްޓްރީ ފޭން
28 June 2016
މަރުހަބާ ވިކްޓްރީ މަރުހަބާ ނަޒީޚް
ރީހާން
28 June 2016
ބީޖީ ގެ ހުރިހާވެސް މައްސަލަ އަކީ ބޭރު ފޯވާޑައް ގޯލު ނުޖެހޭތީ. އެހެޔޮ ކިތަންމެ ހުސްކޮއް ލިބުނަސް.
ނިހާން
28 June 2016
ބީޖީ ކޯޗު ބޭނުން ވަނީ އަބަދު ބޮޑު ބޯޅަ ޖަހައިގެން ގޯލު ޖަހުވަން. ތިގޮތައް ތިކަމެއް ނުވި އެއްނު. 3 ޕާސް ހަމަ ޔައް ނުޖެހޭ އަބަދު ކުރިއައް ޖަހަން ވަކި މީހެއް ނޯވޭ.. އަޅެ ކީއްތަވާނީ ޕާސް ކޮއްގެން އެޓޭކް ކުރެވޭތޯ ބެލިއްޔާ. މޮޅެތި ކުޅުންތެރިން އެބަތިބި ވިއްޔަ.