ރިޕޯޓް / ޕީޕީއެމް ކެމްޕޭން

ތަރައްގީއޭ ކިޔާއިރު މި ހަގީގަތް ގަބޫލު ކުރާކަށް ނުވޭތަ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދޫކޮށްލަން ގޮވާލައި ގދ. ތިނަދޫގައި މިދިޔަ މުޒާހަރާކުރަނީ. ތަރައްގީއޭ ކިޔައީ ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަތުމަށް ފަހު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުން.

ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ރައީސް އަބްދުﷲ ޔާމީން މިވަނީ ފައްޓަވައި ދެއްވައިފަ އެވެ. ބްރިޖާއި އެއާޕޯޓާއި އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސެވެ. ރަށްރަށުގައި ފެނާއި ނަރުދަމަ އާއި މަގު ހެދުމެވެ. މިހެން ގޮސް ތަރައްގީގެ އެތައް މަޝްރޫއެކެވެ. އިންތިހާބުތަކުގެ ކެމްޕޭނަށް ޕީޕީއެމުން "ވިއްކަނީ" ވެސް މި މަޝްރޫއުތަކެވެ.

ޕީޕީއެމުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ޔާމީނަށް އެންމެން "އަތް ޖަހަންވީ" މި ސަބަބާ ހެދި އެވެ. އެކަމަކު މި ތަރައްގީ ރައްޔިތުން ބަލައިގަނޭ ހެއްޔެވެ؟

ނިމިގެން ދިޔަ ކައުންސިލް އިންތިހާބު އިދިކޮޅު ޕާޓީތަކުން ކާމިޔާބުކޮށް، އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ގިނަ މެމްބަރުން ސަރުކާރާ ފެއަށް ޖެހިވަޑައިގަތުމުން ޖަވާބު އެ އޮތީ ސާފުކޮށް ފެންނާށެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބ. ކަމަދޫ ބައި އިލެކްޝަނުގެ ނަތީޖާ އިން ވެސް ސަރުކާރު މިއޮތީ ވިސްނަން ޖެހިފަ އެވެ. އިލެކްޝަންތަކުން ބަލިވެ، އަދި ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަދުވަމުންދާއިރު އޭގެ މާނައަކީ ސަރުކާރުގެ ޕޮޕިއުލަރިޓީ ގެއްލެމުން ދާ ކަމެވެ.

ކަމަދޫ ބައި އިލެކްޝަނުގެ ކެމްޕޭނަށް ވެސް ޕީޕީއެމުން ވިއްކީ ތަރައްގީ އެވެ. އިދިކޮޅުން ވިއްކީ ހައްގުތަކާއި އިންސާފާއި ހަމަހަމަކަން ނެތް މައްސަލަ އެވެ. މިފަހަރު ވެސް ކާމިޔާބުކުރީ އިދިކޮޅުންނެވެ. އާބާދީ ކިތަންމެ މަދަސް، އިދިކޮޅުން ގޮނޑި ކާމިޔާބުކުރި ވޯޓުގެ ތަފާތު ކުޑަޔަސް ކައުންސިލް އިންތިހާބުގައި ވޯޓުލީ ރައްޔިތުންނެކޭ އެއްގޮތަށް އެ ރަށުން ވެސް ބުނެދިނީ ހަމައެކަނި ތަރައްގީ ބޭނުން ނުވާ ކަމެކެވެ. ވޯޓުން މި ފެންނަ އަދަދުތަކުން ހަގީގަތް ގަބޫލުކުރާކަށް ނުވޭ ހެއްޔެވެ؟

ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އާބާދީ ބޮޑު ހުރިހާ ސަރަހައްދުތަކާއި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ ރަށްތައް ހިމެނޭ ގޮތަށް އަޣުލަބިއްޔަތު ލިބުނީ އިދިކޮޅު ފަރާތްތަކަށެވެ.

ހައްގުތަކާއި އަދުލުވެރިކަމާއި އިންސާފު ކޮބާ؟

ޑިމޮކްރަސީއެއްގައި ތަރައްގީއާ އެއްވަރަށް، ގާނޫނީ ވެރިކަން ނަގަހައްޓައި އަސާސީ ހައްގުތަކާއި އިންސާފާއި ހަމަހަމަ ކަން ވެސް ބޭނުންވާނެ އެވެ. އަމިއްލަ ހިމާޔަތާއި ރައްކާތެރިކަން އަދި އިންސާފު ލިބޭނެކަން ކަށަވަރުވާން ޖެހެ އެވެ.

އެ ހައްގުތައް ނެތް މުޖުތަމައެއްގައި ކީއްކުރާ ކޮންކްރީޓް އިމާރާތްތަކެއް ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުގެ ޝަކުވާއަކީ މިއެވެ؛

ދައުލަތުން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 13 މެމްބަރުން.---މިހާރު ފޮޓޯތައް

ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ، މުހިއްމު ހައްގުތަކެއް ހަނިކޮށްފި އެވެ. ސަރުކާރު ޒިންމާދާރުކުރުވޭނެ ހުރިހާ ދޮރެއް ވެސް "ބަންދުކޮށްފި" އެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވެރިކަން ކުރާ ބާރާއި އަދުލު އިންސާފުގެ ބާރު "ގަދަވެގެންފި" އެވެ.

އިދިކޮޅު ސިޔާސީ އެތައް ލީޑަރުންގެ މައްޗަށް ވަނީ ހުކުމް އިއްވައިފަ އެވެ. ސަރުކާރުން ހިންގާ ކަންކަމާ ދެކޮޅަށް، ނިކުމެވަޑައިގަތް ޕީޕީއެމްގެ މެމްބަރުުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. ރާއްޖޭގެ ތާރީޙުގައި ވެސް މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އެއްފަހަރާ "ކުށްވެރި"އެއް ނުވެ އެވެ.

ހައްގުތަކަށް ކަށަވަރުކޮށްދިނުމަށް ވުރެ، މިނިވަން މުއައްސަސާތަކަށް މުހިއްމީ މަގާމު ދިފާއުކުރުމެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ފަހު، ބާރުތައް މަސްހުނިކޮށް، މާލިއްޔަތު ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ރައްޔިތުންގެ މުދަލާއި ފައިސާ އަށް ބޭނުން ގޮތެއް ހެދުމަށް "ތަރައްގީ"އޭ ނުކިޔޭނެ ކަމަށެވެ. ތަރައްގީއޭ ކިޔާ މަޝްރޫއުތައް ކުރިއަށް ގެންދަން ހަވާލުކުރަނީ ވެސް އޭގައި ރިޝްވަތާއި ކޮރަޕްޝަނާ ހިމެނޭ ގޮތަށް ކަމަށާއި ބޮޑެތި ގިނަ މަޝްރޫއުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ލިއުންތަކުން ސާފުކޮށް ފެންނަން ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ އަސާސީ ހައްގުތައް ފޭރިގަތުމަށް ފަހު، ކޮރަޕްޝަން ފޮރުވަން މި ސަރުކާރުން ބޭނުންކުރާ ނަމެއް ތަރައްގީއަކީ. އެފަދަ ތަރައްގީއެއް އަޅުގަނޑުމެން ބޭނުމެއް ނޫން، އިންތިހާބުތަކުގައި ވެސް ރައްޔިތުން ބުނެދިނީ އެ ވާހަކަ،" އަލީ ޒާހިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ނުހައްގުން އަނިޔާދެމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރައްވައި އަލީ ޒާހިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަރުކާރުން މިހާރު ގެންނަ ތަރައްގީ އަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރެއް ބެލުމުގެ ވޯޓަކަށް ދިއުމަށް އޭނާ އެދިވަޑައިގަތެވެ.

"ހަމަ ޔަގީން 90 ޕަސެންޓް މީހުން ބުނާނީ މި ސަރުކާރުން މިގެންނަ ގޮތަށް ކޮސްމެޓިކް ތަރައްގީއެއް ބޭނުމެއް ނޫނޭ. އެއަށްވުރެ އަސާސީ ކަންކަން އެބަހުއްޓޭ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މުޒާހަރާތަކާއި އެއްވުންތަކަށް ރައްޔިތުން ނުނިކުންނަނީ ތަރައްގީ ގެންނަން ބޭނުންވާތީ ކަމަށް ޕީޕީއެމުން ބުނާ ވާހަކަ އަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ ރައްޔިތުން ނުނިކުމެ ތިބެނީ ތަރައްގީ އަށް ރުހޭތީ ނޫން ކަމަށެވެ. މި ސަރުކާރު އޮއްވައި ގާނޫނަކާއި ގަވާއިދެއް ރާއްޖޭގައި ނުހިނގާތީ އިންސާފު ނުލިބޭނެ ކަން ޔަގީންވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ކޯޓުތަކުގައި ވަކާލާތު ކުރާ މީހުން. އަޅުގަނޑުމެންނަށް ނޫންތޯ އެނގޭނީ އިންސާފުގެ ނަމުގައި ނިންމާ ބައެއް ނިންމުންތަކަކީ ގާނޫނުގައި ނުވެސް ނެތް އެއްޗެއް ކަން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ތަރައްގީ ބަލައިގަނޭ، ތާއީދު ވެސް އިތުރުވޭ

ރައީސް ޔާމީންގެ ތަރައްގީ ރައްޔިތުން ބަލައިނުގަންނަ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު މިސާލު ނެންގެވީ ކަމަދޫ ބައި އިލެކްޝަނުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމުން ކެމްޕޭން ވެސް ނުކޮށް، ވަރަށް "ލުއި ގޮތަކަށް ދުއްވާލި" އެ އިންތިހާބުން ވެސް ފެނުނީ އިދިކޮޅު ހުރިހާ ލީޑަރުންގެ މައްޗަށް ރައީސް ޔާމީން ކުރި ހޯއްދެވި މަންޒަރެވެ.

"ރިޔާސީ އިންތިހާބާ އަޅާބަލާއިރު އެ ބައި އިލެކްޝަނުން ރައީސް ޔާމީނަށް ވޯޓު ލިބިވަޑައިގަތް އަދަދު އެތައް ގުނައެއް މަތިވެފައި އެ އޮތީ. އެހެންވީމަ އޭގެއިން އެ ދައްކައިދެނީ ތަރައްގީ ރައްޔިތުން ބަލައިގަނެ ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ރައީސް ޔާމީން ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފަލާހު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު އަދި ސަރުކާރުގެ ތަރައްގީ ބަލައިގަނޭތޯ ނުވަތަ ނޫންތޯ ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ވަޒަނެއް ނުކުރެވޭނެ އެވެ. އެ އިންތިހާބުގެ ވޯޓު ބެހިގެން ވަނީ އާއިލާތަކުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސާސީ ހައްގުތަކާއި އަދުލުވެރިކަމާއި ހަމަހަމަކަން އޮތް މިންވަރުގެ މިސާލު ޖައްސަވަމުން ފަލާހު ވިދާޅުވީ ގާނޫނު ތަންފީޒުކުރުމުގައި ގާތް ތިމާގެ ބޭފުޅެއް، ރަހުމަތްތެރިއަކަށް ރައީސް ޔާމީން ނުބައްލަވާ ކަަމަށެވެ. އޭގެ ހެއްކަކީ، ކުށެއްގެ ތުހުމަތު ކުރެވުމުން ބޮޑުބޭބެ ވިދާޅުވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އާ މެދު ވެސް ގާނޫނު ތަންފީޒުކުރެއްވުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ފެންނާކަށް ނެތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެސް އަދި ސިޔާސީ އެއްވެސް ފަރާތަކަށް ވެސް ނުހައްގު އަދަބެއް ލިބެނިކޮށެއް،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ އެ ބޭފުޅުން ކުރެއްވި ކުށްތަކާ ގުޅިގެންނެވެ.

"ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އިއްތިފާގެއް ނޫން ދެއްތޯ 10 މެމްބަރަކު އެއްފަހަރާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަކީ. މިސާލަކަށް ފުލުހުންގެ ގާނޫނުގައި ނާދޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްވީމަ، ނޫނީ ވަޒީރެއްވީމަ ނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާ ވީމަ އިސްތިސްނާއެއް ނުވޭ. އެ ގާނޫނާ ހިލާފަށް ދިވެހި ކޮންމެ ރައްޔިތަކު އަމަލުކުރިއަސް އެބޭފުޅަކާ ދޭތެރޭގައި ޝަރީއަތް ހިނގާނެ. އެހެންވީމަ ފުލުހުންގެ ބެރިކޭޑް ފަޅާލާފައި މަޖިލިސް މެމްބަރުން އުޅުއްވި ގޮތް ފެންނާނެ،" ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަލާހު (ވ) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރައީސް ޔާމީންގެ އަދުލުވެރިކަމާ ދޭތެރޭގައި ސުވާލެއް ނުއުފެއްދޭނެ، އެމަނިކުފާނަށް ވުރެ އަދުލުވެރި ވެރިއަކު ދެން މި ގައުމަކަށް ނާންނާނެ. ސަބަބަކީ ރައީސް ޔާމީން ނޫނިއްޔާ ހަމަހަމަކަމާ އެކު ގާނޫނު ތަންފީޒުކުރައްވަން ކެރިވަޑައިގަތް ވެރިއަކު އަދި ނާދޭ. ރައީސް ޔާމީން ފަދަ އިންސާފުވެރި ބޭފުޅަކު ވެސް ނެތް."

އޭނާ ވިދާޅުވި ގޮތުގައި 2018 ގައި ރައްޔިތުން ވޯޓު ދޭނީ ތަރައްގީ އަށެވެ. ހުރިހާ ރަށެއްގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް އެއްކޮށްލައި، ބަލާލުމުން ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ސާފުވާނެ ކަމަށާއި އެ ތަރައްގީއާ އަޅާބަލާއިރު އިންތިހާބަށް އިދިކޮޅު ފަރާތްތަކަށް ވިއްކޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ އެމަނިކުފާނު މުޅި ރާއްޖެ އަށް ތަރައްގީ ގެންނަވާ ގޮތް ކަމުނުދާ ނަމަ، އެކަން އިދިކޮޅު ފަރާތްތަކުން ވެސް ވިދާޅުވެ ދެއްވުމަށެވެ.

"އަޅުގަނޑު ބޭނުން ވަނީ ހަމަ ދިވެހިރާއްޖެ އަށް، ހިންމަފުށްޓަށް ތުލުސްދު އަށް، މާލެ އަތޮޅުގެ ރަށްރަށަށް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ތަރައްގީ ގެންނަން. އެކަމަކު އެ ތަރައްގީ ގެނައުމުގައި ކޮންމެވެސް އެކަކު އިސް ވާންޖެހޭ. އެންމެންނަކަށް އެއް ފަހަރާ ތަރައްގީ ގެންނަންވީ ގޮތެއް ކިޔައިދޭކަށް ނޭނގޭނެ. އަޅުގަނޑަށް ވިސްނައިދޭންވީ އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމުގެ ފަރާތުން ވެސް، އަޅުގަނޑަށް ވިސްނައި ދޭންވީ އަޅުގަނޑާ އިދިކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން ވެސް. ނޫނެކޭ ޔާމީން ތިޔަ ގެންނަނީ ތަރައްގީއެއް ނޫނޭ. ތިޔަ ތަރައްގީ ގެންނަންވީ މިވެނި ގޮތަކަށޭ. އެ ވިސްނައިދީފި ކަމަށް ވަންޏާ، އެއީ ރަނގަޅު ވާހަކައެއް ކަމަށް ވަންޏާ، އަޅުގަނޑު ގަބޫލުކުރާނަން،" ހިންމަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ތަރައްގީ ގެންނައިރު ހިތްހަމަނުޖެހޭ ކަންކަމާ މެދު އިދިކޮޅު ފަރާތްތަކުން އެ ދަނީ އަޑުއުފުލަމުންނެވެ. އެ ޝަކުވާތަކަށް ހައްލު ހޯދައިދެވޭނެ ގޮތަކަށް ތަރައްގީން 2018 ކާމިޔާބު ކުރުމުގެ "ފޯމިއުލާ" ބަދަލު ކުރަން ޖެހެ އެވެ.

73 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 3%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރާ

13 November 2017

ތަރައްޤީ އަށްވުރެ މިގައުމުގެ އަމާންކަމާ އިންސާފު ބޭނުމީ ބޭއިންސާފުުން އެއްވެސް މީހަކަށް އަދަބު ނުދިނުމަށް ގޮވާލަން އެޔަށްފަހު ތަރަށްގީ

The name is already taken The name is available. Register?

ޢބގފ

23 August 2017

ޜައްޔިތުންގެ މުދާ ނާޖާއީޒު ގޮތުގައި ބޭނުންކުރާ މަޖްލިސްއެއް ރާއްޖޭގެ ތާރީހުގައި އަދި ނާންނާތީ މީހެންމިވީ.

The name is already taken The name is available. Register?

އަސްކޮއި

22 August 2017

ގާނޫނުގެ ކުރިމަތީގަ އެންމެން ހަމަހަމަ ވާނެކަމަށް ރައްޔިތުން ގަބޫލު ކުރޭ. އެކަމަކު އޭތި އެގޮތަކަށް ވޯރކެއް ނުކުރޭ. ބޭނުންވީމާ ބޭނުންވި ބައެއްގެ މައްޗަށް ހަރުކަށި، ބޭއިންސާފު، އަނިޔާވެރިކަން އިސްކުރުމަކީ ހަމަހަމަކަމެއްނޫން. ބޮޑުބޭބެވިދާޅުވާ ބޭފުޅާވެސް ހައްޔަރު ކޮއްގެން އުޅެނީ އިންސާފަކުންނެއްނޫން. ސަރުކާރުން ކުރާ ތުހުމަތު އޭނާގެ މައްޗަކަށްސާބިތެއް ނުކުރެވޭ. އެންނަމަވެސް އެބޭފުޅާ ވަނީޖަލަށް ލެވިފަ. މިއީ ގާނޫނީ ވެރިކަމެއްގެ އަސަރުވެސް ހުރި ތަނެއްނޫން. ފަލާހަށް ވަރަށްސަލާމް.

The name is already taken The name is available. Register?

އަރިދެކުނު

22 August 2017

ހަގީގަތުގަ މިވެރިކަމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއްމިހާރަކުނެތް..މިހާރު މިގައުމު މި ހިނގަމުންދަނީ މިލިޓަރީ ވެރިކަމެއް..އަނިޔާވެރި ވެރިކަމެއް..ދުނިޔޭގެ ބާރުތަކުން މި މީހުން ހިފާހައްޔަރުކޮއް މިނިވަންއިންސާފުވެރި އިންތިޚާބެއް ބާއްވާ ރައްޔިތުންގެ ވެރިކަމެއް ވަރަށް އަވަހަށް މިގައުމުގަ ގާއިމްވާނެ...#

The name is already taken The name is available. Register?

ހޯޯހޯ

22 August 2017

ތަރައްގީ އަކީ ކޮންމެ މީހާކު ވެރިކަމުގައި ހުއްޓަސް ކުރަންޖެހޭ އެއްޗެއް. މައުމޫން ވަނީ އޭރުގެ ގައުމުގެ ހާލަތާއި،އާބާދީއާއި ، މީހުންގެ ވިސްނުމާއި ދިރިއުޅުމާއި ގުޅޭގޮތަށް ތަރައްގީ ގެނެސް ދެއްވާފައި ، ނަޝީދުވެސް ލިބުނު ފުރުސަތުގައި އޭނާއަށް ވީ ވަރު ކުރި ، ވަހީދުވެސް އޭނާއަށް ވީ ވަރު ކުރި. ދެން މިޔޮތީ ޔާމިނުގެ ތަރައްގީ މިތަރައްގީ އަކީވެސް ރައްޔިތުންނަށް މިވަގުތު ބޭނުންޖެހފައި ހުރި ތަރައްގީ އަށް ވުރެ ބޮޑަށް ދެއްކުންތެރި ކަމާއި ސިޔާސީ ފައިދާ އަށް ކުރާ ތަރައްގީ ، އެތަރައްގީގައި އެތަށް ސިޔާސީ އިދިކޮޅު ފަރާތްތަކެއްގެ ހަޔާތް ކަތިލަމުން ގެންދަނީ ، އަދި ބޮޑެތި ކޮރަޕްޝަންތައް ރައްޔިތުންނަށް ފެނި ފާޅުވާ ތަރައްގީ ރައީސް ޔާމިންގެ ތަރައްގީ އަކީ.

The name is already taken The name is available. Register?

ބޫމް

22 August 2017

ޔާމީނު ޤާނޫނު ހިންގަވައޭ ފަލާޙު ވިދާޅުވީ ކަނޑައެޅިގެން އިތުރުފުޅު ހައްދަވާށެވެ. ޔާމީނު ޤާނޫނު ހިންގަވަނީ އެމަނިކުފާނާ ނުރުހޭ މީހުންނަށެެވެ. އެމަނިކުފާނަށް ފާޑުކިޔާނަމައެވެ. މުޙައްމަދު އިސްމާޢީލްގެ މައްސަލަ ނުބެލެނީ ވެސް ހަމަ ތިޔަވިދާޅުވާ ހަމަހަމަ ކަމުގެ ދަށުން ހެއްޔެވެ؟ ނޫނެކެވެ. އަދިވެސް އޭނާ ސަނާކިޔުމުގައި ދެމިހުރީތީއެވެ. މިހާރުވެސް އޭނާ އިނދިކޮޅާ ގުޅިބަލާށެވެ. ނުވަތަ ފަލާޙް ގުޅިބަލާށެވެ! ދަޢުވާކުރެވެނީ ކިތައް މައްސަލަޔަށް ކަން އެނގޭނެއެވެ. މިކަން ފަލާޙަށްވެސް އެނގޭނެއެވެ. ތިޔަ ޚުޝާމަދު ކުރަނީވެސް އެކަން އެނގޭތީއެވެ.

The name is already taken The name is available. Register?

ސިއްތިއިބުރާހިމު

22 August 2017

އަހަރެމެން މީމޮޔަބައެއްނޫން 2017 ޔައްމަޖިލިސް ހުޅުވަމުން ޔާމިނު ބުނި 2017 ވަަނައަހަރު ކުޅުދުއްފުށި އެއާޕޯޓު ހުޅުވާހިދުމަތްވެސް ދޭނަމޭ މަށައްކޮންފައިދާއެއްއޮތީ އައިޖީއެމްއެޗްގަ 25 ބުރި އިމާރާތެއްކޮއްގެން އަތޮޅައް ކޮންފައެއް މިއަތޮޅަކީ ދައުލަތައް ބޮޑުޓެކްސްއެއދައްކާ އަތޮޅެއް ނިކަން ދައްކަބަަލަ އެންމެރިސޯޓެއްވެސް ދައުލަތުގެ ދަތުރުފަތުރެއް މީކަހަަލަ ތަރައްގީ ވަރިހަަމަ ނުގެނެޔަސް

The name is already taken The name is available. Register?

ޒެޑްސް 1

22 August 2017

ފަޒީނާ ކީއްވެތޯ ތަރައްގީ ބޭނުން ނުވާ ކަމަށް ވިދާޅުވީ؟ ދިވެހިން އިދިކޮޅަށް ތާއިދުކުރާ ސަބަބު ކޮންމެ ގޮތަކަށް އޮތަސް ތަރައްގީ ބޭނުމޭ.

The name is already taken The name is available. Register?

އައްސަދު

22 August 2017

މަގޭ ވޯޓު ރައީސް ޔާމިނަށް

The name is already taken The name is available. Register?

މަގޭ

22 August 2017

މަގޭވޯޓެއް ނުލިބޭނެ

The name is already taken The name is available. Register?

މުރާސިލް

22 August 2017

ރައީސް ޔާމީނަށް ތާޢީދު އިތުރުވެ އިދިކޮޅު "ކޯޅިޝަން" ފެއިލްވަމުންދާތީ ބައެއް މީޑިއާތަކަށް ހަމަ ކެތް ނުވަނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454