މަތީ ތައުލީމް ހާސިލްކުރަން ލޯނު ލިބުނުކަމުގެ ލިޔުމެއް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ވ) ދަރިވަރަކަށް ހަވާލުކޮށްދެއްވަނީ.--
23 އޯގަސްޓް 2017 - 12:56
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކުރާ 1،000 ލޯނުގެ ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ކުރި އިއުލާނުގައި ބުނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޫކުރާ މި ލޯނުގެ ފުރުސަތަށް ކުރިމަތިލާން އެދޭ ފޯމު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށެވެ. އަދި އެ އިދާރާގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑު ކުރެވޭނެ ކަމަށް ބުންޏެވެ.
ފޯމު ހުށަހަޅަން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު ފަހަކާ ހަމައަށެވެ.
މިއީ ޑިޕްލޮމާއިން ފެށިގެން މާސްޓާސްއާ ހަމައަށް، ރާއްޖޭ އަދި ރާއްޖޭން ބޭރުގައި ހުރެގެން ކިޔަވަން ދޫކުރާ ލޯނެކެވެ.
މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެ ފަހަރަށް ލޯނަށް ހުޅުވާލަ އެވެ. އެކަމަކު މިއީ މިއަހަރު ހުޅުވާލި ފުރަތަމަ ފަހަރެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ހެދި ލޯނަށް ހުޅުވާލަން ލަސްވި ނަމަވެސް މި އަހަރު ނިމުމުގެ ކުރިން ލޯނުގެ ދެ ވަނަ ފުރުސަތަށް ހުޅުވާލާނެ ކަމަށެވެ.
މި ފަހަރު ކޮންމެ ދަރިވަރަކަށް ވެސް ދެ ދާއިރާ އަކަށް ކުރިމަތިލެވޭނެ އެވެ. މީގެ ކުރިން ކުރިމަތިލެވެނީ އެއް ދާއިރާއެއްކަން ނަޒީރު ފާހަގަކުރެއްވި އެވެ.
"ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން މިގޮތަށް މި ބަދަލުކުރީ،" އޭނާ ވިދާޅުވި އެވެ.
މި ލޯނުގެ ތެރެއިން 16 ދާއިރާއަކުން ރާއްޖޭން ކިޔެވުމަށް ދެނީ 428 ފުރުސަތެވެ. ސާކުގެ އަށް ގައުމުގެ އިތުރުން ޗައިނާ އާއި މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ތިބެގެން 28 ދާއިރާއަކުން ކިޔަވަން ދީފައިވަނީ 572 ފުރުސަތެވެ.
ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރަން ލޯނު ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ޓްރެއިނިން އާއި ނާސިން އާއި ޓީޗިން އަދި ޝަރީއާ އެންޑް ލޯގެ ކޯސްތައް ހިމެނެ އެވެ. ރާއްޖޭން ބޭރުގައި ހުރެގެން އެމްބީބީއެސްއާ ޕޮލިޓިކަލް ސައިންސް ފަދަ ދާއިރާތައް ހިމެނެ އެވެ.
ކިޔެވުން ނިންލާތާ ހަތް މަހުގެ ތެެރޭގައި ލޯނު ދައްކަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.
ސަރުކާރުން މަތީ ތައުލީމަށް މިހާތަނަށް 3،000 އަށް ވުރެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޤީރުކައޮއި
23 August 2017
އަތްމަތި ދަތިކަމުން ކިޔެވޭ ވަރެއްނޫން. ވަޒީފާއަށް ގޮސްފައި، އެމް.އެން.ޔޫ ގައި ރަސްމީ ގަޑީގައި ކިޔަވަމުން ، ވަޒީފާއަށް ދަމުން މަފަކީރު މިއޮށް މަރުވަނީ. ކިޔެވަން ފެށިފަހުން ތި ސްޓޫޑެންޓް ލޯނެއް ލިބޭތޯ ހާދަމަސައްކަތެއް ކޮށްފީމޭ. އަޅެ އޮންގޮއިން ސްޓޫޑެންޓްސް އަށް ދޫކުރާ ލޯން ހަމަ ނެތީތަ؟؟
ދަރިވަރެއް...
23 August 2017
ކޮބާހޭ ޕީ.އެޗް.ޑީ ހަދާ ދަރިވަރުންގެ ހައްޤު.... ޤައުމީ ސަނަދު ތަކުގެ އެންމެ މަތީ ފަންތީގަ އޮންނަނީ މާސްޓަރސްކަމަށް ދެކެނީތޯ މިނިސްޓްރީން....
ލަބީދް އެންޑް ކަބީރް
23 August 2017
ލޯނު ނެގިޔަސް ދެއްކޭނެކަމުގެ ޔަގީންކަމެއް ނެތް. އެއީ ކިޔަވައިގެން ނުކުތަސް ވަޒީފާ ލިބޭނެކަމުގެ އެއްވެސް ގެރެންޓީއެއް ނޯވޭ.