ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް.-- ފޮޓޯ: އޭއެފްޕީ
23 މެއި 2016 - 15:42
މެންޗެސްޓާ ޔުނައިޓެޑަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްދިން ނަމަވެސް އެ ޓީމުގެ ކޯޗުގެ މަގާމުން ލުއީ ވެން ހާލް މިވަނީ ވަކިކޮށްފަ އެވެ. ސަޕޯޓަރުން އޭނާއާ މެދު ހިތްހަމަނުޖެހޭއިރު ދެ ސީޒަނުގެ ތެރޭ އެކަށީގެންވާ ކާމިޔާބެއް ނުހޯދޭތީ މެނޭޖްމަންޓުން ވެސް އޭނާ ބަހައްޓަން ބޭނުމެއް ނުވި އެވެ. ޔުނައިޓެޑުގެ ކޯޗުގެ މަގާމުން އޭނާ ވަކި ކުރީ ކޮން ސަބަބުތަކާ ގުޅިގެން ހެއްޔެވެ؟
މި ސީޒަނަކީ ވެން ހާލްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ދެ ވަނަ ސީޒަނެވެ. ޔުނައިޓެޑް ލީގު ނިންމާލީ 38 މެޗުން 66 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގައި އޮވެގެންނެވެ. މިއީ ޕްރިމިއާ ލީގު ފެށި ފަހުން ޔުނައިޓެޑް ދެ ވަނަ އަށް އެންމެ މަދުން ޕޮއިންޓް ހޯދި އަހަރެވެ.
ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް.-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑަށް އެންމެ މަދުން ޕޮއިންޓު ލިބުނީ 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ކުރީގެ ކޯޗު ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން ކުޅުނު އަހަރެވެ. އެ ފަހަރު ޔުނައިޓެޑަށް ލިބުނީ 38 މެޗުން 54 ޕޮއިންޓެވެ. މި ސީޒަނުގައި ޔުނައިޓެޑް 10 މެޗުން ވަނީ ބަލިވެފަ އެވެ. މޮއިސްގެ އިރުޝާދުގެ ދަށުން 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ޔުނައިޓެޑް 12 މެޗުން ބަލިވި އެވެ.
މި ސީޒަނަކީ ޔުނައިޓެޑްގެ ތާރީހުގައި ލީގުގައި އެ ޓީމު އެންމެ މަދުން ލަނޑު ޖެހި ސީޒަނެވެ. މި ފަހަރު ލީގުގައި ޔުނައިޓެޑުން ޖެހީ 49 ލަނޑެވެ. ޔުނައިޓެޑްގެ ކުޅުންތެރިންގެ ތެރެއިން ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ 11 ލަނޑު ކާމިޔާބުކުރި އެންތަނީ މާޝިއަލް އެވެ. ލަނޑު ލިސްޓުގެ ތާވަލުން ލީގުގައި ޔުނައިޓެޑަށް ލިބެނީ 10 ވަނަ އެވެ.
މީގެ ކުރިން ޔުނައިޓެޑުން އެންމެ މަދުން ލީގުގައި ލަނޑު ޖަހާފައިވަނީ 2004-2005 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެ ފަހަރު ލީގުގައި ޔުނައިޓެޑުން 58 ލަނޑު ކާމިޔާބުކުރި އެވެ. ޔުނައިޓެޑުން ލީގުގައި އެންމެ ގިނަ ލަނޑު ޖެހީ 1999-2000 ވަނަ އަހަރު އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެން ހާލް ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު ޔުނައިޓެޑަށް ލަނޑު ޖެހުމުގެ މައްސަލަ ކުރުމަތިވިއިރު ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ވެސް އެ ޓީމަށް ތަނަވަސްކުރެވިފައިނުވެ އެވެ. އެ ޓީމު ކުޅުނު ގިނަ މެޗުތަކުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. އެހެން ނަމަވެސް ދެއްކި ކުޅުމާ އެއް ވަރަށް އެޓޭކް ކުރެވިފައިނުވެ އެވެ.
ޔުނައިޓެޑަށް މި ފަހަރު ލީގުގައި ލަނޑު ޖަހަން ތަނަވަސްކުރެވިފައިވަނީ 312 ފުރުސަތެވެ. ޔުނައިޓެޑަށް ވުރެ މަދުން ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކުރި ކްލަބްތަަކަކީ ވަޓްފޯޑާއި އެސްޓަން ވިލާ އަދި ވެސްޓް ބްރޮމް އެވެ. ޔުނައިޓެޑުން މި ފަހަރު ލީގުގައި ކުޅުނު މެޗުތަކުގައި ގޯލަށް ފޮނުވާލާފައި ހަމަލާތަކުގެ އަދަދު އަރަނީ 430 އަށެވެ. މިއީ ލީގުގެ 15 ވަނަ އެވެ.
މި ފަހަރު ލީގުގައި ޔުނައިޓެޑް މޮޅުވީ 19 މެޗުންނެވެ. މިއީ ލީގު ތާރީހުގައި ޔުނައިޓެޑުން އެންމެ މަދު މެޗުން މޮޅުވި ދެ ވަނަ ސީޒަނެވެ. މީގެ ކުރިން ޔުނައިޓެޑް 19 މެޗުން މޮޅުވީ 2013-2014 ވަނަ އަހަރުގެ ސީޒަނުގައި މޮއިސްގެ އިރުޝާދުގެ ދަށުން ކުޅުނު އަހަރުގަ އެވެ.
ޔުނައިޓެޑްގެ ފޯވާޑް މާޝިއަލް: އޭނާ އަކީ ލީގުގައި މި ސީޒަނުގައި ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ.-- ފޮޓޯ: އޭއެފްޕީ
މި ސީޒަނުގައި ޔުނައިޓެޑް 19 މެޗުން މޮޅުވިއިރު އެ ޓީމަކީ އެންމެ ގިނައިން 1-0 ގެ ނަތީޖާ އިން މޮޅުވި ޓީމެވެ. އެ ނަތީޖާ އިން ޔުނައިޓެޑް ވަނީ އަށެއް މެޗުންް މޮޅުވެފަ އެވެ. މި ފަހަރު ލީގުގައި ލަނޑެއް ނުޖެހި އެއްވަރުވި މެޗުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އެވެ. ޔުނައިޓެޑާއި ސިޓީ ކުޅުނު މެޗުތަކުގެ ތެރެއިން ފަސް މެޗެއް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
މި ފަހަރު ލީގުގައި ޔުނައިޓެޑުން ވަނީ ލީގުގެ ގަދަ ދިހައެއްގައި ހިމެނުނު ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުން 27 ޕޮއިންޓް ހޯދައިފަ އެވެ. ޔުނައިޓެޑަށް ވުރެން ގިނައިން ގަދަ ދިހައެއްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުން ޕޮއިންޓް ހޯދީ ލެސްޓާ ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑުން އެކަންޏެވެ
ޔުނައިޓެޑަށް މައްސަލަ ދިމާވެފައިވަނީ ލީގުގެ ފުލުގައި އޮތް ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުން ޕޮއިންޓް ހޯދުމުގަ އެވެ. ލީގުގައި 10 މެޗުން ޔުނައިޓެޑް ބަލިވިއިރު އޭގެ ތެރެއިން ފަސް ބަލިވެފައިވަނީ ލީގުގެ ފުލުގައި އޮތް ޓީމުތައް އަތުންނެވެ.
ވެން ހާލް ޔުނައިޓެޑާ ހަވާލުވި ފަހުން އެ ޓީމުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ކުޅުންތެރިންނަށް ބޮޑު ހޭދައެއް ކޮށްފަ އެވެ. ފާއިތުވި ދެ އަހަރުގައި ކުޅުންތެރިން ގަތުމަށް އެ ޓީމުން ވަނީ 252.25 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. އެ ޓީމުން އެންމެ ބޮޑު އަގުގައިގަތީ 2014 ވަނަ އަހަރު 59.7 މިިލިއަން ޕައުންޑަށް އެންހެލް ޑި މާރިއާ އެވެ. އެހެން ނަމަވެސް އެއް ސީޒަނަށް ފަހު ޑި މާރިއާ ވަނީ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy