ގަތަރު އެއާވޭސްގެ ބޯޓެއް ޖައްސަނީ: އެ އެއާލައިނުން ވަނީ ބޯއިން ހަ ބޯޓު ގަތުމަށް އޯޑަރު ދީފައި. --ފޮޓޯ:އޭއެފްޕީ
27 ސެޕްޓެމްބަރ 2017 - 12:26
ދޯހާ (ސެޕްޓެމްބަރު 27) - ހަ މަތިންދާ ބޯޓު ގަތުމަށް ބޯއިން ކުންފުންޏަށް އޯޑަރު ދީފައިވާ ކަމަށް ގަތަރު އެއާވޭސް އިން އިއްޔެ އިއުލާންކޮށްފި އެވެ.
ގަތަރު އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ބޯޓުތަކުގެ އަގަށް ދެ ބިލިއަން ޑޮލަރު އަރާ ކަމަށެވެ. އެއާލައިނުން އަލަށް ގަންނަނީ ބޯއިން 747-8 ގެ ދެ ބޯޓާއި ބޯއިން 777-300 އީއާރުގެ ހަތަރު ބޯޓެވެ.
"މިއީ އެއާލައިން ފުޅާވަމުން ދިއުމާއި އެމެރިކާގެ އިގްތިސާދަށް އެހީވަމުންދާ ކަމުގެ ނިޝާނެއް،" ގަތަރު އެއާވޭސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގަތަރު އެއާވޭސްގައި ބޯއިން މަރުކާގެ 100 ބޯޓު މިހާރު އޮވެ އެވެ. އަދި އިތުރު 100 ބޯޓަށް ވަނީ އޯޑަރު ދީފަ އެވެ.
ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަތަރުން ދަނީ އެމެރިކާގައި އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކުރަމުންނެވެ. ގަތަރުން 2015 ވަނަ އަހަރު ވަނީ ކުރިއަށް އޮތް ފަސް އަހަރު އެމެރިކާގައި 35 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 10 ބިލިއަންް ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް މިދިޔަ ޑިސެމްބަރު މަހު ދޯހާ އިން ބުނެފައިވެ އެވެ.
މަތިންދާ ބޯޓު ގަތުމުގެ ބޮޑު އެއްބަސްވުމެއް ގަތަރުން އިއުލާންކޮށްފައިވާ އިރު ގަލްފުގައި އެ ގައުމު ވަނީ އެކެހެރިކޮށްފަ އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ މިދިޔަ ޖޫން މަހު 5 ވަނަ ދުވަހު ވަނީ ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބި އެމިރޭޓްސް، ބަހުރޭން އަދި މިސްރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަތަރާ ދެކޮޅަށް އެ ހަތަރު ގައުމުން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ގަތަރު އެއާވޭސްގެ ބޯޓުތައް ވަނުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
28 September 2017
އިސްލާމީ ގައުމުތަކުގެ ގުދުރަތީ މުއްސަނދިކަމަކީ ޔަހޫދީންނާއި ނަޞާރާއިންގެ މިލްކެއްބާއެވެ؟ މިއީ ކޮންވައްތަރެއްގެ މުސްލިމު ވެރިންތަކެއްބާއެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ފައިބުޑުގާ ބޮސްދީގެން މެނުވީ އިސްލާމުންނަށް ދުނިޔޭގައި އުޅެވޭނެ ގޮތެއް ހަމަނެތީތޯއެވެ؟
ތަރަބޫޒް
27 September 2017
އެމެރިކާ އަޑީގައި އޮވެގެން ކުރާ ކަމެއް. ޙުރިހާ މޮޅެއް އެމެރިކާ އަށް..
ޒެޑްސް 1
27 September 2017
ގަތަރުން ހީކުރަނީ އެމެރިކާ ރުއްސައިގެން ވައި ޖަހައިގެން ސަލާމަތްވެދާނެ ކަމަށް. ހަމަ ސައޫދީ ރަސްގެފާނު ޓްރަމްޕް އަށް ފުމެލުމުން، އެމެރިކާ ގައި ގަތަރު ތިޔަކުރާ އިންވެސްޓްމަންޓް ތައް ގެއްލުނީ. ދެން ގަތަރުގެ ގިނަ ފައިސާ އެމެރިކާގެ އިންވެސްޓްމަންޓްތަކުގެ ގޮތުގައި ތާށިކޮށްފައި ބެހެށްޓީމަ ގަތަރާއި ދެކޮޅަށް ފިޔަވަޅު އަޅަން ޓްރަމްޕަށް ވެސް ފަސޭހަވީ. އެހެންތާ ވާނީ، ޓްރަމްޕް ގެ އެންމެ ޓްވީޓަކުން އެމެރިކާގައި ހުރި ގަތަރުގެ ފައިސާ ގަނޑުކޮށްލާނެ.
ޒެޑްސް2
27 September 2017
އަހާ.. މި ކަނބުލޮ މި އުޅެނީ ހުވަފެނެއްގަ އުތަ؟ ސައުދީރަސްގެފާނު ފުމެލީމަޔޭތަ؟ ޓްރަމްޕް ފުމެލީމަ ސައުދީ ތިރިވާނީ. އިއްޔެގަ ފުމެލީމާ އަންހެނުން ކާރުދުއްވުން ހުއްދަވެއްޖެ. ދީނީގޮތުން މަނާކަމެކޭ ކިޔައިގެން ތިބެފަ ރަސްގެފާނު ބަސްފުޅުން އެކަން ޓްރަމްޕް ނިންމައިފި. ދެނޯ؟ ގަތަރާއި ނުކުޅެވޭނެ. އެމެރިކާގެ އަސްކަރީ މަރުކަޒު އެއޮތީ އެތާގަ. ދެނޯ؟