"ދުސްތޫރީ ފަސާނާ" ގެ ފުރަތަމަ ޕެނެލް ޑިސްކަޝަންގައި ސުއޫދު މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
27 ސެޕްޓެމްބަރ 2017 - 23:56
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަމަލުކުރަމުންދާ ގޮތުން އެ ކޮމިޝަން ސިފަކުރެވެނީ ބޮޑު ޖޯކުތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާއި ގާނޫނުތަކާ އެއްގޮތަށް މިހާރު ރާއްޖޭގެ ކަންކަން ކުރިއަށް ނުދާތީ އެކަމާ ގުޅޭ ގޮތުން ގާނުނީ ވަކީލުންތަކެއް އިސް ނަންގަވައިގެން ސިލްސިލާކޮށް ބާއްވާ "ދުސްތޫރީ ފަސާނާ" ގެ ފުރަތަމަ ޕެނެލް ޑިސްކަޝަންގައި ކުރީގެ ބަންޑާރަ ނައިބު ސުއޫދު ވިދާޅުވީ، ގާނޫނުއަސާސީ ބައްޓަން ކޮށްފައިވާ ގޮތުން އަދުލު އިންސާފުގެ ގާއިމު ކުރުމުގެ ކަންކަން ހިމާޔަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ގޮތަކަށް ކަންކަން ކުރެވޭނެ ނިޒާމު އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ކަމަށެވެ. ނަމަވެސް އެ އިތުބާރު އެ ކޮމިޝަނަށް ހޯދައި ނުދެވޭކަން ސުއޫދު ފާހަގަކުރެއްވި އެވެ.
"ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންގެ އިތުބާރު، ހުރުމަތް ރައްކާތެރި ކުރުން އެބައޮވޭ. ފަނޑިޔާރުންނަށް ރައްޔިތުން ކުރާ އިހުތިރާމާއި ގަދަރު ލިބޭނެ ގޮތްތައް ގާއިމު ކުރާނެ ގޮތްތައް ހޯދުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ފެނިގެން މި ދަނީ ޖޭއެސްސީގެ ފަރާތުން އެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ފަހަތަށް ޖެހޭ ތަން. ނަތީޖާއެއްގެ ގޮތުން އަދުލު އިންސާފު ގާއިމުކުރާ ފަރާތުގެ އިތުބާރު ރައްޔިތުންގެ މެދުގައި އެއްވެސް ވަރަކަށް ނެތް،" ސޯލްޓް ކެފޭގައި ބޭއްވި ފޯރަމްގައި ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަބަބާ ހުރެ ޖޭއެސްސީ ހަރުދަނާ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެ ކޮމިޝަނަށް ލިބިދީފައި ނުވާ ބާރުތަކެއް ބޭނުން ކުރުމަކީ ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން ކޯޓުތަކަށް ދާއިމަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ޖޭއެސްސީން ބަދަލު ކުރަނީ ގާނޫތަކާއި އުސޫލުތަކާ ޚިލާފަށް ކަމަށް ސުއޫދު ވިދާޅުވި އެވެ.
"ދުސްތޫރީ ފަސާނާ" ގެ ފުރަތަމަ ޕެނެލް ޑިސްކަޝަންގައި ސުއޫދު މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިފަދަ ކަންކަން މިހެން ހުރުމާ އެކު ޖޭއެސްސީ މިހާރު ސިފަ ކުރެވެނީ ބޮޑު ޖޯކެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ ކޮމިޝަންގެ ފަރާތުން ފެންނަނީ ފަނޑިޔާރުން ނިންމަވާ ނިންމެވުންތަކުގެ ސަބަބުން ފާޅުކުރައްވާ ރައުޔެއްގެ ސަބަބުން ފިޔަވަޅު އެޅިގެން ދާތަން،" ސުއޫދު ވިދާޅުވި އެވެ.
"...މީގެ ނަތީޖާއަކީ ފަނޑިޔާރުންގެ މިނިވަން ކަމަށް ހުރަސް އެޅުން. އިތުބާރު ގެއްލުން. ޖޭއެސްސީ އަކީ ބޮޑު ޖޯކަކަށް ވުން. އަދި އެފަދަ ކަންކަން ކުރަނީ ކޮން އުސޫލަކުންކަން ރައްޔިތުންނަށް ސާފުކޮށް ނުދެވޭތީ އިތުބާރު ވަނީ ގެއްލިފައި."
ނަމަވެސް ކަންކަން ކުރަން ވާނީ ދެފުށް ފެންނަ ގޮތަށް، ހަމަތަކާއި އުސޫލުތަކުގެ މަތިން ކަމަށާއި އަޅާ ފިޔަވަޅުތަކަކީ ކީއްވެގެން، ކޮން ގޮތަކަށް އަޅާ ފިޔަވަޅުތަކެއްކަން ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ޖޭއެސްސީ ފަދައިން އެހެން ކޮމިޝަންތަކުން ވެސް ކަންކަން ކުރަން ޖެހޭނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.
"މިފަދަ ކަންކަމާ ހުރެ ފަނޑިޔާރުންނަށް ނުފޫޒުތަކެއްގެ ތެރެއަށް ދާން ޖެހޭކަން އެބަ ގަބޫލުކުރެވޭ. އޭގެ އެންމެ ބޮޑު ސަބަބަކީ ޖޭއެސްސީގައި ތިއްބެވި މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުންނަކީ ސިޔާސީ ފަރާތްތަކަކަށް ވާތީ،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރޭގައި ހުރި މިފަދަ މައްސަލަތަކުގެ ވާހަކަތައް ދައްކަން ޖެހެނީ، ކަންކަން ހަމަ މަގަށް އަޅުވައި، ކަންކަން އިސްލާހު ކުރުމަށެވެ. އަދި މިފަދަ ވާހަކަތައް ދައްކަނީ އެއްވެސް ބަޔަކާ ދެކޮޅަށް އަދި އެއްވެސް ބަޔަކާ އެއްކޮޅަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމާ ގާނޫނުއަސާސީ އަށް އެންމެ ފުރިހަމަ ގޮތުގައި އަމަލު ކުރެވޭނީ ޓްރާންސްޕޭރެންޓް ނިޒާމެއް އޮވެގެން. ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނަށް ސާފުވެގެން،" ސުއޫދު ވިދާޅުވި އެވެ.
"ވަލުދޮރޯށިން ދައުލަތުގެ މުވައްޒަފުންނާ އެކު ހިންގާ މުއާމަލާތްތަކާއި މޭޒުދަށުން ދިއްކޮށްލާ ހަދިޔާތަކާއި ސައި މޭޒުދޮށުން ނިންމާ ކަންކަން ނިންމުމަށްޓަކައި ހަރުކަށި ގާނޫނުތައް ހަދައި އެ ތަންފީޒް ކުރެވޭނެ އުސޫލުތަކެއް ގާއިމު ކުރެވެން ޖެހޭ."
ސުއޫދު ފާހަގަކުރެއްވި ގޮތުގައި ދައުލަތަށް އެންމެ ބޮޑު މަސްލަހަތަކަށް ވާނީ ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމެވެ. އަދި އެ ނޫން މަސްލަހަތެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ކަންކަން ހިންގުމުގައި އެންމެ މަތީ މަސްލަހަތެއް ގާއިމު ކުރެވޭނީ ގާނޫނުއަސާސީ އަށް އަމަލުކޮށްގެންކަން އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ. އެ ނޫން މަގުސަދެއް، އެ ނޫން މަސްލަހަތެއް އޮވެހެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ވެރިން ރައްކާތެރިކޮށް ނުވަތަ ސިޔާސީ ވެރިން ނެރޭ ގަރާރުތައް ރައްކާތެރި ކުރުން ނުވަތަ ޕޮލިސީ ރައްކާތެރި ކުރުން ފަދަ ކަންކަން ކުރަން ޖެހޭނީ ގާނޫނުއަސާސީގެ އިމުގެ ތެރެއިން."
ސުއޫދު ވިދާޅުވީ އެންމެ ބޮޑު މަސްލަހަތަކީ ރައީސުލްޖުމްހުރިއްޔާ ނެރުއްވާ ގަރާރުތަކަށް، އެ މަނިކުފާން ބޭނުންފުޅުވާ ގޮތަކަށް ދައުލަތް ހިންގުމަށްޓަކައި ކޮންމެ އަގެއް ދީގެން ވެސް އެ ދިފާއުކޮށް ދިނުން ކަމަށް ބައެއް ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ.
"...އެހެންވީމާ ރައްޔިތުން ކަނޑައަޅާފައި ނެތް ގޮތަކަށް އަމިއްލަ އަށް ނުވަތަ ތިމާ ދިފާއު ކުރަނީ ރައީސުލްޖުމްހުރިއްޔާ ނިންމަވާ ގޮތް ކަމަށް ގަބޫލު ކުރުމަކީ އަޅުގަނޑުމެންގެ މުޅި ނިޒާމު ފުނޑުފުނޑުވެ އަޅުގަނޑުމެންގެ ދައުލަތް ހިންގުމަށް އެކުލެވިފައި ނިޒާމް އެހެން ގޮތަކަށް ފުރޮޅިގެން ހިނގައިދާނެ އަދި ގާނޫނުއަސާސީގެ ބާރު ކެނޑިގެން ހިނގައި ދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ދުސްތޫރީ ފަސާނާ" ގެ ފުރަތަމަ ޕެނެލް ޑިސްކަޝަންގައި ވަކީލު ހުސެއިން ޝަމީމް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިރޭގެ ޕެނެލްގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ ޣައިރު ހާޒިރުގައި ޝަރީއަތްތައް މިހާރު ކުރަމުންދާތީ އެކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކުގެ މައްޗަށެވެ. އެގޮތުން ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ޢައިރު ހާޒިރުގައި ޝަރީއަތްކޮށް، އިއްވި ހުކުމުގައި ހުރި ފޫނުބެދޭ ކަންކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.
"ދުސްތޫރީ ފަސާނާ" ގެ ފުރަތަމަ ޕެނެލް ޑިސްކަޝަންގައި ވަކީލު ހަނީފާ މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ގާނޫނީ ވަކީލު އަދި އިލެކްޝަން ކޮމިޝަންގެ ކުރީގެ ލީގަލް ހެޑް ހަނީފާގެ ވާހަކަ ބިނާކުރެއްވީ އެއްކަހަލަ މައްސަލަތަކެއްގައި ތަފާތު ގޮތްގޮތަށް ހުކުމް ނެރޭ މައްސަލަ އަށެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަން ރައްޔިތުން ފާހަގަކޮށް މިހާރު އެ ވާހަކަތައް ދައްކަން ޖެހޭ ކަމަށެވެ.
އަދި ތިމާގެ މައްޗަށް ތަހުގީގެއްކޮށް، ޝަރީއަތެއް ހިންގާ ނަމަ، އެ މަރުހަލާ ކުރިއަށް ގެންދާ ގޮތް ސާފު ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކުބޯހަލާކު
30 September 2017
ތިތެއްބެވީ ހުސް ސިޔާސީ ބޭފުޅުން ތިކަހަލަ ޕެނަލެއް ގައި ތިއްބަވާކައް ކުފޫ ހަަމައެއް ނުވޭ
ފާތުން
29 September 2017
އަދި ކިރިޔާތޯ ސުއޫދަށް ތިކަން ތި އެނގިވަޑައިތީ؟ ވެލިޒިނީ ތިވާހަކަ ދެއްކީއިރު ތިބޭފުޅާ ކޮންތާކުތޯ ހުންނެވީ؟ އޭރު ނުކުމެވަޑައިން ވެލިޒިނީއަށް އެއްބާރުލުން ދެއްވިނަމަ ކީއްތޯ؟ ހަމަ ސުއޫދުމެން ކަހަލަ ލޯޔަރުންވެސް މިރާއްޖޭގެ ޖުޑިޝަރީގެ ބޭއިންސާފުބަައިވަރު ކަންތައްތަކުގެ ބައިވެރިވެ ތިބެގެން ޖުޑިޝަރީ މިހާލަތަށް ގޮސް މިއޮތީ. ރަނގަޅު މިއަދުވެސް އެވާހަކަ ދެއްކުން ނުދެއްކުމަށްވުރެއް ރަނގަޅު، އެކަމަކު މާދަމާވެސް ސުއޫދު ބޭނުންގޮތަކަށް ކަންތައްތައްކުރަން ބާރު ލިބިއްޖެއްޔާ ސުއޫދު ވިސްނާނެތޯ އާ އިންސާފާ ބޭއިންސާފަށް؟ ޖުޑިޝަރީ ރަނގަޅު ކުރުމުގަ ވަކީލުންގެ ވެސް، އަދި އަމްދުން ސުއޫދުމެން ކަހަލަ ވަކީލުންގެ ވަރަށް ބޮޑު ދައުރެއްވެސް އޮވޭ! އެކަން ހަނދާންނައްތާ ނުލާ!
މެންޓަލިސްޓް
28 September 2017
ހުސްނުއްސޫދަށް ވަރަށްސަލާމް ،، ރާއްޖޭގެ ގާނޫންއަސާސީ ޑްރާފްކޮށް ފަރުމާކޮށް ވޯޓްއަޅައި އެނިންމިއިރު ތިޔަބުނާ ޖޭއެސްސީ އޮތީކީ އެއްވެސް ހާލަތެއްގައި މިނިވަންވާކަހަލަ ގޮތަކަށްނޫން ،، އެއިރެއްގައި ވެރިކަމުގެ ހުންނަ މީހަކަށް މަޖިލިސް މެޖޯރިޓީ ލިބޭހިސާބުން ޖޭއެސްސީވެސް އަދި އެހެނިހެން މުއައްސަސާތައްވެސް އެވެރިއެއްގެ ބާރުގެ ދަށަށް އޮންނަގޮތަށް ގާނޫންއަސާސީ އޮތީ ފަރުމާވެފައި ،، ވީމާ އަސްލު މައްސަލާގެ ވާހަކަނުދައްކާ އެހެންވާހަކަތަކެށް ދައްކައިގެން ދުވަހަކުވެސް ތިޔަކަމުން ސަލާމަތެއްނުވާނެ ،،، ގާނޫންއަސާސީއާޢި ގާނޫންތަށް ބަދަލުކޮށް އެތަންތަން އަސްލު މިނިވަންވާނެ ނިޒާމެއް ހަދައިގެން ކިރިޔާވެސް ހަމަހަމަ ކަމެށްއަންނާނީ ،، އެހެންނޫނީ މިވެރިކަން ނިމި ދެންއަން ވެރިކަމެށްގައިވެސް ތިޔަަކަންއޮންނާނީ ތިޔަހެން ،،، ވަރަށްވެދުން
ޔުނައިޓެޑް އައްޑޫ
28 September 2017
ޖޭއެސްސީ އަކީ ވެސް ޖޯކެއް. އެއަށްވުރެން ބޮޑު ޖޯކަކީ ޖީޑީއޭ.
ރަބަރު
28 September 2017
ޖޭއެސްސީ އެކަނިތައް؟ މަށަށް މުޅިގައުމު މިފެންނަނީ ޖޯކެއްގޮތަށެވެ. ކުޑަސޯބު އެބުރޭނީ ބޮޑު ސޯބު އެނބުރޭގޮތަށެވެ.
ސަރުކާނު
28 September 2017
މަނިކުފާނަށް ނަޝީދު ސިފަކުރެވެނީ ކިހިނެއްތޯ؟ މަނިކުފާނުގެ ކޮމެންޓަކަށްފަހު އެއްޗެކޭ ބުނާނަން.
އަޅުގަޑު
28 September 2017
ޖޯކަރުން ތިތިބީ ތިތާ އެކަން ދިވެހި ރައްޔިތުން ގަބޫލްކުރާނެ.. މިހެން ބުނާއިރުވެސް އިނގޭ ދިވެހިންގެ ތެރޭގައި ދުވާލު މެންދުރު ގަޑިން 12.00 ގަހާއިރު 12.00 ޖަހާފިޔޭ ބުންޏަސް ގަޑިބަލާފަ ޗޮކެއް ކަޑާލާފަ ނޫނޭ ކަލޭމެން މޮޔަވީހޭ މިއީ ރޭގަނޑޭ ބުނާމީހުން މަދުނޫންކަން.. ކަލޭމެން ގެ ބެކު ގުރައުންޑު އެހާރަނގަޅެއްނޫން މިހާރުވެސް ތިއުޅެނީ އަޑިނޭގޭ އެގެންޑާއެއް ޕުރޮމޯޓު ކުރަން. ވަރަށް ސަލާމް ހުރިހާ ކުދިންނަށް އަދި އޮޕޯޓިއުނިޓީ އެއް ނުލިބިފަ ތިބި ގައުމުގެ މަސްލަހަތު އިސްކޮށް އަމިއްލަ އެދުމުން ދުރުހެލިވެގެން ތިބި ގާނޫނީ ވަކީލުންނަށް މަރުހަބާ، ލިބުނު ފުރުސަތު ރަނގަޅުގޮތުގައި ބޭނުން ކުރައްވާ!
ސަލީމް
28 September 2017
މުޅި ގައުމުގައި ހުރި ގާނޫނޭ ކިޔައިގެން އުޅޭ އެންމެ ބޮޑު ޖޯކަރު
ހަގީގަތަކީ
28 September 2017
ކަލޭމެންނަކީ ވަކިނިޔަތެއްގަ ވަކިބަޔަކުގެ މަސްލަހަތު ހިމާޔަތްކުރަން އަމިއްލަ އެދުމާއެކުނުކުތް ބައެއް! ކަލޭމެން ކަންތަށްތަކެއް ގޯސްކޮށްކުރިކަމުން މިއަދުތިތިބީ މަގުމަތިވެފަ، ކަލޭމެން ގާނޫނީ ވަކީލުންގެތެރެއިން 99% ކޮރައްޕްޓު މީހުން އަދިނި ނިކަމެތިން ފެލާލައިގެން އުޅޭބައެއް. ހަމަވިސްނޭ ކޮންމެ އިންސާނަކަތް އެގިލައްވާނެ އެކަކު އެއްތަނެއްގަ މާގިނަދުވަހު ހުރެއްޖިއްޔާމު ކޮރައްޕުޟަނަށް މަގުފަހިވާނެކަން، އެއީ ރައީސްމީހާ ކަމުގައިވިޔަސް، ޖަޖުން ކަމުގާވިޔަސް، އަދި އެހެނިހެން ދާއިރާތަކަށްވިޔަސް މިއީ ހަގީގަތަކީ.. މިބުނީކީ ހުރިހާމީހުން ވާހަކައެއްނޫން ރަނގަޅުމީހުން އެބަތިބި އެކަމަކު ތިތިބަމީކުން ތެރެއަކުނެއް އެރަނގަޅު ބަޔަކު، މިބުނީ، ދީނާ، ގައުމާ، ރީތިއުސޫލުތަކާ، އަމިްލަ އެދުމެއްނެތި ގައުމާ ދީން އިސްކުރައްވާގެން އުޅުއްވާ ބައެއްނޫނޭ ކަލޭމެންނަކީ!
ދޮންބީފާނު
28 September 2017
އެހެންދޯ؟ ކަލެއަށްވުރެވެސް ޖޯކު ދޯ؟