މިއަންމާ އިން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންތަކެއް ކޭމްޕަކާ ދިމާލަށް ދަނީ. --ފޮޓޯ:އޭއެފްޕީ
15 އޮކްޓޯބަރ 2017 - 20:01
ކޮކްސް ބާޒާރު (އޮކްޓޯބަރު 15) - އިންޑިއާގައި ތިބި ރޮހިންޖާ ރެފިއުޖީން އެތެރެކޮށްފާނެތީ ބަންގްލަދޭޝްގެ ހުޅަނގު ބޯޑަރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި މި ވަނީ އިންޑިއާގައި ތިބި ރޮހިންޖާ ރެފިއުޖީން ބޭރުކޮށްލާނެކަމުގެ އިންޒާރު އެ ގައުމުން ދީފައި ވަނިކޮށެވެ. ރޮހިންޖާ ރެފިއުޖީންގެ 40،000 މީހުން އިންޑިއާގައި ދިރިއުޅެ އެވެ. އެކަމަކު އިންޑިއާ އިން ބުނެފައި ވަނީ އެއީ ގަވާއިދާ ޚިލާފަށް ވަދެ އުޅޭ ބައެއް ކަމަށާއި އެ މީހުން ޑިޕޯޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ރޮހިންޖާ ރެފިއުޖީންނަކީ ގައުމީ ސަލާމަތަށް ހުރި ބިރެއް ކަމަށް ބުނެ އިންޑިއާ އިން ވަނީ އެ މީހުން އެ ގައުމުން ބޭރުކޮށްލުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.
ބަންގްލަދޭޝް ބޯޑާ ގާޑުގެ ކޮމާންޑަރެއް ކަމަށްވާ ތާރިގުލް ހަކީމް ވިދާޅުވީ ޕުޓްކާލީ ފްރަންޓިއާ ސަރަހައްދަށް ރޮހިންޖާ ރެފިއުޖީން ޖަމާވާން ފަށާފައިވާ ކަމަށެވެ. އެ ސަރަހައްދުން ދެ ގައުމު ބައިވެފައި ވަނީ ހަނި ކޯރަކުންނެވެ. ލެފްޓިނެންޓް ކާނަލް ހަކީމް ވިދާޅުވީ އެހެންވެ ބޯޑަރު ސިފައިންގެ ސާވެލަންސް ވަރުގަދަކޮށްފައިވާ ކަމަށެވެ.
މިއަންމާގެ ރަކީން ސްޓޭޓުގައި އެންމެ ފަހުން ހިންގަން ފެށި ހަމަނުޖެހުންތަކާ އެކު ބަންގްލަދޭޝް އަށް އެތެރެވެފައިވާ ރޮހިންޖާ ރެފިއުޖީންގެ އަދަދު މިހާރު ބައި މިލިއަނަށް ވުރެ އިތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަމަރޭ
15 October 2017
މިއިންޑިޔާ އަކީ ކޮން ކަހަލަ ޑިމޮކުރަސީއެއް.،