ދިވެހި ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

މިލަންދޫ އަތުން ހޯދި ބޮޑު މޮޅާއެކު މާޅޮހުން ފޯމު ދަމަހައްޓައިފި

މިލަންދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޅޮހުގެ އެންހެލް (ކ) އާއި ވަސީމް އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒްގެ ހެޓްރިކާ އެކު 5-1 އިން ށ. މިލަންދޫ އަތުން ބޮޑު މޮޅެއް ހޯދައި އއ. މާޅޮހުން ފޯމު ދަމަހައްޓައިފި އެވެ.

މި މެޗުގެ ކުރިން މާޅޮސް އެންމެ ފަހުން ކުޅުނު މެޗުން ވަނީ 2-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. މިއީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމަކަށް މާލޭ ލީގު ޓީމެއް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. މި މޮޅާ އެކު މާޅޮސް ވަނީ ނުވަ މެޗުން އަށް ޕޮއިންޓާ އެކު ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. މިލަންދޫ އޮތީ ނުވަ މެޗުން ފަސް ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ކުރިން އީގަލްސް އާއި ވެލެންސިއާ އަށް ކުޅުނު އެންހެލް ވަނީ މާޅޮހަށް ލީޑުނަގައިދީފަ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

މިލަންދޫ އަށް މެޗުގެ ތެރެއަށް ނުވަދެވިގެން އުޅެނިކޮށް މާޅޮހަށް މެޗުގެ ލީޑުފުޅާ ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 10 ވަނަ މިނިޓްގައި އެންހެލް އެވެ. އޭގެ 10 މިނިޓް ފަހުން މާޅޮހުގެ ތިން ވަނަ ލަނޑު ޖެހީ އެ ޓީމުގެ ކުރިއަށް ކުޅޭ އަހުމަދު އާރިފް (އާރީ) އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި މިލަންދޫގެ އިބްރާހިމް ސައީދު ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ އުއްމީދު އާ ކޮށްދީފަ އެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓް ފަހުން މާޅޮހަށް ހަތަރު ވަނަ ލަނޑެއް ޖަހައިދީ އެންހެލް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އެންހެލް މި ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

ދެ ވަނަ ހާފް ފަށައިގެން މިލަންދޫ އަށް އިތުރު މައްސަލަތައް ދިމާވީ މެޗުގެ 52 ވަނަ މިނިޓްގައި މާޅޮހުން ފަސް ވަނަ ލަނޑެއް ޖެހުމުންނެވެ. މި ލަނޑު ކާމިޔާބުކުރީ އަލީ ވަސީމް އެވެ.

މެޗުގެ ފަހު ވަގުތު އެންހެލް ވަނީ ހަތަރު ވަނަ ލަނޑެއް ޖަހަން އިތުރު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން އެއް ބޯޅަ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އަނެއް ބޯޅަ މިލަންދޫގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ވަނީ މަތަކޮށްފަ އެވެ.

މިލަންދޫގެ ނިޒާމް (ކ) ކައިރިން މާޅޮހުގެ އާރީ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އެންހެލް އެވެ. އޭނާ އަންނަނީ މާޅޮހަށް ޕްރިމިއާ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މިދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުން މާޅޮސް ދެ ލަނޑު ޖަހާފައި އޮއްވާ މިލަންދޫ އިން އެއްވަރުކުރީ ފަހު ވަގުތު ދެ ލަނޑު ޖަހައިގެންނެވެ. މި މެޗަށް ފަހު މާޅޮހުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މޮޅުވީ ތައްޔާރުވި ގޮތަށް ހުރިހާ ކުޅުންތެރިން މަސައްކަތް ކުރުމުން ކަމަށެވެ.

"ގްރީން މެޗަށް ފަހު ހުރިހާ ކުޅުންތެރިން އެގޮތަށް ވާހަކަ ދެއްކީ. ފަސޭހަކޮށް ނުނަގައިފިއްޔާ އަޅުގަނޑުމެން ކޮޅަށް މި މެޗު އެނބުރޭނެކަން އެނގޭ. އެއީ ފުރަތަމަ ބުރުގައި ވެސް ދިމާވެފައި އިން ގޮތުން. ވަރަށް ރަނގަޅަށް އެ ގޮތުގައި ހުރިހާ ކުޅުންތެރިން ކުޅެފި،" ނިސްތާރު ބުންޏެވެ.

އޭނާ ބުނީ މެނޭޖުމަންޓުން ދީފައިވަނީ ޓާގެޓެއްގެ ގޮތުގައި 10 ޕޮއިންޓު ހަމަކުރުން ކަމަށާއި ފުރަތަމަ ވިސްނާނީ އެކަން ހާސިލްކުރުމަށް ކަމަށާއި އެ އަށް ފަހު ދެން ދުރަށް ވިސްނާނެ ކަމަށެވެ.

ލީގުގެ ފުރަތަމަ ބުރުގައި މިލަންދޫގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި އެ ޓީމަށް ފުރަތަމަ ބުރުގައި ދެއްކި ކުޅުން ވަނީ ދެއްކޭ ގޮތް ނުވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު ދެ މެޗުގައި މިލަންދޫ ކޮޅަށް 12 ލަނޑު ވަދެފައިވާއިރު، މިއީ ފުރަތަމަ ބުރުގެ ހަތް މެޗުގައި އެ ޓީމު ކޮޅަށް ވަން ގޯލަށް ވުރެން އިތުރު އަދަދެކެވެ.

މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ ދިމާވާ މައްސަލަ އަކީ އެކުގައި ބޭނުންވާ ގޮތަށް ޕްރެކްޓިސް ނުކުރެވުމުގެ މައްސަލަތައް ކަމަށެވެ.

"ޕްރެކްޓިސްގައި ނުކުރާކަމެއް ދަނޑުމަތީގައި ނުކުރެވޭނެ. އެކަން މި ފެންނަނީ. ޕްލޭޔަރުން ނެތުމާ އެ ކަހަަލަ ކަންތައްތައް މި ހުންނަނީ. ފުރަތަަމަ ބުރުގައި ނަތީޖާ ރަނގަޅުވީ އޭރު ޕްރެކްޓިސް ކޮށްލާނެވަރަށް ކުޅުންތެރިން ތިބި. އެކަމަކު މިހާރު ނެތުން މައްސަލަ އަކީ. ލިސްޓުގައި 27 ކުޅުންތެރިން ތިބޭއިރު އެކި ސަބަބުތަކާ ހުރެ މި ކުޅުންތެރިންނަށް ރަށުން ބޭރުގަޔާއި އެކި ތަންތަނުގައި މަސައްކަތް މިކުރަނީ،" ނާސިރު ބުންޏެވެ.

ލީގުގައި މިރޭ މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

4 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 20%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޯރަ

20 October 2017

ލީގު ފުރަތަމަބުރުގަ މިލަންދޫ އަތުން ކުޑަތަފާތަކުން ނިއު މޮޅުވީމަ ވަޖިދުވެގެން ހިޔަންޏަށް މުޑިނެގި މިލަންދޫ ސަޕޯޓަރުން މިހާރު ކޮބާ؟ 7ލަނޑުން ބަލިކުރީމަ ހޮރުހޮރަށް ވަދެ ފިލީތަ؟ އެދުވަހު ނިއުއަށް މަލާމަތްކޮށްކޮށްފަ އުޅުނުއިރު ހީވީ ނިއުނިއު އަތުން މިލަންދޫ މޮޅުވެގެން އުޅުނުހެން. ނިއުރޭޑިއަންޓްގެ ފޭސްބުކް ޕޭޖުގަޔާއި ނިއުރޭޑިއަންޓްގެ ނަމުގަ ސަޕޯޓަރުން ހަދާފަހުރި ފޭން ގްރޫޕްތަކުގަ ނިއުއަށް މަލާމަތްކޮށް މޮޅެތި ގޮތްގޮތައް ފޮޓޯހަދާފަ ޕޯސްޓުކުރަމުން ދިޔައިރު ހީވީ އެ ޕޭޖްތަކާ ފޭން ގްރޫޕްތަކަކީ މިލަންދޫގެ ޕޭޖްތަކެއްހެން، މިހާރުތިފެންނަނީ އެދުވަހު ކުރި މަލާމާތުގެ ބަދަލުލިބެމުންދާ މަންޒަރު.

The name is already taken The name is available. Register?

ޗިލްކޮށްލާ

21 October 2017

އެއްގޮތަކަށްވެސް ދިމާކުރާކަށްނޫން އެކަމަކު ހޯރަ ހާދަހާވާ ހިތް ބައްޔޭ !! ކަލޯ މީ ކުޅިވަރޭ

The name is already taken The name is available. Register?

ކޯޗް

20 October 2017

މިލަންދޫ ދެން ރަށައްފުރަންވީނު! އަސްލު މިހާރު ތިފެންނަނީ ޓީމު ބަނގުރޫޓް ވަމުން ދާކަމުގެ ހެއްކެކެވެ. ކޯޗް ނާސިރު ވެސް މިހާރު ކަން ކަން ވަމުން ދާގޮތް މެދު އެހާ ހިތްހަމައެއް ނުޖެހެއެވެ.

The name is already taken The name is available. Register?

އަހުމަދުބެ

20 October 2017

ނަތީޖާ ނެރެވޭނީ ހަރަދު ކޮށްގެން ނެވެ. މާޅޮހަށް މަރުހަބާ ކިޔަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454