އަފްޣާނިސްތާނުގެ ޝިއައީންނަށް އަމާޒުކޮށް ގިނަ ހަމަލާތައް ދެނީ އައިއެސް އިން. --ފޮޓޯ:އޭޕީ
21 އޮކްޓޯބަރ 2017 - 19:23
ކާބުލް (އޮކްޓޯބަރު 21) - އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ހަމަލާދީ 60 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.
ފުރަތަމަ ހަމަލާ އަމާޒުކޮށްފައި ވަނީ ވެރިރަށް ކާބުލްގައި ހުރި ޝިއައީ މިސްކިތަކަށެވެ. އިމާމް ޒަމާން މިސްކިތުގައި ނަމާދު ކުރަން ތިބި މީހުންނަށް އަމާޒުކޮށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 30 މީހުން މަރުވެ 45 މީހުން ޒަޚަމްވި ކަމަށް ފުލުހުން ބުންޏެވެ. މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އުފުލައިފަ އެވެ.
ބޮމުގެ ދެ ވަނަ ހަމަލާދީފައި ވަނީ މެދުތެރޭގެ ޕްރޮވިންސެއް ކަމަށްވާ ގޯރުގެ ސުންނީ މިސްކިތަކަށެވެ. ޕްރޮވިންސް ފުލުހުންގެ ތަރުޖަމާން މުހައްމަދު އިގްބާލް ނިޒާމީ ވިދާޅުވީ އެ ހަމަލާގައި 33 މީހުން މަރުވި ކަމަށެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ ޖާމިއާ ޕާޓީގެ ލީޑަރު އަދި ކުރީގެ ކޮމާންޑަރެއް ކަމަށްވާ އަބްދުލް އާހިދަށެވެ. ޖާމިއާ ޕާޓީން ބުނެފައިވާ ގޮތުގައި މިސްކިތަށް ދިން ހަމަލާގައި އާހިދު ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ހަތް ބޮޑީގާޑުން ވެސް ވަނީ މަރުވެފަ އެވެ.
ދެ މިސްކިތަކަށް ދިން ހަމަލާ ކުށްވެރި ކުރުމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ޓެރަރިސްޓުންގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަފްޣާނިސްތާނުގެ ތާލިބާނުން ފަހަކަށް އައިސް ވަނީ ސަލާމަތީ ފަރާތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޑިނޭތަރު
22 October 2017
ތީ ހަމަ ގިނަ މުސްލިމް ގައުމު ތަކުގެ ހާލަތު.ސައުދި އަރަބިޔާ މުސްލިމުންނަށް ދިން ހަދިޔާ.ދެން ކުއްވެރި ކުރާނީ އެމެރިކާ
ސަޅިބައިސާ
22 October 2017
"ދެ މިސްކިތަކަށް ދިން ހަމަލާ ކުށްވެރި ކުރުމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ޓެރަރިސްޓުންގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ" ކޮބާތޯ ޓެރަރިސްޓުންނަށް ކާމިޔާބު ނުވެފަ.؟ ކޮންމެ ހަފްތާއަކު މިގޮތަށް އެތައް މުސްލިމުންނެއްގެ ލޭ އޮހޮރުވާނުލާ ހަފްތާއެއް އެތައް މިސްކިތެއް ސުންނާފަތި ނުކުރާ ހަފްތާއެއް ނުދޭ. މިއީ ފަހުޒަމާނުގާ އެ ނިކުންނަ ޚަވާރިޖުންގެ ޖަމާޢަތް.