ހިތަދޫގައި ރޭ އޮތް ޖަލްސާގައި މޫސަ ވާހަކަ ދައްކަވަނީ. ފޮޓޯ: އަސުރުމާ
22 އޮކްޓޯބަރ 2017 - 10:38
ރައްޔިތުންގެ މަޖިލީހުގައި ތިބި ސަރުކާރާ ދެކޮޅު މެމްބަރުންނާ ހެދި، މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރެވެން ނެތް ކަމަށާއި ޖަލްސާތަކަށް ހުރަސް އަޅަނީ އިދިކޮޅު މެންބަރުން ބޭޒާރު ވެދާނެތީ ކަމަށް މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
"އަފިރިންނަސް ތައްޔާރަ" ގެ ނަމުގައި ފަސްޓްލޭޑީ ފާތުމަތު އިބްރާހީމް އިސްކޮށް ހުންނަވައިގެން އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވީ މަޖިލީހުގެ މަސައްކަތަކީ އޭނާ އާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އަމިއްލަ މަސައްކަތްތަކެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ޖަލްސާތައް ކުރިއަށް ގެންދަން އިދިކޮޅު މެމްބަރުން ހުރަސް އަޅަނީ އެ މީހުން ބޭޒާރުވާ ވަރަށް ސަރުކާރުގެ މެމްބަރުން މަޖިލިސް ތެރޭގައި ވާހަކަ ދައްކަފާނެތީ ކަމަށެވެ.
"ރައްޔިތުންގެ ހައްގުގައި އެ މަޖިލިސް ތެރޭގައި ވާހަކަ ދެއްކުމުގެ އެންމެ ފުރުސަތެއް ވެސް ނުދޭ މި މީހުންގެ ވާހަކަ ގޮވާފާނެތީ. މިހާރު އެތާނގައި ޗައިނާގެ ބޮޑު ފާރު ވެސް ލާން ޖެހުނީ. މާދަމާ ކަށިނަރު ވެސް ޖަހަން ޖެހޭނެ. އަނެއް ދުވަހަކުން ބިއްލޫރި ވެސް ޖަހަން ޖެހޭނެ،" މޫސަ ވިދާޅުވި އެވެ. "ހަމަ އެއްގޮތަކަށް ރައްޔިތެއްގެ ވާހަކަ ދެއްކޭކަށް ނެތް. ކުރިމަތީގައި މިއޮތީ ދެހާސް އަށާރައިގެ ބަޖެޓް. ރައީސް ޔާމީން ކުރަމުން މިދާ ތަރައްގީއާ ގުޅިގެން ދައުލަތު ވަޒީރަކު އެތާނގައި ވާހަކައެއް ދެއްކިޔަސް މި މީހުންނަށް ގެއްލުން ވާނެކަން އެނގޭތީވެ އެތާނގައި ހަޅޭއް ޖަހަނީ."
އޭނާ ވިދާޅުވީ އިދިކޮޅު މެމްބަރުންގެ ބޭނުމަކީ ސަރުކާރުން ހިންގާ ތަރައްގީގެ ވާހަކަ ދެއްކިޔަ ނުދިނުން ކަމަށެވެ.
"ވަޒީރުން ވެސް ވަޑައިގެން އެ ވާހަކަ ދެއްކީމަ މި މީހުންނަށް ހައްތަހާ ވެސް ލިބޭނީ ގެއްލުން ކަމަށްވާތީވެ އަޅުގަނޑުމެން ލައްވައި ޕޯޑިއަމްތަކުގައި މި ވާހަކަ ދައްކުވަން ޖައްސަނީ،" މޫސަ ވިދާޅުވި އެވެ. "...އެހެންވީމާ އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ ގާނޫނުއަސާސީ ހަލާލުކޮށް ފުނޑުފުނޑުކޮށް ނުލާށޭ، މި ބޭފުޅުންނާ ގަބޫލު ފަނޑިޔާރު ގެއެއް ހުރީއްޔަކީ ނޫން. ގަބޫލު ކުރާ ދައުލަތުގެ އެއްވެސް މުއައްސަސާ ހުރީއްޔަކީ ނޫން."
މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އޭނާގެ ދުލުގައި ހިފައިދާ ނަމަ، ދެއްކޭނެ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ. އެހެންވެ ފާޑުފާޑުގެ ވާހަކަ ނުދައްކައި ތިބުމަށް ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާފުޅާ
22 October 2017
މޫސަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. އެއްކޮޅަސް ދެކޮޅަސް ތިންހަތަރު ކޮޅަސް ބުނެވޭނީ ހަމަ ބޭޒާރުވެދާނެތީއޭ
ގޮއްޔެ
22 October 2017
މޫސަބެ އިތުރަށް ފަޟީޙަތްވާން އޮތީ ކޮންކަމެއްތޯ؟؟؟ މަޖްލިހުގެ ނައިބު ރައީސްކަން ދިނަތީ މީހާގެ ދެފައި ބިމުގައި ހަރެއްނުލާ. އެމަންޒަރު އެންމެހާ ދިވެހި ރައްޔިތުން މިދަނީ ވަރަށް ގާތުން ބަލަމުން. އިތުރަށް ދެންވާން އޮތް ބޭޒާރު މިފަދަ ކޮމެންޓަކުން ބުނެލާކަށް ނުކެރޭނެ.
ވިސްނާމީހާ
22 October 2017
އަހަންނަށް ހީވަނީ މޫސަގެ ސިޔާސީ ޙަޔާތް ނިމެންކައިރިވަނީހެން، އެމް.ޑިީ.ޕީ ގެ ޖަލްސަތައް ބަލާއިރުވެސް ރިކޯވާހަކަދައްކަންނާ ވަރަށްފޫހިވޭ ޕޯޑިއަމްގައި މާބޮޑަށް ޒާތީވެގެންވާހަކަދައްކާތީ
ތަމް
22 October 2017
ޕީޕީއެމުން ކެނޑުނީމަ ގޮނޑިގެއްލޭ..... ޕީޕީއެމާ ގުޅުނީމަ ގޮނޑި ކަށަވަރުވޭ.... ޔާމީން ސަރުކާރުގެ އިންސާފް!!! އިލެކްޝަން ކޮމިޝަންގެ ހަމަހަމަކަން!!!!
އަލިބެ
22 October 2017
ރީކޯ ހީކުރީ ހުރިހާ ދިވެހިންނަކީ ގަމާރުން ކަމަށްތަ. އެންމެނަށް އެނގޭ މަސީހު ގަދަކަމުން ބައިންދައިގެންކަން މައްސަލައަކީ. ޔާމީން ބޭނުންވިޔަސް އަބަދަކު އޭނަ އެތާކު ގަދަކަމުން ހަމަހިލާ ނުބޭންދޭނެ. އިންޝާ ﷲ
މެންޓަލިސްޓް
22 October 2017
މޫސައަޔަކީ އަޅުގަނޑު ހިތައްއަރާ ހާދަވާމޮޅު ފިލްމްސްޓާރެކޭ ،،، ބޯވައެއްހެން އެއްގަލުން އަނެއްގަލަށް ބަދަލުވާއިރު ކުލަމުޅިން ބަދަލުވެގެން ތިޔަދަނީ ،،، މޫސަގެ ކުރީގެ ހުވަފެން ކާމިޔާބް ވަމުންދާތީވެ އަޅުގަނޑު މަރުހަބާ ދަންނަވަން ،،، މޫސަވެސް މިހާރު ރިސޯޓްއޯނަރއަކަށް ވެގެން އެދަނީ ،،، ދެންދޭންއޮތް ނަސޭހަތަކީ އަނެއްކާ ޕީޕީއެމްއަށް މޫސައަކީ ނޫފުލޭވަރުގެ " ހެވީލޯޑަކަށް " ވެގެންދިޔަނުދޭނި ،،،، އޭރުން ކަޑަވާނެ ،،، ވަރަށްވެދުން
އަގަރުބައްތި
22 October 2017
މަސީހާ އާޢި މީނާ އާއި ދެ މީހުން ގެ ކޯޅުން ބޮޑު ކަމުން މަޖިލީސް ނުހިގާއިގެން އުޅެނީ
ކުރާތި
22 October 2017
މަޖްލީހުގެ ވަށާފާރުވެސް ރާނާ ރަންރީނދުލޭ މެން އިނދަ ގަންނުވާލަން ޖެހޭ ވަރު އެބަޖެހެއޭ ކުރަން. އެކަން ކޮށްލަބަލަ އެގޮތަށް.
ހިނދުކޮޅު
22 October 2017
ތިވަރު އަދި ތަންކޮޅެއް ކުޑަ! ކޮންމެފަދަ އެއްޗެއް ކިޔައިގެން ނަމަވެސް އަމިއްލައަށް ހިތްހަމަ ޖައްސާލެވޭތޯ ބެލުން ނޫންގޮތެއް މިކެންޕޭން ޓީމް އަކަށް ނެތެވެ. ކަންތައްތަކުގެ އަސްލު އޮތީ ދިމާ އިދިކޮޅަށް ކަން އެންމެންނަށްވެސް އިނގެއެވެ.
ބެއްޔާ
22 October 2017
މޫސަ ހަޖޫޖަހަަމުމް އައި ފަނޑިޔާރުގެ މިހާރު އިސްލާހުވީތޯ. ހަމަ ނޭންގޭތީ އަހާލީ...