ތުރުކީގައި އަލަށް ހުޅުވި ކެމްލިކާ މިސްކިތުގެ ފޮޓޯއެއް މީހަކު ނަގަނީ. --ފޮޓޯ:އޭއެފްޕީ
06 ޖުލައި 2016 - 07:09
އިސްތަންބޫލް (ޖުލައި 6) - ތުރުކީގެ އިސްތަންބޫލްގައި މި ހަފުތާގައި ހުޅުވި ކެމްލިކާ މިސްކިތަކީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަރަށް ކުރިއްސުރެ ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެނެކެވެ. ތުރުކީގެ އެންމެ ބޮޑު މިސްކިތް އިމާރާތް ކުރަމުންދިޔައިރު އުރުދުޣާން އަމިއްލަފުޅަށް ވަޑައިގެން މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވައިފަ އެވެ.
ތުރުކީގައި އަލަށް ހުޅުވި ކެމްލިކާ މިސްކިތް ބޭރުން ފެންނަ ގޮތް. --ފޮޓޯ:އޭއެފްޕީ
އިސްތަންބޫލްގެ ފަރުބަދަ މަތީ މިސްކިތުގައި ގާތްގަނޑަކަށް 60،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވެ އެވެ. ގާތްގަނޑަކަށް 15،000 އަކަ މީޓަރު (161،000 އަކަ ފޫޓު) ގެ ސަރަހައްދެއްގައި ހަދާފައިވާ މިސްކިތް އަދި އެކުގައި ނިންމާނުލެވެ އެވެ. ދެހާސް ތޭރަ ވަނަ އަހަރު މަސައްކަތް ފެށި މިސްކިތުގައި ލައިބްރަރީ އަކާއި ތުރުކީގެ އިސްލާމީ އާޓް ދައްކުވައިދޭ މިއުޒިމެއް އަދި ކޮންފަރެންސް ރޫމްތައް ހިމެނެ އެވެ. މި މަޝްރޫއު ހުއްޓުވުމަށް އާކިޓެކްޓުންނާއި ތިމާވެށީގެ މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ތުރުކީގައި އެތައް ބައިވަރު މިސްކިތެއް މިހާރުވެސް ހުރި އިރު އަންހެން އާކިޓެކްޓުން ކަމަށްވާ ބަހާރު މިޒްރާކް އަދި ހައިރިޔާ ގުލް ތޮތީ ލައްވާ ޑިޒައިން ކުރި މިސްކިތް އެހާ ޚާއްސަ ނުވާ ކަމަށެވެ.
ތުރުކީގައި އަލަށް ހުޅުވި ކެމްލިކާ މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ
މިސްކިތުގެ މުންނާރުތަކުގެ ދިގުމިން 107.1 މީޓަރު (350 ފޫޓު) އަށް އަރަ އެވެ.
"އާކިޓެކްޗާ ނަޒަރަކުން ބަލާއިރު އެ މިސްކިތުގައި އުފެއްދުންތެރި އެއްވެސް ކަމެއް ނެތް،" އާބަން ޕްލޭނަރެއް ކަމަށްވާ ތައިފުން ކަހްރަމަން ބުންޏެވެ.
އޭނާ އަދި ބުނީ މިސްކިތް އިމާރާތްކޮށްފައި ވަނީ ގުދުރަތީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި ކަމަށެވެ. މިސްކިތް އިމާރާތް ކުރުމުގައި އުޅުނު އިންޖިނޭރަކު ބުނީ ގުދުރަތީ ގޮތުން ރީތި ސަރަހައްދެއްގައި މިސްކިތް އިމާރާތް ކުރުމުން އެ ސަރަހައްދަށް އިތުރު ރީތި ކަމެއް ގެނުވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy