ވިޔަފާރި / ޒުވާނުން

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ބާއްވާ "ސްޓާޓަޕް ވީކެންޑް" ފަށައިފި

"ސްޓާޓަޕް ވީކެންޑް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ. ފޮޓޯ: މިހާރު/ހުސައިން ވަހީދު

27 އޮކްޓޯބަރ 2017 - 19:45

1 comments

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ދިރާގާއި ޔޫއެންޑީޕީ އަދި އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމަންޓުން ޓެކްސްޓާސް ގްލޯބަލް އާ ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ "ސްޓާޓަޕް ވީކެންޑް" ފަށައިފި އެވެ.

ޓެކްސްޓާސް ގްލޯބަލް އަކީ ގޫގުލްއާ ގުޅިގެން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ނެޓްވޯކެކެވެ. އެ ނެޓްވޯކުން ވަރަށް ގިނަ ގައުމުތަކުގައި މިފަދަ ހަރަކާތްތައް ބާއްވަ އެވެ.

"ސްޓާޓަޕް ވީކެންޑް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެސިލިޓޭޓަރަކު ވާހަކަ ދައްކަނީ. ފޮޓޯ: މިހާރު/ހުސައިން ވަހީދު

ސްޓާޓަޕް ވީކެންޑް ފެށުމަށް އާޓް ގެލަރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ، މިފަދަ އިވެންޓެއްގައި ބައިވެރިވެ ޒުވާނުންނަށް ފުރުސަތުތަށް ފަހިކޮށްދިނުމަށް އެހީތެރިވުމަކީ އެ ކުންފުނިން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މި އިވެންޓް ނިމިގެންދާއިރު ވަރަށް ރަނގަޅު ތަޖުރިބާތަކާއި، ފުރުސަތުތައް ބަައިވެރިންނަށް ފަހިވެގެން ދާނެ،" އިސްމާއީލް ވިދާޅުވި އެވެ.

ޔޫއެން ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ޔޫއެން ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ ވިދާޅުވީ، އިވެންޓްގައި ބައިވެރިވާ ފަރާތްތަކަށް، ވިޔަފާރިއެއް ފެށިގެން އަންނައިރު ދިމާވާނެ ކަންކަން ތަޖުރިބާ ކުރެވި މައްސަލަތައް ހައްލު ކުރަން ދަސްވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު މިތަނަށް ވަތް އިރުވެސް އެނގުނު ބައިވެރިން މިކަމަށް ބޭނުންވެފައި ތިބި ވަރު. މި އިވެންޓް ނިމިގެންދާއިރު، ވަރަށް ކާމިޔާބު އުފެއްދުންތައް ފެނިގެންދާނެ ކަމަށް އުންމީދުކުރަން،" ޝޯކޯ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއް ލަތީފް މުހައްމަދު ވިދާޅުވީ، މި ހަރަކާތަކީ ސަރުކާރުން ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާާސަތުތަކާ ވަރަށް ގުޅޭ ހަރަކާތެއް ކަމަށެވެ. އަދި މި ސަރުކާރުގައި ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ.

ސްޓާޓަޕް ވީކެންޑް ކުރިއަށް ދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސްޓޭޖުގައި އޮންނާނީ ބައިވެރިންގެ ގުޅުން ރަނގަޅު ކުރުމަށް ބާއްވާ ހަރަކާތްތަކެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ބައިވެރިން ގުޅިގެން ވިޔަފާރިއެއް ހިންގާނެ ގޮތް ހޯދާނެ އެވެ. ދެ ވަނަ ސްޓޭޖުގައި އޮންނާނީ ތަޖުރިބާކާރުންގެ ފިލާވަޅުތަކާ އެކު ވިޔަފާރި ވިސްނުމެއް ތަރައްގީކޮށް، އެ ވިސްނުމެއްގެ މައްޗަށް ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް އުފެއްދުމެވެ.

"ސްޓާޓަޕް ވީކެންޑް"ގެ ބައިވެރިއެއް.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"އަޅުގަނޑު އަސްލު މި ހަރާކާތުގައި ބައިވެރިވީ، ނެޓްވޯކިން އަށް. އޭގެ އިތުރުން ދެން ޕިޗަކާއި މެދުވެސް ވިސްނައިގެން މިހުންނަނީ،" މި ހަރަކާތުގައި ބައިވެރިވާ ޑިވެލޮޕަރަކު ބުންޏެވެ.

ޓެކްނިކަލް ނޫން ދާއިރާތަކުން ވެސް މި ހަރަކާތުގައި މީހުން ބައިވެރިވެ އެވެ. ގިނަ ބައިވެރިން ބުނީ، މި ހަރަކާތަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މި ހަރަކާތުގެ ތެރެއިން ރަަނގަޅު އުފެއްދުންތައް އަންނާނެ ކަމަށެވެ.

"މި ހަރަކާތުގައި އަޅުގަނޑު މި ބައިވެރިވީ ވަރަށް ބޮޑަށް ޕިޗަކަށް ވިސްނައިގެން. އަޅުގަނޑު މި ބަލަނީ މަސްވެރިކަމާ ޓެކްނޮލޮޖީ ގުޅުވާލެވޭނެ ގޮތެއް ހަދަން. އެންމެ ބޮޑު އެއް އިންޑަސްޓްރީގެ ގޮތުގައި މަސްވެރިކަން އޮންނައިރު އަޅުގަނޑުގެ އުންމީދަކީ މި އިންޑަސްޓްރީ މުޅިން ބަދަލު ކޮށްލުން،" އެހެން ޑިވެލޮޕަރަކު ބުންޏެވެ.

ގިނަ ޒުވާނުންތަކެއް ބައިވެރިވާ މި ހަރަކާތް 54 ގަޑިއިރުން ދިގުދެމިގެން ދާނެ އެވެ. މި ހަރަކާތުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި، މަސައްކަތްތައް ވަގުތަށް ނިންމަން ވެސް ދަސްވެގެން ދާނެ އެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮތޯ

28 October 2017

ލަތީފޫ ކީކެތޯ ތިޔަ ކިޔަނީ؟ ސަރުކާރުން ކޮން ފުރުސަތެއްތޯ ފަހިކޮއްދިނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454