ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
28 އޮކްޓޯބަރ 2017 - 20:11
ޕީޕީއެމް ހަލާކުވީ، 2013 ވަނަ އަހަރު އެ ޕާޓީގެ ފަރާތުން ރާއްޖޭގެ ވެރިކަމަށް ވާދަކުރާނެ މީހަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވޯޓު އޮޅުވާލި ހިސާބުން ފެށިގެން ކަމަށާއި މިއަދު މި ފެންނަނީ އޭގެ ނަތީޖާ ކަމަށް ޕްރައިމަރީގައި، ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް ހަ އަހަރު ފުރޭ މުނާސަބާއާ ގުޅުވައިގެން އާއްމު ކުރެއްވި ބަޔާނެއްގައި އުމަރު ވިދާޅުވީ އެ ޕާޓީ އުފެއްދި މަގްސަދާއި ގަބޫލުކުރި ހަމަތައް ދޫކޮށް ޕާޓީ މާ ދުރަށް ގޮސްފައިވީ ނަމަވެސް އެކަމާ ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، ރިޔާސީ ޕްރައިމަރީ ބޭއްވި ދުވަހު، ޕީޕީއެމްގެ ދަފުތަރުގައި ނުހިމެނޭ 8،000 އަށް ވުރެ ގިނަ މީހުންގެ ނަން، ޕާޓީގެ ވޯޓާސް ލިސްޓުގައި ހިމަނައި، އެ މީހުންގެ ނަމުގައި ފޮށިތަކަށް ވޯޓު އެޅުމެވެ.
އުމަރު ވިދާޅުވި ގޮތުގައި ޕީޕީއެމް ނުބައި މަގަށް ދަތުރުފެށީ އެ ދުވަހު އެވެ.
"މި ޕާޓީ ހަލާކުވި ދުވަހަކީ އެއީ. މިއަދު މި ފެންނަނީ އެ ދުވަހުގެ އަމަލުގެ ނަތީޖާ،" ޕްރައިމަރީގެ މައްސަލަގަނޑުގެ ތެރޭގައި، އެ ޕާޓީން ވަކިކޮށްފައިވާ އުމަރު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ:
އޭނާ ވިދާޅުވީ ޕާޓީ ހަލާކުވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށާއި އެކަމަކު ބަދަލުގައި މަލާމާތާއި ފުރައްސާރަ ނޫން އެއްޗެއް ލިބިވަޑައިނުގަތް ކަމަށެވެ. އަދި އެންމެ ފަހުން ނިމިގެން ދިޔައީ އޭނާ ޕާޓީން ވަކިކޮށްގެން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މިއަދު ޕީޕީއެމުން މެމްބަރުން ވަކި ކުރާ ގޮތާއި ކޯޓުތަކުން ޕާޓީގެ މައްސަލަތައް ނިންމަމުން ގެންދާ ގޮތަކީ، އެ ދުވަހު އޭނާ ތަޖުރިބާ ކުރެއްވި ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް އެރިޔަސް އޮންނާނީ ކައްޗަށް ކަމަށް ބުނާ ބުނުމުން މިއަދު ތެދުވެއްޖެ އެވެ." އުމަރުގެ ބަޔާނުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީ އާއި ފަހުން އެ ޕާޓީ ދެބައިވެ އުފެދުނު "ޒެޑް ޑީއާރުޕީ"ގެ ތެރޭން ޕީޕީއެމް އުފެދުމާ ހަމައަށް ކުރީ އުނދަގޫ އަދި އެތައް ބައެއްގެ ގުރުބާނީ ހިމެނިފައިވާ ދަތުރެއް ކަމަށެވެ. އަދި ޕީޕީއެމް އުފެއްދި މަގްސަދާއި ގަބޫލުކުރި ހަމަތައް ދޫކޮށް ޕާޓީ މާދުރަށް ގޮސްފައި ވިޔަސް އަދި ޕީޕީއެމްގެ އެތެރޭގެ ކަންކަން ހިންގާފައިވަނީ އެންމެ ރަނގަޅަށް ނޫނަސް، ހިތުގައި އެއްވެސް ބުރަކަމެއް އަދި ރުޅިވެރިކަމެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވެފައިވާ ޕާޓީތަކަކަށް ވުމާއި ލީޑަރުންގެ ކަލްޓްއަކަށް ބަދަލުވެގެން ނުދާ ސިޔާސީ އިދާރާތަކެއްގެ ގޮތުގައި ޕާޓީތައް އޮތުމެވެ." ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އުމަރު ވިދާޅުވެފައި ވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު މިއަދު ވަނީ 2018އިގެ އިންތިހާބުގައި އޭނާގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމަށް، ތައްޔާރު ކުރައްވަމުން ގެންދާ ބައެއް ނޯޓުތައް އާއްމު ކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕަައްލަންބެ
29 October 2017
އުމަރަކީ ހަގީގަތުގައި ފަސް އަނގައިން ވާހަކަ ދައްކަވާ ބޭފުޅެކެވެ.
ުގުރާ
29 October 2017
އެފަދަ ބޮޑު އޮޅުވައިލުމަކާއި ހީލަތުން ރިޔާސީ ޓިކެޓް ނަގައިގެން ވެރިކަމަށް އައީމަވެސް ބާރުގަދަ ހޯމް މިނިސްޓަރ ކަމަށް ދުވެފަގޮސް އަރާ އިނދެ ނުހައްގުން ނާޒިމްމެންފަދަ އެތައް ބައެއް ފުލުހުން ހައްޔަރުކޮށް ޖަލަށްލައި ނިމުނީމަ ވަޒީރުކަން ދޫކޮށް އެކުޅިވަރު ބަލަން ހުރެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ މާހައުލު ފުނޑުފުނޑުވީމަ މޭފުއްޕާފަ ނިކުމެ އަނގަ ހުޅުވަންތިފެށީ ރިޔާސީ ޓިކެޓްގެ ދަހިވެތި ކަމުގައި.
ރަސްގެތީމު ކޮއިމަލާ ރަސްގެފާނު
29 October 2017
އެހެންވީމަ ދޯ ތިޖޫރީ އިންތަނުގަ ވަޅުގަނޑެއް ކޮންނަން އެހީތެރިވެދިނީ...
ހަސަނު
29 October 2017
2013 ގެ ރިޔަސީ އިންތިހާބު ގެ ފުރަތަމަ ބުރު ގައި ވޯޓު އޮޅު ވާލާފައި ވަމުގެ ވަރަށް ވަރުގަދަ ޕުރެސެންޓޭޝަނެއް އުމަރު ދިން.. އޭގެން ވެސް އުމަރު ދެއްކި ވަރަށް މައްސަލަ.. އެކަމަކު މި އަދު މުޅި ގައުމު މިހާލަތަށް ގޮސްފައި މިވަނީ އޭރު އުމަރުމެން ރިޔާސީ ވޯޓަށް ހެދި ގޮތުން... މަގޭ ވާހަކައަކީ އުމަރު މެންނޭ އަސްލު މައްސަލައަކީ.. އެހެން މީހުންގެ ގޯސް ވާހަކަ ދެއްކޭނެ ޖާގައެއްނެތޭ...
Citizens
29 October 2017
ރަނގަޅު ވާހަކަ އެއް މުޅި ސިސްޓަމް ފުނޑާލުމުގައި އުމަރު މެން ކުޅުނު ދައުރު ކުޑައެއް ނުވާނެ ...
ހޫން
29 October 2017
އެދުވަހު ޕްރައިމަރީ ނުލިބުމުން ވެރިކަން ނުލިބުނީއޭ ތޯ ތިބުނީ؟ ވަރަށް ދެރަވެފަ ދޯ. ރައީސް ޔާމީނާ ވާދަކޮށް އުމަރަށް މޮޅެއް ނުވެވޭނެ. މާ ފަހަތުގަ ކަންނޭގެ އުޅޭނީ. ހަރުގަޑު ބަހައްޓައިގެން ވެރިކަމެއް ނުކުރެވޭނެ އެއްވެސް މީހަކަށް.
ހަކި
29 October 2017
ޢުމަރު ބުނާއެއްޗެތި ދިމާވޭ ޢުމަރުބުނީ ތިޖޫރީ އިންތާ އޮންނާނީ ހުސް ވަޅުގަނޑެއް ކަމަށް މިއަދު ގައުމު މިވަނީ އެމީހަކާއެމީހެކޭ ބުނާ ފަދައިން ވައްކަން ކުރަމުން ކުރަމުން ގޮސް ވަޅުގަނޑަކަށް ވެއްޓިފަ މިއޮތީ އުމަރު ބުނިތަން އައިސް ރައްޔިތުންނަށް މި ވަނީ އޭގެ ދުއްތުރާ ޖެހި އަގުއަދާކުރަން ޖެހިފަ ތިބުނީ އެދުވަހުވެސް ވޯޓަށް ހަދާލި މަކަރު އަދި އެއީ ވޯޓް ދެން ފައިސާ އަތުޖެހުނީމަ ވާނެގޮތް ދެކިބަލަ
ދަންނަވަންތޯ
29 October 2017
ކުރިންވެސް ފަހުންވެސް ހެޔޮ ބަސްބުނެގެން މިގައމުގައި ތާއީދެއް ނުލިބޭނެ. އިންތިޚާބުތަކުން މިގައުމުގައި ކާމިޔާބު ކުރާނީ މޮޔައިންނާ މުނާފިގުން..
ބެރައަ ހިންގަނީ
29 October 2017
ޢައްދެ 5000 އަންގައިން ވާހަކަފުޅުދައްކަވާ އުމަމަރު ކޯމާއިން ތެދުވީތަ،
އިރުވައި
28 October 2017
މޫސުމަށް ދޮންދޫނި އަންނަން ފެށީތަ، އެކަމު އެންމެ ފޯރި ގަދަ ވާނީ ހުޅަނގު މޫސުމުގަ އެއިރަކު މި ދޫނިއެއް ނުފެންނާނެ
އަނގަފޭޅީތަ
28 October 2017
އުމަރު ކުޑަގޮޅިއަށް ދާން ބޭނުން ވެގެން ތަ ތިއުޅެނީ، މިހާރު ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް، އެކަން އެނގި ހުރެގެންނު ހޯމް މިނިސްޓަރު ކަމާ ހަވާލު ވީ، އެ މަގާމްގަ ހުރެގެން ކީއްވެ ތި ވާހަކަ ނުދެއްކީ، ތީ ގެންވެސް އެނގެނީ އުމަރުގެ ފިނޑިކަމާ ކަންތަކުގަ ޖެހިލުންވާކަން