03 ނޮވެމްބަރ 2017 - 09:13
ލަންޑަން (ނޮވެމްބަރު 3) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑާ ލަނޑެއް ނުޖެހި އެއްވަރުވެ ލިބުނު ޕޮއިންޓާ އެކު އާސެނަލް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، ލިޔޯން އަތުން 3-0 އިން ބަލިވެ އެވަޓަން މުބާރާތުން ކަޓައިފި އެވެ.
އާސެނަލް ކޮލިފައިވީ ރޭގެ މެޗުން އެ ޓީމަށް މޮޅެއް ނުލިބުނު ނަމަވެސް މި ގްރޫޕުގެ އަނެއް މެޗުން ކޮލޯން އަތުން 5-2 އިން ބާޓޭ ބޮރިސޯވް ބަލިވުމުންނެވެ. އާސެނަލް މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެޑްސްޓާ އަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބާޓޭ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެންމެ ފުލުގައި އޮތް ކޮލޯން އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ގިނަ ބަދަލުތަކާ އެކު ރެޑްސްޓާ ކޮޅަށް ނުކުތް އާސެނަލަށް މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖެކް ވިލްޝަޔާ އަށެވެ. މި ނަތީޖާއާ އެކު އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 16 މެޗު ހަމަކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލިޔޯނުން އެވަޓަން ކޮޅަށް ލަނޑު ޖެހީ އެޑަމާ ޓްރައޮރޭ، ހުސެމް އޯއޭ އަދި ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު މެމްފިސް ޑީޕާއީ އެވެ.
އެވަޓަން ކެޓީ ގްރޫޕް އީގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ލިބިފައިނުވާތީ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތް އެޓަލަންޓާ އާއި ދެ ވަނައިގައި އޮތް ލިޔޯނަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސައިޕްރަސްގެ އަޕޯލޯން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އެވަޓަން އޮތީ އެއް ޕޮއިންޓާ އެކު އެވެ.
ގްރޫޕް އައިގައި ރޭ ޕޯޗުގަލްގެ ވިޓޯރިއާއާ ދެކޮޅަށް ފްރާންސްގެ މާސޭ ކުޅުނު މެޗު ފެށުމުގެ ކުރިން އެ ޓީމުގެ ޕެކްޓްރިސް އެވްރާ ސަޕޯޓަރެއްގެ ގައިގައި ފައިން ޖަހަން މަސައްކަތް ކުރުމުން އޭނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މި މެޗުން މާސޭ ބަލިވީ 1-0 އިންނެވެ.
ރޭ ކުޅުނު ބައެއް އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އޭސީ މިލާން ވަނީ ރަށުން ބޭރުގައި އޭއީކޭ އެތަންސްއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ލާޒިއޯ 1-0 އިން ނީސް ބަލިކުރިއިރު، ރޮސެންބާގާއި ޒެނިޓް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
04 November 2017
މަރުހަބާ އާސެނަލް.