އެމްސީބީ: އެ ބޭންކަށް ފައިސާ ދައްކަން ޖެހުނު ޝަރޫއަކީ ޑޮލަރުގެ މުއާމަލާތްތަކަކާ ގުޅިގެން ސަރުކާރުގެ ދެ ކުންފުންޏަކަށް 20 މިލިއަން ދައްކަން ޖެހިފައިވާ ކުންފުންޏެއް .---މިހާރު ފައިލް ފޮޓޯ
05 ނޮވެމްބަރ 2017 - 20:34
ޑޮލަރު ވިއްކުމުގެ މުއާމަލާތްތަކަކާ ގުޅިގެން ސަރުކާރުގެ ދެ ކުންފުންޏަކަށް 20 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ޝަރޫ ލޯންޗް ކުންފުނީގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެެއް ސާބިތުވެ، އެ ފައިސާ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޝަރޫ ކުންފުނިން 29.3 މިލިއަން ރުފިޔާ އެމްސީބީއަށް ދައްކަން ޖެހުނީ އެތަނުން ނެގި ލޯނެއް އަނބުރާ ނުދައްކައިގެން އެމްސީބީން ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހެދި އެއްބަސްވުމެއްގެ ދަށުން އެމްސީބީން ޝަރޫއަށް 13.8 މިލިއަން ރުފިޔާ އާއި 966،000 ޑޮލަރުގެ ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ އާއި އިންޓްރެސްޓްގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 990،000 ޑޮލަރު (15 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަރާފައިވާ ކަމަށާއި އެއީ ޝަރޫއިން ދައްކަން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ 10 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޝަރޫ އާއި އެ ލޯނަށް ގެރެންޓީ ދިން ދެ މީހެއްގެ މައްޗަށް ހުކުމުގައި ވަނީ އަންގައިފަ އެވެ.
އެ މުއްދަތުގައި ފައިސާ އެއްކޮށް ނުދައްކައިފި ނަމަ، އެ ލޯނަށް ރަހުނު ކޮށްފައިވާ ޝަރޫގެ ތިން ލޯންޗަކާއި ހުޅުމާލޭގެ ދެ ގޯއްޗެއް ވިއްކާލައިގެން ފައިސާ ހޯދުމުގެ ހައްގު އެމްސީބީއަށް ލިބިގެންވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކަން ހިންގި މުއާމަލާތުގައި ޑޮލަރު ނުދެވުނީ އެމްސީބީގެ ސަބަބުން ކަމަށް ބުނެ 150 މިލިއަން ރުފިޔާގެ ބަދަލެއް އެމްސީބީގެ ފަރާތުން ހޯދަން ޝަރޫއިން ކުރިން ދައުވާކުރި އެވެ. އެކަމަކު އެ މައްސަލައިގެ ހުކުމް ކުރަން ހަމަޖެހިފައި އޮތް ދުވަހު ޝަރޫއިން ދައުވާ އަނބުރާ ގެންދިޔައީ އެވެ.
ފެނަކަ އަށް ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ ނެގި މައްސަލަ ކުރިން ފުލުހުން ވެސް ބެލި އެވެ. އެ މައްސަލާގައި އޭރު ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫތު
06 November 2017
އަޑުއިވޭގޮތުގަ މިކުންފުޏަކީ ސަރުކާރުގެ އިސްވެރިންނާއި ވަރަށް ގާތްގުޅުމެއް އޮންނަ ބައެއް
އައިޖޭ
06 November 2017
މި ޝަރޫ ކުންުފނީގެ އަޑީގައި ތިބީ ކޮންބައެއބާ؟؟ މިހަވަރުގެ ކަނތައް ތައް ހިލިގެން ގޮއްސާ މިހުރީ ކޮހާވަރެއްގެ ބައެއްބާ؟؟
ހޫތު
06 November 2017
މުޝްތާގު އެއީ އެކަކު
ޝަރުމީލާ
06 November 2017
ހިއްސާދާރުންނާ ޑައިރެކްޓަރުންގެ ނަންތައް ހާމަކޮއްލަދީބަލަ އެގޭބޭފުޅަކު ހުރިއްޔާ.... ގައުމީ ސަލާމަތަށާ އިގްތިސާދަށް ވަރައް ނުރައްކާބަޔަކަށް މި މީހުންވެއްޖެ އެއްނުން. އަދި ފަޅާނާރާ ކިހާކަމެއް ހުންނާނެ
މެންޓަލިސްޓް
06 November 2017
ހާދަވަރުގަދަ ޝަރޫއެކޭދެއްތޯ ތިއީ ،،، ސަރުކާރާއިވެސް އެވަރަށް ގުޅިފައި ،،، އަނެއްކޮޅުން ބޭންކާއިވެސް އެވަރަށް ގުޅިފައި ،،، ވައްކަން ކާންދޭއަތުގައި ދަތްއެޅީމައި ކުންފުނި އަތަށްގޮވާފައި ތިޔައޮތީ ،،، ދެން މަތިމައްޗަށް ހުކުމްތަށް އަންނާނެ ،،، މީރާއިންވެސް އަދި ފަހާދުވާނެ ،،،، މާފިޔާ ގޭންގްތަކުގައިވެސް ބޮސްއަށް އެއްފަހަރުވެސް ޙިޔާނާތްވީމައި ދެން ގޮވާނީ އަތަށް ،،،،، އެގޮތުން ޝަރޫއަށްވެސް ތިޔަވަނީ ،،، ވަރަށްވެދުން
އަހަންމާ
06 November 2017
ޝަރޫ ލޯންޗް ގެ ވެރިފާތް މިހާރު އާންމުންނަށް އެގެންޖެހޭ،ތިޔަމީހުންގެ ކިބައިން ރައްޔިތުން ސަލާމަތްވެ ތިބުމަށްޓަކާ.
ހަސަން
06 November 2017
ރަހުނު ކޮއްފަ ހުރި ތިއެއްޗހިި ވިއްކައިގެން ހިޔެއްނުވޭ 29 މިލިއަން ރުފިޔާ ލިބޭނެ ހެނެއް. ބޭންކު ތަށް މުއްސަނދިވަނީ ރިބާގެ ވިޔަފާރިން - ވާއިރު ގެއްލުން ވާފަހަރު ވެސް އާދޭ.
ކެވެލި
06 November 2017
ތީ ހުސް ގޭމް. ދެން ޝަރޫ އަކީ މަލްޓި ނޭޝަނަލް ކުންފުންޏެއްތަ ސަރުކާޜުގެ ކުންފުނިތަކުން ޑޮލަރު ގަންނަން އެތަށް މިލިއަން ރުފިޔާ ދޭން.، ރޯމާ ދުވާލު ކުރާ ވައްކަން.
މީ ކޮންބައެއްތަ
05 November 2017
ކޮން ޝަރޫއެއްތަ، ތީ ކޮން ބައެއް ހިންގާ ކުންފުންޏެއް ކަން ހާމަ ކުރަން ވެއްޖެއެއްނު އިތުރު ބަޔަކަށް އޮޅުވާނުލަނީސް، ޝަރޫ ޖަހާފަ އޮންނަ ލޯންޗެއް ފެނޭ
އެކްސް
05 November 2017
މިއީ ކޮންބައެއްގެ ކުންފުންޏެއްކަމާއި ގެރެންޓީދިންމީހުންވެސް އެނގެން އެބަޖެހޭ. އެއީ އެހެންމީހުންގެވެސް ސަލާމަތަކަަށް.
ޝިރު
05 November 2017
ވަރިގަދަ ޝަރު އެެއް ތާއެވެ؟