ރިޕޯޓް / ޓޫރިޒަމް

އަހަރެމެންނަށް ފަޅުރަށެއް ވެސް، ތުނޑިއެއް ވެސް ނެތް!

ގެމެންދޫގެ ބޮޑު ތުނޑީގައި ހުރެ ނަގާފައިވާ މި ފޮޓޯއިން އެ ފެންނަނީ ކުރިމަތީގައި އޮތް އެހެން ފަޅުރަށެއް: ރައްޔިތުންގެ ހިތްހަމަޖެހުމަށް ބޭނުންކުރާ ރަށްރަށް ބޮޑު އަގަށް ދޫކޮށްލުމަކީ މައްސަލައެއް

12 ނޮވެމްބަރ 2017 - 06:50

93 comments

ބ. ކެންދުއާ ޖެހިގެން ކަހަލަ ގޮތަކަށް އޮތް ކުޑަކުޑަ ފަޅުރަށުގެ އެ ރީތި ތުނޑި އެވެ.

އޮއްސެމުން ދިޔަ އިރުގެ ކުލަ ދޯދިތައް ފެތުރެމުން ދިޔަ ވަގުތެވެ.

ވަށައިގެން އޮތް ސާފު ކަނޑާއި، ނޫ އުޑުން ދައްކާލާ ހިތްގައިމު މަންޒަރެވެ.

ބޮޑުވަމުން ދިޔަ ދިޔަވަރުގައި ގޮނޑު ދޮށަށް ބީއްސާލި ރާޅުތަކެވެ.

ކުޑަ އިރުކޮޅަށް ވަގުތު ހުއްޓުނު ކަހަލަ އެވެ. ގެމެންދޫގެ ތުނޑިމަތީގައި، އެ މަޑު ފަސްގަނޑު ތެރެއަށް ފައި ކޮއްޕާލައިގެން ހުރެވުނީ އެވެ. ސޯޅަ ވިލޭރޭގެ ހަނދު އަރާކަށް ގިނަ ވަގުތެއް ނެތެވެ. އެ ހަނދުވަރުގައި ރޭގަނޑުގެ ކެއުމަށް މަސް ފިހަން، ކެންދޫގެ ޒުވާނުންގެ ދެ ގްރޫޕެއް ތުނޑީގެ ދެ ފަރާތުގައި އަލިފާން ރޯކޮށްގެން އުޅުނެވެ. އެއީ، އެ މީހުން ބުނާ ގޮތުން، އެ ރަށު ޒުވާނުންގެ އާދައެކެވެ.

އެތައް އަހަރެއް ވީ، އެތައް އުފަލަކާއި ހިތްހަމަޖެހުން ގެނެސްދިން އާދައެކެވެ.

އެކަމަކު ރައްޔިތުންގެ އެ އުފަލަށް ހުރަސް އެޅުމުގެ ފުރަތަމަ ފިޔަވަޅު ސަރުކާރުން މިހާރު އަޅައިފި އެވެ؛ ބޮޑު ކުއްޔަކަށް ގެމެންދޫ ދޫކޮށްލުމެވެ. ހުށަހެޅި ބިޑްތަކުގެ ތެރޭގައި 600،000ރ ގެ ކުއްޔެއް ވެސް ހިމެނެ އެވެ. މި އޮތް ހުރިހާ ދުވަހު ކެންދޫ ރައްޔިތުން ބޭނުން އިރަކު، ބޭނުން ދުވަހަކު، ދަތުރު ދެވެން އޮތް ރަށް މިހާރު އެ މީހުންނަށް އެ ގެއްލެނީ އެވެ. ރައްޔިތުންގެ އުފަލަށް ވުރެ ފައިސާގެ ދަހިވެތިކަން ސަރުކާރަށް މިހާރު މި އޮތީ ބޮޑުވެފަ އެވެ.

"އެރަށް ކުއްޔަށް ދިނުމުން މުޖުތަމައުގެ ހިތްހަމަޖެހުމުގެ ބައެއް ގެއްލުނީ،" ކެންދޫ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ މެމްބަރު އިބްރާހިމް އަބްދުއްރަހުމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 1300 މީހުންގެ އާބާދީއެއް އޮތް ކެންދޫ ރައްޔިތުންގެ އެ ހިތްހަމަޖެހުމަށް ހުރަސްއެޅޭ ގޮތަށް ގެމަންދޫ ކުއްޔަށް ދިނުމަކީ ކަންބޮޑުވުން އޮތް، ސީރިއަސް މައްސަލައެކެވެ.

ގެމެންދޫގެ އެއް ފަރާތު އާނުގަނޑު: މިއީ ވެސް ހިތްހަމަޖައްސާލެވޭ ކަހަލަ މަންޒަރެއް

އެކަމަކު މިއީ ހަމައެކަނި ކެންދޫ ރައްޔިތުންގެ އުފަލަށް އެޅޭ ހުރަހެއް ނޫނެވެ. އެހެން ބައެއް ރަށްރަށުގެ މީހުން ދަތުރު ގޮސް އުޅުނު ފަޅުރަށްތައް ވެސް ބޮޑު އަގުގައި ވަނީ ކުއްޔަށް ދޫކޮށްފަ އެވެ. އެމްޑީޕީ ސަރުކާރާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް ދިވެހި ރައްޔިތުންގެ ޗުއްޓީ އާއި އުފަލާ ގުޅިފައި ހުރި ރަށްރަށް ޓޫރިޒަމަށް ދޫކުރީ ދެވަނަ ވިސްނުމަކަށް ނުގޮހެވެ. މިހާރުގެ ސަރުކާރުން ވެސް ވަނީ އާންމުންގެ ހިތްހަމަޖެހުމަށް ބޭނުންކުރި އެތައް ރަށެއް އެކި ފަރާތްތަކަށް ދޫކޮށްލައިފަ އެވެ.

ވަހީދުގެ ސަރުކާރުގައި ރިސޯޓެއް ހަދަން ކުޑަބަނޑޮސް ކުއްޔަށް ދިނުމުން ރާއްޖޭގެ ވެރިން، އާންމު ރައްޔިތުންގެ އުފަލާ މެދު ވިސްނާ މިންވަރު އެ އޮތީ އެނގޭށެވެ. ކުޑަބަނޑޮހަކީ ރާއްޖޭގެ ވެރިރަށް އަދި އެންމެ އާބާދީ ބޮޑު ސަރަހައްދުގެ ގިނަ ބަޔަކު ކޮންމެ ބަންދު ދުވަހެއްގައި ވެސް ބޭނުންކުރަމުން އައި ތަނެކެވެ. އުމުރުން އެންމެ ފަހަރަކު ނަމަވެސް އެ ރަށަށް ނާރާ ހުންނާނީ، މާލޭގެ ރަށްވެހިންގެ ތެރެއިން، ވަރަށް މަދު ބައެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ވެސް ސަރުކާރުން ފައިސާއަށް ޖެހުނު ކިތައްމެ އަހަރެއް ދިޔަ އެވެ. އެޑްވާންސަށް އެތައް މިލިއަން ޑޮލަރެއް ލިބޭ ގޮތަށް އެ ސަރުކާރަށް ވެސް އެ ރަށް ކުއްޔެއް ދެވެން އޮތެވެ. އެކަމަކު އަބަދުވެސް އިސްކަންދިނީ މާލޭގެ ރައްޔިތުން ޗުއްޓީ ހޭދަކޮށްލަން ދާ ތަނެއްގެ ގޮތުގައި އެރަށް ބޭއްވުން، ރިސޯޓަކަށް ބަދަލުކުރުމަށް ވުރެ އިޖުތިމާއީ ފައިދާ ބޮޑުކަމެވެ.

މިއަދު ކުޑަބަނޑޮހަކީ ރިސޯޓެކެވެ. މާލޭގެ ބައެއް އާންމުންނަށް ދަތުރު ދާން ލިބެން އޮތް ފޭދޫފިނޮޅުގައި ރިސޯޓެއް ހަދަން މި ސަރުކާރުން ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު އެގޮތަށް އާރަށް ކުއްޔަށް ނުދެވިގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. ރިސޯޓަކަށް ހަދަން އެރަށް ނަގާނެ ވިޔަފާރިވެރިން މަދެއް ނުވާނެ އެވެ.

ދިވެހިން ދަތުރު ދާން ބޭނުންކުރި އިރު ކުޑަބަނޑޮސް އޮތް ގޮތް: މިރަށް މިހާރު ވަނީ ރިސޯޓަކަށް ތަރައްގީކޮށްފައި

ރައީސުލްޖުމްހޫރިއްޔާގެ އާއިލާ އާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހިތްހަމަޖެހުމަށް މާލެ ކައިރިން ފަޅުރަށެއް ބޭނުންވާ ކަމަށް ވަންޏާ އެތައް ހާސް އާންމު ދިވެހިންގެ އެ އެދުމެއް ނޯންނާނެތޯ، ސިޔާސީ ވެރިން އަމިއްލަ ނަފުސާ ސުވާލުކުރަން ޖެހެ އެވެ. ރައްޔިތުންގެ އުފަލަށް ސީރިއަސްކޮށް ވިސްނާ ލީޑަރުން ދެނެގަނެވޭނީ އިޖުތިމާއީ މިކަހަލަ ކަންކަމުގަ އެވެ. ނަމަވެސް ސަރުކާރުގެ ހަރަދު ބޮޑުވާ ވަރަކަށް މި ފެންނަނީ ރައްޔިތުންގެ އުފަލާ ގުޅުން ހުރި ހުރިހާ ވަސީލަތެއްގައި އަގެއް ޖަހާ، ނީލަން ކިޔާ ތަނެވެ. އާންމުންގެ ޝަކުވާ އަޑުއެހުމެއް ނެތެވެ.

ފަޅުރަށް ގެމެންދޫ ކުއްޔަށް ދޭ މައްސަލާގައި ކެންދޫ ކައުންސިލަރު އިބްރާހިމް ސުވާލެއް ކުރެއްވި އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކެންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި އެރަށް ނުބޭއްވޭނެ ހެއްޔެވެ؟

"އަޅުގަނޑުމެން މި ބުނާ ވާހަކަ އަކީ ދައުލަތަށް ދޭންވާ އެއްޗެއް ދެވިދާނެ ނޫންހޭ މި ރަށު ރައްޔިތުންގެ ބެލުމުގެ ދަށުގައި ބާއްވައިގެން ވެސް،" އިބްރާހިމް ވިދާޅުވި އެވެ.

"މާ ބޮޑަށް ވިޔަފާރީގެ އުސޫލުން ގެންދިޔައިމާ މުޖުތަމައުގެ ހިތްހަމަޖެހުމުގެ ބައެއް ގެއްލުނީ. ވަރަށް ކަންބޮޑުވޭ...ރައްޔިތުންނަށް އެއްވެސް މަންފާއެއް ނެތް."

"ތަރައްގީ ޔަގީން"ގެ ޝިއާރުގެ ދަށުން ސަރުކާރުގެ ބޮޑުންނާއި ސަޕޯޓަރުން ފަހުރުވެރިވާ އިރު އެ ތަރައްގީގައި ދިވެހި ރައްޔިތުންނަށް ރާއްޖޭގެ ރީތިކަމުން އުފަލެއް ހޯދޭނެ ފުރުސަތުތައް މިދަނީ ހަނިވަމުންނެވެ. ރަށްރަށާއި ފަޅުތަކާއި ފިނޮޅުތައް ބޮޑު އަގަށް ވިއްކާލަނީ، ކައިރީގައި އޮންނަ ރަށްރަށުގެ މީހުންގެ އިޖުތިމާއީ އާދަތަކަށް ވިސްނާލުމެއް ނެތި އެވެ. ރުޅިއަންނަ ބަޔަކު ރުޅިއަންނަންވީ އެވެ. މި ފަަހަރު ރުޅިއައިސްގެން އުޅެން މި ޖެހުނީ ކެންދޫ ރައްޔިތުންނަށެވެ.

ގެމެންދުއަށް އިރު އޮއްސެނީ: ދެން މި ރަށް ދާނީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަތް ދަށަށް

"މިރަށު ރައްޔިތުންނަށް އެރަށަށް ނޭރޭ ގޮތެއް ނުހެދޭނެ. އެ މީހުން އެރަށަށް އަރާނެކަން ކުއްޔަށް ހިފާ ފަރާތުން ދަންނަން ޖެހޭނެ،" އިބްރާހިމް ވިދާޅުވި އެވެ.

އެކަމަކު ރަށް ކުއްޔަށް ހިފާ ފަރާތުން އެ ފުރުސަތު ނުދީފިއްޔާ ރައްޔިތުންނަށް ހެދޭނެ މާ ބޮޑު ގޮތެއް ނޯންނާނެ އެވެ. މިއީ ގައުމު ހިންގަވަން ތިއްބެވި ވެރިންގެ މައްސަލައެކެވެ. އެހެން ނޫން ނަމަ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފަލަށް ކުރަމުން އަންނަ ޕިކްނިކް ދަތުރުތަކަށް ރާއްޖޭގެ ސަރުކާރުތަކުން ހުރަހެއް ނާޅާނެ އެވެ.

ވަގުތު ހުއްޓުނުކަމުގެ އިހުސާސްކުރެވުނު ގެމެންދުއަށް ދެވުމަކީ ޗުއްޓީއެއްގައި ލިބުނު ވަރަށް ތަފާތު އުފަލެކެވެ. ރާއްޖޭގެ އާދަޔާ ހިލާފު ރީތިކަން އެ ހިމޭންކަމުގައި ދެކިލުމަކީ ވެސް ބިޒީ ދިރިއުޅުމުގެ ތެރެއަށް ދޫކޮށްލެވޭ ހިތްހަމަޖެހުމެކެވެ. އެކަމަކު ދިވެހިންނަށް އެ މީހުންގެ އަމިއްލަ ގައުމުގައި އެ ހިތްގައިމުކަމުގެ އުފާ ހޯދަން މިއަދު މިދަނީ ދަތިތައް ދިމާވަމުންނެވެ.

ރައްޔިތުންގެ އުފަލަށް ވުރެ ފައިސާގެ ދަހިވެތިކަން މި އޮތީ މާ ބޮޑުވެފަ އެވެ.

93 ކޮމެންޓް, 168 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 75%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިދަރިއެއް

13 November 2017

ހަމައަނގަޔަކާ އަތެއް އޮތީމަތަޅުވަނީ 60 ދޮޅަހުގެ އަހަރުތަކާ އެއްގޮތަށް އަބަދަކު ކަންކަމެއް ނުކުރެވޭނެ އޭރަކު ޕާޓީތައްހަދައިގެން ސަރުކާރު ވައްޓަން ނޫނީ މަޖިލިސް ހިސޯރެއްވެސް ނުކުރޭ އޭރުވެސް ރައްޔިތުން ތިބި މިއަދުވެސް ރައްޔިިތުން ތިބީ ވީމާއޭރަކު ކަންކުރެވެން އޮތްގޮތަކަން ކަންކުރެވިގެން ތަރައްގީ އަންނާނީ އަބަދު ރީނދޫ ދިދަހިފައިިގެން މަގުތަކުގަދުވެގެން ދެންނެތްވާކަށް މޮޔަމީހުން އެކަންކުރާނީ ހަމަކޮންމެކަމަކަށް ޖެއްސުން ކުރުން ނޫންކަމެއް ކުރަންނޭގޭނެ ރައްޔިތުންނޭކިޔައިގެން ސަރުކާރުގަވެސް ތިބެނީ ހަމަރައްޔިިތުން ހެހެހޭ

The name is already taken The name is available. Register?

ފާތުން

13 November 2017

ކެންދޫގެ ކުރިން އޮއިތް ރީތި ހުދު ބީޗް ހަލާކު ކުރީ ކީއްވެ. ހިތާމަކުރަން އެ ރީތި ދޮން ދޮންވެލި ތުނޑި ހަލާކުކޮށް ރަށުގެ ޤުދުރަތީ ހިތްގައިމުކަން ގެއްލިފަވާ މަންޒަރު 25 އަހަރު ފަހުން ލޮލަށް ފެނުމުން. ކެނދޫގެ ރައްޔިތެއް ނޫނަސް އެރީތި ގޮނޑުދޮށާއި މޫދާއި ބީއްސާލާ ރާޅުތަކުގެ ހިތްގައިމުކަން ދުށިން. އެކަމު މިހާރު އެ މަންޒަރު ގެއްލުވާލައިފި.

The name is already taken The name is available. Register?

މޯޑް

13 November 2017

ރައްޔިތުންނާއިމެދު ވިސްނާ ، ރައްޔިތުންނަށް ހެޔޮއެދޭ ވެރިކަމެއް ކުރާބަޔަކުނަމަ ނަމަ ތިހެން ނުވީސްކަން ޔަޤީން. ތަރައްޤީ އޭކިޔާފަ މުޅިން އަމިއްލަ ޖީބަށް ވަންނަގޮތަށް ކަންތަށް ރޭވިގެންގޮސްފަހުރީ.

The name is already taken The name is available. Register?

ހަބޭސް222

13 November 2017

ރައްޔިތުންނާއިމެދު ވިސްނާ ވެރިކަމެއް އޮތް ނަމަ ތިހެން ނުވީސްކަން ޔަޤީން! ފައިސާ ފައިސާ އެފައިސާ މިފައިސާ، އެފައިސާ އެންމެންގެ ފައިސާ!! ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ

The name is already taken The name is available. Register?

ކުލީ ރޔތނ

13 November 2017

އަމިއްލަ ގައުމުގަ ކުއްޔަށް އުޅޭ ބަޔަކު ދިވެހިންނޫނީ ނެތް...

The name is already taken The name is available. Register?

އަހްމަދުދ

13 November 2017

ޅ އަތޮޅުވެސް ހުރިހާ ރަށެއް ހެން މަހުޖަނަކު އަތުލައިފި. މީހުން ތޮއްޖެހިފައި ތިބި ކުދިކުދި ރަަށްތަކެއް. ހިތްއުފާ ކޮށްލާކަށް ދަނޑުހައްދާލާކަށް ވެސް ކައިރިން ރަށެއް އޮތިއްޔާ ސިފައިންނަށް ނޫނީ އެހެން ބަޔަކަށް ނަމަވެސް ދީފައި. އުތުރު ބިތުގައި ސިޓީއަކަށް ތަރައްގީ ކުރެވެން އޮތް 13 ކިލޯމީޓަރުގެ ސަރަހައްދުވެސް ވިއްކައިފި. މުޅި ރީޖަންގަވެސް އެކަމަށް އޮތް ސަރަހައްދު. ޅ އަތޮޅު މުޅިން ބިކާރީ ކޮށްފި.

The name is already taken The name is available. Register?

ދރ

12 November 2017

ކީކީ ދެން އެހެންވީއިރު އަންނަން އޮތް ޖީލަށް ވެސް އޮތީ ކޯޗެއް. ދިވެހިން ދިވެހި ބިމުގައި ފިސައިރި ރީތިކޮށް ނިކަމެތިވާނެ. ބަރުމާގެބިމުގައި ރޮހިންގާ މީހުންފަދައިން ފިޖީގައި ފިޖީގެ ރައްޔިތުންފަދައިން. ފަލަސްތީނުގައި ފަލަސްތީނު މީހުން ފަދައިން.

The name is already taken The name is available. Register?

ގުއެއްވާރާ

12 November 2017

ވާކާސް އޮފްދަ ވާލްޑް ޔުނައިޓް! މިރާއްޖެ މިހާރު މިވަނީ ހައެއްކަ ބޮޑެތި މަހުޖަނުންގެ އަތްދޮށުން މިނިވަން ކުރަންވެފަ. ޔުނައިޓް!

The name is already taken The name is available. Register?

ސސސސ

12 November 2017

ރައްޔިތުން ހާސް ކަނޑާލާ. ތިޔަހެން ހުރި ހުރިހާ ރަށްތަކެއް ނަގާ އަނބުރާ ރައްޔިތުންނަށް ރައްދުކުރެވޭނެ. ﷲ ގެ ކިބަފުޅުން ވާގިއެދިގެން ގައުމު އަނބުރާ ދަހިވެތިކަމާހެދި ބޫތު ކައިފާ ތިބި މީހުން އަތުން ހޯދަން އެމީހަކަށް ވެވުނު ހެޔޮކަމެއް ކުރައްވާ! އަތުވާނެ. އަތުލެވޭނެ. އަތުލަންވެސް ޖެހޭނެ. ......... ބައެއްގެ ހައްގު ނިގުޅައިގެންފައި ދަމައިގަނެވޭނީ ނުހައްގު އެއްޗެއް. ނުހައްގު އެއްޗެއް އެނެގި މީހާގެ އަތުގައި ހަރުލުމަކީ ފިތުރަތުރެގެ ގާނޫނެއް ނޫން. ހިއްވަރު ކުރައްވާ. މަސައްކަތް ކުރައްވާ އެކަކު އަނެކަކު ހޭލުންތެރި ކުރުވާ!

The name is already taken The name is available. Register?

ރަޔިއްތުން

12 November 2017

ހުރިހާ ފަޅުރަށަކާއި ފިނޮޅުތައް ހަލާކުކޮއްލަންވީ އެކަމް އެތަންތާ އުޅޭހުރިހާ ދޫނިސޫފާސޫފި ހިމާޔަތްކޮއްފައި، ރައްޔިތުން ހިމާޔަތްކޮއްފައި ގެތައްވެސް ތަޅާލަފާނެދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454