ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން: ޝަރޫއަކީ ފެނަކަ އާއި ސްޓެލްކޯއަށް ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ އަތުލުމަށް ފަހު ޑޮލަރު ނުދިން މަައްސަލަ ދިމާވި ކުންފުނި --މިހާރު ފޮޓޯ/ނިޝާން އަލީ
22 ނޮވެމްބަރ 2017 - 11:14
ޑޮލަރު ވިއްކުމުގެ މުއާމަލާތްތަކާ ގުޅިގެން ސަރުކާރުގެ ދެ ކުންފުންޏަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ޝަރޫ ލޯންޗް ސާވިސުން އެހެން ދެ މީހަކަށް ދޫކުރި 250،000 ޑޮލަރު ޗެކްތަކެއް ބައުންސްވި މައްސަލާގައި އެ ފައިސާ އަނބުރާ ދައްކަން ޝަރޫ އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ފެނަކަ އާއި ސްޓެލްކޯއަށް ޑޮލަރު ދޭނެ ކަމަށް ބުނެ 20 މިލިއަން ރުފިޔާ ނެގުމަށް ފަހު ޑޮލަރު ނުދިން މައްސަލާގައި 20 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހިފައިވާ ޝަރޫ އިން ފަހުން އަނބުރާ ދައްކާ ގޮތަށް ދެ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ ނެގި އެވެ. އެކަކު އަތުން 2.3 މިލިއަން ރުފިޔާ އަދި ދެވަނަ މީހާގެ އަތުން 1.5 މިލިއަން ރުފިޔާ ޝަރޫ އިން ނެގި އެވެ.
އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން ޝަރޫ އިން އެ ދެ މީހުންނަށް ދޫކުރި ޑޮލަރު ޗެކްތަކުގައި އެމްސީބީގެ ބޭންކް ގެރެންޓީ ސްޓޭމްޕް ޖަހާފައި އޮތް ނަމަވެސް އެމްސީބީއަށް އެ ދެ ޗެކް ހުށަހެޅުމުން ޗެކް ވަނީ ބައުންސްވެފަ އެވެ.
އެހެންވެ، އެ ފައިސާ ހޯދަން ޝަރޫ އާއި އެމްސީބީގެ މައްޗަށް އެ ދެ މީހުން ދައުވާ ކުރުމުން މިދިޔަ ހޯމަ ދުވަހު ވަކިވަކިން ކޯޓުން ކުރި ދެ ހުކުމުގައި އަންގާފައިވަނީ 250،000 ޑޮލަރު ނުވަތަ އެއާ އެއް މިންވަރަށް ދިވެހި ފައިސާއިން ޖެހޭ އަދަދު ޝަރޫ އާއި އެމްސީބީން އެ ދެ މީހުންނަށް ދައްކަން ޖެހޭނެ ކަމަށެވެ.
އޭގެ ތެރެއިން އެކަކަށް ދޭން ޖެހޭ 100،000 ޑޮލަރަށް ވާ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކަން ކޯޓުން އެންގިއިރު ދެވަނަ މީހާއަށް ދައްކަން ޖެހޭ 150،000 ޑޮލަރު ދައްކަން ދިނީ 20 ދުވަހެވެ.
އެ ދެ ޗެކްގައި ޖަހާފައި އޮތް އެމްސީބީގެ ބޭންކް ގެރެންޓީ ސްޓޭމްޕްގެ ސައްހަަކަމާ މެދު އެމްސީބީން ކޯޓުގައި ސުވާލު އުފެއްދި ނަމަވެސް ކޯޓުގެ ހުކުމުގައިވާ ގޮތުން އެއީ ސައްހަ ސްޓޭމްޕެއް ކަން ސާބިތުވެ އެވެ. ކޯޓުގެ އެދުމަކަށް ފުލުހުން ހެދި ތަހުލީލުތަކަށް ބަލާއިރު ވެސް އެ ދެ ޗެކްގައި ވެސް އޮތީ އެއް ތައްގަނޑެއްގެ ނިޝާން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ، ޗެކް ދޫކުރި ފަރާތުގެ ހައިސިއްޔަތުން އެ ޗެކަށް ޝަރޫ އިން ޒިންމާ ނަގަން ޖެހޭ ފަދައިން ގެރެންޓީ ދިން ފަރާތުގެ ހައިސިއްޔަތުން އެމްސީބީން ވެސް އެ ދެ ޗެކަށް ޒިންމާވާން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ޑޮލަރު ވިއްކުމުގެ ހުއްދަ ނެތް ޝަރޫ އިން ސްޓެލްކޯ އާއި ފެނަކަ އަށް ޑޮލަރު ދޭނެ ކަމަށް ބުނެ އެ ދެ ކުންފުނިން 20 މިލިއަން ރުފިޔާ ހޯދުމަށް ފަހު ޑޮލަރު ނުދިން މައްސަލާގައި 20 މިލިއަން ރުފިޔާ އަނބުރާ ދައްކަން އެ ކުންފުންޏަށް ވަނީ ޖެހިފަ އެވެ. އަދި ޝަރޫ އިން ނެގި ލޯނަކަށް 29 މިލިއަން ރުފިޔާ އެމްސީބީއަށް ދައްކަން ވެސް ޝަރޫގެ މައްޗަށް މިދިޔަ މަހު ކޯޓުން ހުކުމްކުރި އެވެ.
ޝަރޫގެ މައްޗަށް ސާބިތުވި ދަރަނީގެ އަދަދު 52 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
22 November 2017
ހާދަވަރުގަދަ ޝަރޫއެކޭ ތިޔައީ ،،،، ހިތުހުރިހާ ޖަރީމައެއް ހިނގަމުން އުދުހިފައި އުޅޭބައެއްދެއްތޯ ؟؟؟ ގައުމު އެމީހުންގެ ހިމާޔަތުގައި ކޮންމެވެސް ބަޔަކު ތިބޭތީވެ އެވަރުގެ ޖަރީމާ ހިންގަންކެރޭނީ ،،،، ކޮންމެވެސް ހާލަތެއް ދިމާވެގެން ތިޔައޮތީ އެނބުރިހުރިހާ ގޭހެއް އެމޯނިޔާއަށް ބަދަލުވެފައި ،،، ޖަލަށްލުަމަކީ ހައްލެއްނޫން ،،،، ރަގަޅުގޮތަކީ އެމީހުންގެ މައްޗަށް ކުއްސާބިތުކޮށް ފައިސާދެއްކުމަށް މުއްދަތުދީ ،،،،، މަހަކު ނޫނީ އަހަރަކު ވަކިވަރެއް ދައްކައިގެންވެސް ޙިޔާނަތްވީ ފައިސާ އަނބުރާ ލިބެންވާ ފަރާތަށް ހޯދައިދިނުން ،،، ވަރަށްވެދުން
އަޙްމަދު22
22 November 2017
މިވަރުގެ ޖަރީމާއެއް ހިންގާފަވެސް ހަމަ ހެވިލާފަ އެފައިސާ އަނބިދަރިންނަށް ކާންދީ އޭގެއިން ވިޔަފާރިކޮށްގެން ބަޔަކު މީހުން ދިރިއުޅޭ ކަމީ ހައިރާންވާކަމެއް. ބޭންކް ތެރެއިން މިސްޓޭމްޕްގެ ބޭނުން ނހަމަ ގޮތުގައި ހިފިމީހަކުވެސް ތިކަމުގެ ބައިވެރިވެފަ ހުންނާނެ. އަދި ބޮޑުލާރިވެސް ލިބިފަ ހުންނާނީ.
މަހާރަދުން
22 November 2017
މި ސަރޫ މީ ބޮޑު ކުންފުންޏެއް ދޯ
ޓްރަމްޕު
22 November 2017
ފެނަކައަށް ދިން ޗެކުތަކަށް ވެސް ވަނީ އެމްސީބީން ގެރެންޓީ ދީފަ. ފެނަކައިން ކީއްވެތޯ އެމްސީބީގެ މައްޗަށް ދައުވާ ނުކުރީ؟ ޝަރޫގެ ހުރި ހުރިހާ ލޯންޗު ތަކެއް ހުރީ އެމްސީބީގަ މޯގޭޖުކޮއްފަ. ޝަރީފު ކިހިނެއްތަ އެ ލޯންޗުތައް ވިއްކާނީ؟ މިހާރުން އޮޅުންފިލުވަން ރަނގަޅު ކަމެއް މީ! ފެނަކައިން އެމްސީބީގެ މައްޗަށް ދައުވާ ނުކުރީ ކީއްވެތޯ؟