ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީ. --ފޮޓޯ:ރޮއިޓާސް
28 ނޮވެމްބަރ 2017 - 16:10
ބޭރޫތު (ނޮވެމްބަރު 28) - ސައުދީ އަރަބިއާގައި ހުންނަވާ އިސްތިއުފާ އިއުލާން ކުރުމާ ގުޅޭ ގޮތުން އިތުރު ތަފްސީލް ދެއްވަން ލުބުނާނުގެ ބޮޑު ވަޒީރު ސައުދު އަލް ހަރީރީ ދެކޮޅު ހައްދަވައިފި އެވެ.
ފްރާންސްގެ ޗެނަލް ސީ ނިއުސް އަށް ދެއްވި އިންޓަވިއުގައި ހަރީރީ ވިދާޅުވީ ސައުދީގައި ހިނގާ ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ބޭނުންވީ އިސްތިއުފާ އިއުލާންކޮށްގެން ލުބުނާނުގެ ރައްޔިތުންނަށް "ޕޮޒިޓިވް ޝޮކެއް" ދޭން ކަމަށް ވިދާޅުވި އެވެ. އިސްތިއުފާ ދިނުމަށް ސައުދީގެ އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ހަރީރީ ދަނީ ތަކްރާރުކޮށް ވިދާޅުވަމުންނެވެ.
ސައުދީ އަށް ވަޑައިގެން މި މަހު 4 ވަނަ ދުވަހު ހަރީރީ ވަނީ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދިންކަން އިއުލާން ކުރައްވައިފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ ސަލާމަތަށް ނުރައްކާ އޮތުމުންނެވެ. ނަމަވެސް މި މަހު 22 ވަނަ ދުވަހު އެނބުރި ލުބުނާނަށް ވަޑައިގެން ވަނީ އޭނާގެ އިސްތިއުފާ މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިސްތިއުފާ މަޑުޖައްސާލީ ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ބޭނުންވެގެން ކަމަށް ވިދާޅުވި އެވެ.
ލުބުނާނުގެ އޮފިޝަލުން ބުނެފައި ވަނީ ސައުދީން ހަރީރީ ރަހީނުކުރީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
28 November 2017
އަޅުންގެ އަޅަކަށްވީމަ ހުންނާނީ އަނގަޔާއި ދުލާއި ދެ ލޯވެސް ބަންދުވެފަ.