ކުޅިވަރު / އެފްއޭ ކަޕް

މާޒިޔާއާ ދެކޮޅަށް ޓީސީ ބޮޑު މެޗަކަށް މިރޭ ނުކުންނަނީ

މާޒިޔާގެ އިރޭ (ކ) ކައިރިން ޓީސީގެ ފޭދޫ އިއްބެ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

02 ޑިސެމްބަރ 2017 - 12:17

4 comments

އެފްއޭ ކަޕް ސެމީ ފައިނަލުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް މިރޭ ވާދަކުރާއިރު މިއީ މި މުބާރާތުގެ ފައިނަލުގެ ޖާގައިގެ އިތުރުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގައަކަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. އޭއެފްސީ ކަޕްގެ ފުރަތަމަ ޖާގަ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޯދާފައިވާއިރު، ދެ ވަނަ ޖާގަ ލިބޭނީ އެފްއޭ ކަޕްގެ ޗެމްޕިއަނަށެވެ.

އޭއެފްސީ ކަޕްގެ ޖާގައެއް ހޯދުމުގެ ފަސޭހަ މަގެއް އޮތީ ޓީސީ އަށެވެ. މިރޭގެ މެޗުން ޓީސީ މޮޅުވެ، މާދަމާރޭ ގްރީން ސްޓްރީޓްސް ބަލިކޮށް ނިއު ފައިނަލަށް ހިނގައްޖެ ނަމަ ޓީސީ އަށް އޭއެފްސީ ކަޕުގެ ޖާގަ ލިބޭނެ އެވެ. އެއީ ނިއު އަށް އެ މުބާރާތުގެ ޖާގަ ލިބިފައި އޮތުމުންނާއި ލީގުގެ ދެ ވަނަ ޓީމަކީ ޓީސީ ކަމަށް ވުމުންނެވެ. މާޒިޔާ އަށް އޭއެފްސީ ކަޕުގެ ޖާގައެއް ލިބޭނީ މި މުބާރާތް ކާމިޔާބުކޮށްގެންނެވެ.

މި ދެ ޓީމު މި ސީޒަނުގައި މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ އިރު މާޒިޔާ އަށް ހޯދުނީ އެންމެ މޮޅެކެވެ. އެއީ އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުގަ އެވެ. މާލޭ ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު މެޗު އެއްވަރުވިއިރު، ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވީ ޓީސީ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) "މިހާރަ"ށް ބުނީ މިއީ މި ދެ ޓީމުން ވެސް ސީޒަނުގައި މިހާތަނަށް ކުރިމަތިލާނެ އެންމެ މުހިއްމު މެޗު ކަމަށެވެ.

"މިއީ ހަގީގަތުގައި މި ދެ ޓީމަށް ވެސް އެންމެ މުހިއްމު މެޗު. އެއީ އޭއެފްސީގެ ޖާގައަކަށް ވެސް މި މުބާރާތުގެ ތަށްޓައް ވެސް ވިސްނާފައި. ނިއު އާއި ޓީސީ ފައިނަލަށް ހިނގައްޖެ ނަމަ ޓީސީ އަށް އޭއެފްސީގެ ޖާގައެއް ލިބެން އޮތަސް ޓީސީ ކޮންމެ މުބާރާތެއްގައި ވެސް ވިސްނާނީ ތަށްޓައް. ހުރިހާ ގޮތަކުން ބެލިޔަސް މިރޭގެ މެޗަކީ އެންމެ މުހިއްމު މެޗު،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މި އަހަރު މާޒިޔާއާ ދެކޮޅަށް އެ ޓީމުގެ ރެކޯޑް ރަނގަޅު ނަމަވެސް މި މެޗު ފަސޭހަ ނުކުރަން ހުރިހާ ކުޅުންތެރިންނަށް ވެސް ބުނެދޭނެ ކަމަށެވެ.

"މާޒިޔާއާ ދެކޮޅަށް ކުރީގެ މެޗުތަކުގައި ރެކޯޑް ރަނގަޅު ނަމަވެސް މިއީ މުޅިން ތަފާތު މެޗެއް. އެންމެ ފަހު ޕްރެކްޓިހާ ހަމައަށް ވެސް ކުޅުންތެރިންނަށް ވިސްނައިދެމުން މިދަނީ މި މެޗު ފަސޭހަ ނުކޮށްލަން. އެ ގޮތަށް ކުޅުންތެރިން ތިބީ ވެސް،" ނިޒާމްބެ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު މާޒިޔާގެ ފަހަތަށް ވަނީ ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ދިމާވެފަ އެވެ. ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޑިފެންޑަރު އަމްދާން އަލީ (އެންޑީ)ގެ ކަކުލަށް އަނިޔާވެ އޭނާ އަށް ވަނީ ސީޒަން ނިމިފަ އެވެ. އަދި އެ ޓީމުގެ ފަހަތަށް ކުޅޭ ބޮސްނިއާގެ ޑިފެންޑަރު ބޯޖާން މިހައިލޮވިޗް ވެސް ކޮންޓްރެކްޓް ހަމަވާތީ ވަނީ ފޮނުވާލައިފަ އެވެ.

ޓީސީގެ ޒާދު އާއި ބެންޖޯ ކައިރިން މާޒިޔާގެ އީސަ ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މާޒިޔާގެ ކޮންމެ 11 ކުޅުންތެރިއަކު ނުކުތަސް ފަސޭހަ ނުވާނެ މި މެޗެއް. އެއީ ވަރުގަދަ ސްކޮޑެއް އޮތް ކްލަބެއް. ޓީސީން ވެސް ވަކި ކުޅުންތެރިންތަކެއް އަރައިގެން އެ ޓީމު ވަރުގަދަ ވާނެއޭ، ބަލިވާނެއޭ ނުވިސްނާނަން. މާޒިޔާ އަށް ފުލް ރެސްޕެކްޓްދެން. އަނެއްކާ ކޯޗު ވެސް ބަދަލުވެފައި، އިންމަ ހުރުމުން ވެސް މި މެޗު ތަފާތުވާނެ،" ނިޒާމްބެ ބުންޏެވެ.

މާޒިޔާ ކޯޗުކަމާ އިސްމާއިލް މަހަފޫޒް (އިންމަ) ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، ބަލިވީ އެއް މެޗުންނެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބަލިވީ ޕްރިމިއާ ލީގުގެ ފަހު މެޗުން ނިއު އަތުންނެވެ.

އިންމަ ބުނީ ކޮންމެ ބޮޑު ޓީމެއް ވެސް މުބާރާތަށް ނުކުންނާނީ ތަށި ހޯދުމަށް ކަމަށާއި މާޒިޔާ ވެސް އޮތީ އެ އަޒުމުގައި ކަމަށެވެ.

"އަޅުގަނޑުމެން އެފްއޭ ކަޕަށް މި ނުކުތީ ފައިނަލަށް ގޮސް ތަށި ހޯދަން. ޒުވާން ކުޅުންތެރިންނާއި ދެން ތިބި ކުޅުންތެރިން ވެސް ލައިގެން އަޅުގަނޑުމެން ކުޅޭނީ. އިންޖަރީ ޕްލޭޔަރުން ވެސް އެބަތިބި. ދެން އަޅުގަނޑު ބުނަން އަބަދުވެސް ނިއު، މާޒިޔާ ދެން ޓީސީ ކަހަލަ ޓީމުތައް މުބާރާތަށް ކުރިމަތިލާނީ ހަމައެކަނި ސެމީ އަށް ދާކަށެއް ނޫން. ތަށްޓައް ކުރިމަތިލާނީ،" އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި 3-0 އިން މުއިވެޔޮ ފްރެންޑް ބަލިކުރި މެޗަށް ފަހު އިންމަ ބުންޏެވެ.

މާޒިޔާގެ ކެޕްޓަން އަދި އެޓޭކުގައި އެންމެ މުހިއްމު ކުޅުންތެރިއާ އަސަދުﷲ އަބްދުﷲ އަށް ސީޒަން ނިމިފައިވާއިރު، އޭނާ އަށް ފަހު ދެން އެޓޭކުގައި އެންމެ ސީނިއާކޮށް ފެނުނު ކުޅުންތެރިއަކީ މުހައްމަދު އުމެއިރާއި ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ އެވެ. ކެރިޗާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އޭނާ ފޮނުވާލާފައިވާއިރު، އުމެއިރު ހުރީ އަނިޔާގަ އެވެ.

އިންމަ ބުނީ ކޮންމެ ހާލަތެއްގައި މެޗު ކުޅެން ޖެހުނަސް މާޒިޔާ ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"މާޒިޔާގައި ވަކި ކުޅުންތެރިއަކު ނެތް ކަމުގައި ވިޔަސް. ވިސްނުން ހުރީ ތަށްޓައް. އުއްމީދުކުރަނީ އަނިޔާގައި ހުރި އުމެއިރު ސެމީގައި ފެންނާނެ ކަމަށް. އުމޭރަށް ނުކުޅެވޭ ހާލަތެއްގައި ޒުވާން ކުޅުންތެރިއަކު ލައިގެން ކުރިއަށްދާނީ. އިރާދަކުރެވިއްޔާ އަޅުގަނޑުމެން ޓީސީ މެޗުގައި ރަނގަޅު ފައިޓެއް ދޭނަން،" އިންމަ ބުންޏެވެ.

ޓީސީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

4 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮރީ

02 December 2017

ކާކު ތީތި ބަލަން ދާނީ އާސެނަލް މެންޗެސްޓަރ ޔުނައިޓަޑް މެޗު ކަޑުވާފަ.

The name is already taken The name is available. Register?

ކަކުލްއަން

02 December 2017

މާޒިޔާ 2 ޓީސީ 1 .

The name is already taken The name is available. Register?

ރުކުމާ

02 December 2017

މާޒިޔާ ވަރަށް ހިތްވަރު ކޮށްގެން ނޫނީ ޓީސީ އަތުން މޮޅުވާން ވަރަށް އުދަގޫވާނެ. ޓީސީއަކީ އެޓޭކިން ފުޓްބޯޅަ ކުޅޭބައެއް. މާޒިޔާ ކުޅެނި ޑިފެންސްކޮށްފަ ކައުންޓަރ އެޓޭކް..

The name is already taken The name is available. Register?

އާރީ

02 December 2017

ޓީސީ އަދި މާޒިޔާ ކޮންމެ ޓީމެއް މޮޅުވިޔަސް އަހަރަމެންނަށް މައްސަލައެއް ނެތް. އެކަމް އަހަރެން ބޭނުންވަނި މާޒިޔާ ބަލިކޮށްފަ އެފްއޭކަފް ތަށި ނިއު ނަގާތަށް ބަލަށް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454