މުނިފޫހިފިލުވުން / ފިލްމު ބޮސް

ކުރިއަށް އޮތީ "ބޮސް"ގެ ވަދާއީ ދެ ޝޯ

މި ހަފުތާގައި "ބޮސް" ގެ ތިން ޝޯ ލަންކާގައި ދައްކާނެ.

"ބޮސް" ގެ ޕޯސްޓަރެއްގައި އައްޒަ އާއި ޔުނާން: މިއީ މި އަހަރު އެންމެ ހިނގި އެއް ފިލްމް.

އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޕްރިިމިއާ ކުރި ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ގެ ވަދާއީ ދެ ޝޯ މާދަމާ ރެ އާއި މާދަންނޫންއަނެއްދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ.

ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނީ ފަހު ދެ ޝޯއާ އެކު އޮލިމްޕަހުގައި ފިލްމްގެ 29 ޝޯ ދެއްކޭނެ ކަމަށާއި ފިލްމަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ރަނގަޅު ފިލްމެއް ގެނެސް ދެވިއްޖެއްޔާ އޯޑިއަންސް ފިލްމް ބަލަން ވަންނާނެކަން ބޮސް އިން ވެސް ސާބިތުވެއްޖެ. މި ފިލްމް އެތައް ފަހަރަކު ރިޕީޓްކޮށް ބެލި މީހުން ވެސް ބައިވަރު،" އޭނާ ބުންޏެވެ.

ނަހުލާ ބުނީ "ބޮސް" އަށް ލިބުނު ތަރުހީބާ ދޭތެރޭ އެންމެ ހިތްހަމަޖެހުނު އެއް ސަބަބަކީ އެ ފިލްމަކީ ސީދާ އޭނާ ޑައިރެކްޝަނެއް ނޫން ނަމަވެސް، ބެލުންތެރިން ފިލްމް ވަރަށް ބޮޑަށް ބަލައިގެންފައިވާތީ އެވެ.

"ބޮސް" ޓްރެއިލާއެއް.

"ސީދާ އަހަރެންގެ ޑައިރެކްޝަނެއް ނޫން ނަމަވެސް، އަހަރެންގެ އޯޑިއަންސް ފިލްމް ވަރަށް ބޮޑަށް ބަލައިގެންފި. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "މިއަށް ކުރެވިފައި ހުރި ހުރިހާ މަސައްކަތެއް ވެސް ބެލުންތެރިންނަށް ކަމުދިޔައިމަ ފިލްމް މިހާ ވަރަށް ހިނގީ."

"ބޮސް" ގެ މާލޭ ޝޯތައް މި ހަފުތާ ތެރޭގައި ނިންމައިލި ނަމަވެސް، ފިލްމް މިހާރު ވެސް އަންނަނީ ވަރަށް ގިނަ ރަށްރަށާއި ރިސޯޓްތަކުގައި ދައްކަމުންނެވެ. މިހާތަނަށް 100 އަށް ވުރެ ރަށްރަށުގައި ފިލްމް ވަނީ ދައްކައިފަ އެވެ.

ނަހުލާ ބުނީ "ބޮސް" ގެ ޝޯތަކެއް ދައްކަން މާލެ އާއި ހުޅުމާލެ ޝްވެކް ސިނަމާ ހޯދަން މަސައްކަތް ކުރި ނަމަވެސް، އެ ސިނަމާ މި ފަހަރު ލިބޭ ގޮތް ނުވި ކަމަށެވެ.

މި މަހުގެ ތެރޭގައި ސްރީ ލަންކާގައި ފިލްމްގެ ޝޯތަކެއް ދައްކަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 6 އާއި 7 ގައި ދައްކާ ޝޯތަކަށް ހުޅުވައިލުމުން އެ ދެ ޝޯ ފުލްވެ، މިހާރު އަންނަނީ ލަންކާގައި އަޅުވާ ތިން ވަނަ ޝޯގެ ޓިކެޓް ވެސް ވިއްކަމުންނެވެ.

"ވިއްސާރަވެގެން އަހަރެން ޝޯތައް ތަންކޮޅެއް ފަސްކޮށްލަން ވެސް އުޅުނިން. އެކަމަކު ފިލްމް ބަލަން ބޭނުންވެފައި ތިބި މީހުން އެގޮތަށް ބޭނުން ނުވީމަ ހަމަ ކުރިން ރޭވި ގޮތަަށް ޝޯތައް ކުރިއަށް ގެންދާނެ،" ނަހުލާ ބުންޏެވެ.

"ބޮސް" ގެ ޓްރެއިލާއެއް.

ލަންކާގެ އިތުރުން އިންޑިއާގައި ވެސް ފިލްމް އެޅުވުމުގެ ވިސްނުންތަކެއް އެބަ ހުރި ކަމަށް ނަހުލާ ބުންޏެވެ.

"އިންޑިއާގައި ތިބި ދިވެހިންގެ ފަރާތުން ވެސް އެބަހުރި ފިލްމް އަޅުވައި ދޭން ރެކްއެސްޓްކޮށްފައި. އެހެންވީމަ އެކޮޅުން އިންތިޒާމްކޮށް ދޭ ނަމަ ފިލްމް އަޅުވައި ދޭނަން،" އޭނާ ބުންޏެވެ. "އިންޑިއާގެ ދެ ސިޓީއަކުން އެބަހުރި ރިކްއެސްޓް އައިސްފައި. ރާއްޖޭން ބޭރުގައި ގިނަ އަދަދަކަށް ދިވެހި ތިބި ތަންތަނުން ފިލްމް އަޅުވައި ދޭން އެދޭ ކަމަށް ވަންޏާ އެ ފުރުސަތު އަހަރެމެންގެ ސައިޑުން ހޯދައި ދޭން ބޭނުންވޭ."

"ބޮސް" އަކީ ނަހުލާގެ ސްކްރީޕްލްލޭއަކަށް ހަދާފައިވާ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވި މުހައްމަދު ޔުނާންއާ އެކު މަރިޔަމް އައްޒަ އެވެ. އަދި ފިލްމްގެ މުހިއްމު ރޯލްތަކުން އިބްރާހީމް ޖިހާދު (ޖިމީ) އާއި ފާތުމަތު އާޒިފާ (އަޒޫ) ވެސް ފެނިގެން ދެ އެވެ.

"ބޮސް" އަކީ މި އަހަރު ދިވެހި ސިނަމާ އަށް އައި 8 ވަނަ ފިލްމެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 21%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއައްޓޭ

02 December 2017

ބަޔަކައް ހަޖަމް ނުވިޔަސް ބޮސް އަކީ ޔޫސުފްގެ ރެކޯޑް މުގުރާލެވޭނެ ވަރުގެ މޮޅު ފިލްމެއް،އެވަރު ނުވީ ބަޔަކު އެންޓި ކެންޕޭނެއް ކޮއްގެނެއްނޫން ،ޕްރޮމޯޓިން ގެންދިޔަލެއް ހަމަ ފީކަޅައީ،ޓްރެއިލާ ހަމައެކަނި އައްޒަޔާ ޔުނާން އައް ބަރޯސާ ކޮއްފަ އޮތީމަ އެވަރައް ނުހިނގީ،އެފް ބީ ގަ ފަތުއަޑު ކިޔާފަ ވަކި ހިއްޕާލި އަޒޫގެ ވަރުގަދަ ސީންތައްވެސް ޓުރެއިލާގަ ހިމަނާލިނަމަ ފިލްމު އިތުރައް ހިނގީސް

The name is already taken The name is available. Register?

ހަސނަް ހުސެއިން

02 December 2017

ވަދާއީ ޝޯއަކީ ކޮބައިތަ؟ 6 މަސް ފަހުން ވަރަށްގިނަބަޔަކު އެދިގެން، 1 އަހަރު ފަހުން އަހަރުވެގެން، 5 އަހަރު ފަހުން މިވަރެއް ނެތިގެން، އެކަމުވެސް ވަދާއި ޝޯ، ކޮންމެހެން ވަދާއީ ޝޯ ނުކިޔެއް ކަމަކު ފިލްމު ރީތި ވެއްޖިއްޔާ ބަލަން ވަންނާނެ މީހުން ތިބޭނެ، ނިއްމާލަމުން މި ފިލްމަކީ މިފަހުން ރިލީސްވި ފިލްމުތަކުގެ ތެރެއިން ބަލާލަން ވަރަށް ރަނގަޅު ފިލްމެއް، ޝުކުރިއްޔާ ނަހުލާ/ރިޝްމީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454