ޚަބަރު

މުޅި ދުނިޔެ އަށް ގޮންޖަހައި އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރަނީ

މަސްޖިދުލް އަގްސާ އާއި ރަން ގުއްބު ލާފައި ހުންނަ މަސްޖިދު ގުއްބަތުއް ޞަޚްރާ ފެންނަ ގޮތަށް ނަގާފައިވާ އިރުމަތީ ގުދުސްގެ ފޮޓޯއެއް.

ބައިނަލްއަގުވާމީ މުޖްތަމައުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އަދި އެންމެ ނާޒުކު މައްސަލައަކީ، މަސްޖިދުލް އަގްސާ އާއި ފަލަސްތީނުގެ ބިންތައް އިޒްރޭލުން އަޅުވެތިކޮށްފައިވާ މައްސަލަ އެވެ. ބައިނަލްއަގްވާމީ ސުލްހައާ ސީދާ ގުޅިފައިވާ އެންމެ ބޮޑު މައްސަލަ އެވެ. މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދު އޮތް ޒަމާންވީ އަދާވާތްތެރިކަމުގެ މައި މުލެވެ.

އިޒްރޭލު-ފަލަސްތީނުގެ މައްސަލައިގެ ތެރެއިން ވެސް އެންމެ ނުރައްކާތެރީ، މަސްޖިދުލް އަގްސާ އާއި އެ މިސްކިތް ހުރި ސަހަރު ކަމަށްވާ އަލްގުދުސް އިޒްރޭލުން އަޅުވެތިކޮށްފައި އޮތުމާއި އަލްގުދުސްއަކީ އިޒްރޭލުގެ ކުރިމަގުގެ ވެރި ރަށަށް ހެދުމަށް އިޒްރޭލުން ނިންމާފައިވުމެވެ.

ގުދުސްއަކީ ބައި ނުކުރެވޭނެ ސަހަރެއް ކަމަށާއި އެއީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކުރީ 1980 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ 478 ނަންބަރު ގަރާރުގައި ކަނޑައެޅީ، އިޒްރޭލުގެ އެ ނިންމުމަކީ ބާތިލު އަދި ޣައިރުގާނޫނީ ނިންމުމެއް ކަމަށެވެ.

އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި ހުންނަ އެމެރިކާގެ އެމްބަސީ: މި އެމްބަސީ ފަލަސްތީނުގެ ގުދުސަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ ނިންމަވާފައި

މި މައްސަލަ މިހެން އޮއްވައި، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިއުތިރާފްވުމަށް 1995 ވަނަ އަހަރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވެސް ގާނޫނެއް ފާސްކުރި އެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރުން ފަސްކުރުމުގެ އިޚްތިޔާރު، އެމެރިކާގެ ރައީސަށް ލިބިދީފައި އޮތުމުން، ކުރީގެ ރައީސް ބިލް ކްލިންޓަން އާއި ޖޯޖް ޑަބްލިޔޫ ބުޝް އާއި ބަރަކް އޮބާމާގެ ވެރިކަމުގައި ވެސް އެ ގާނޫނަށް އަމަލު ކޮށްފައެއް ނުވެ އެވެ. ބައިނަލްއަގުވާމީ މުޖްތަމައުގެ ދެކޮޅުހެދުންތަކާއި ސަރަހައްދީ ސްޓްރެޓީޖީގެ ނާޒުކް ކަމަށް ވިސްނައި އެ ބޭފުޅުން ނިންމެވީ އެ ބޭފުޅުންގެ ޒައާމަތުގައި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ނުކުރުމަށެވެ.

ނަމަވެސް މި މައްސަލައިގައި އިސްލާމީ ދުނިޔޭގެ ވިންދު ހުރި ގޮތާއި ބައިނަލްއަގުވާމީ ސުލްހަ އަށް ކޮށްފާނެ އަސަރަކަށް ބެއްލެވުމެއް ނެތި، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވަނީ، އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމަވައި އެކަން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ފޯނުން ދަންނަވައިފަ އެވެ.

ނަމަވެސް ޓްރަމްޕުގެ އެ ފޯންކޯލް ނިމުނުތާ ހިނދުކޮޅެއްގެ ތެރޭގައި ބައިނަލްއަގުވާމީ މުޖްތަމައު ވަނީ ޓްރަމްޕުގެ އެ ނިންމެވުމާ ދެކޮޅަށް ތެދުވެފަ އެވެ. މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންނާއި އެފްރިކާ އާއި ދުނިޔޭގެ އެހެން ކަންކޮޅުތަކުގެ ލީޑަރުން ވަނީ، އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ނުކުރުމަށް ޓްރަމްޕުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ދުނިޔޭގެ ގައުމުތަކުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ އެ ނިންމުން ތަންފީޒު ކުރުމަކީ މެދުއިރުމަތީގެ ހަމަޖެހުން ގެއްލި އިތުރު މައްސަލަތަކަކަށް އެ ސަރަހައްދު ހުށަހޮޅިގެންދާނެ ކަމެކެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް (ވ) އެމެރިކާގެ ވައިޓް ހައުސްގައި ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.

"އެމެރިކާ އިން އެފަދަ ނިންމުމެއް ނިންމައިފިއްޔާ އެކަމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތަކަށާއި ބައިނަލްއަގުވާމީ ސުލްހައަށް އަދި އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަމަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ކުރައްވާފައި،" ޓްރަމްޕުގެ ފޯންކޯލަށް ފަހު މަހްމޫދު އައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ ނެރުއްވި ބަޔާނުގައިވެ އެވެ.

"އެފަދަ ނިންމެވުމެއްގެ ސަބަބުން މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ވަރަށް ނުރައްކާތެރި ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް އުރްދުންގެ ރަސްގެފާނު ޢަބްދުﷲ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕަށް ދަންނަވާފައި. އަލްގުދުސްއަކީ މެދުއިރުމައްޗާއި ބައިނަލްއަގުވާމީ މުޖްތަމައުގައި ސުލްހަ ގާއިމުކުރުމުގެ ތަޅުދަނޑި،" އުރްދުންގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވެ އެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އޮތް ފުރުސަތުތައް ގެއްލިގެންދާ ފަދަ ކަމެއް ނުކުރެއްވުމަށް ރައީސް އަބްދުލް ފައްތާހު އައްސީސީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ކުރައްވާފައި. އަދި ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑުގެ ތެރެއިންނާއި އދ.ގެ ގަރާރުތަކުގެ ތެރެއިން އަލްގުދުސް އަށް ލިބިގެންވާ ގާނޫނީ ހައިސިއްޔަތާ މެދު މިސްރުން ގަބޫލުކުރާ ގޮތް މިސްރުގެ ރައީސް އެމެރިކާގެ ރައީސަށް ކަށަވަރުކޮށްދެއްވި،" މިސްރުގެ ރިއާސީ ގަނޑުވަރުން ނެރުނު ބަޔާނުގައިވެ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ

"އިޒްރޭލާއި ފަލަސްތީނާ ދެމެދު ދާއިމީ އެއްބަސްވުމެއް ގާއިމުވުމުގެ ކުރިން، އަލް ގުދުސްއާ ބެހޭ ގޮތުން އެމެރިކާ އިން ވަކި ގޮތެއް ކަނޑައަޅައި އިއުލާން ކުރުމަކީ މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކަށް ގެއްލުންވެ ސަރަހައްދުގައި ހަމަނުޖެހުން އުފެދިދާނެ ކަމެއް ކަމަށް ރަސްގެފާނު ސަލްމާން ވަނީ އެމެރިކާގެ ރައީސަށް ދަންނަވާފައި،" ސައޫދީ އަރަބިއްޔާގެ ޝާހީ ގަނޑުވަރާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނިއުސް އޭޖެންސީން އާންމުކުރި ބަޔާނެއްގައި ބުންޏެވެ.

އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމައި، އެކަން އެންގެވުމަށް ފަލަސްތީނުގެ ރައީސަށް ފޯން ކުރެއްވުމަށް ފަހު، އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ އަށާއި އުރްދުންގެ އަބްދުﷲ ރަސްގެފާނަށާއި ސައޫދީ ރަސްގެފާނު ސަލްމާން އަށް ވެސް ފޯނު ކުރައްވައި އޭނާގެ ނިންމުން ދަންނަވައިފަ އެވެ.

"ގުދުސްއަކީ މުސްލިމުންގެ ރަތް ރޮނގު. އަހަރެމެން އަދިވެސް އެއް ފަހަރު ކަލޭމެންނަށް އިންޒާރު ކުރަން: ކަލޭމެން ތިޔަ ފިޔަވަޅު އަޅައިގެން ނުވާނެ،" ޓްރްމަޕުގެ ނިންމެވުމާ ގުޅިގެން ތުރުކީ ވިލާތުގެ ރައީސް ރަޖަން ތައްޔިބު އުރުދުޣާން ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ. އަދި އޭނާ ވަނީ އެމެރިކާ އިން އެ ނިންމުމާއިގެން ކުރިއަށް ދާ ނަމަ، އިޒްރޭލާ އެކު އޮތް ގުޅުން ކަނޑައިލާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން

"ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާ އިން ގަބޫލުކޮށްފި ނަމަ، މައްސަލަ ހައްލުވުމުގެ ބަދަލުގައި އިތުރަށް ވާނީ ގޯސް. އަދި މެދުއިރުމަތީގައި ވަރަށް ނުރައްކާތެރި ކަންތަކެއް ފެށިދާނެ. އެންމެންނަށް ވެސް މަސްލަހަތު ހުރި ގޮތަކީ އެމެރިކާގެ އެ ނިންމުން ތަންފީޒު ނުކުރުން،" ޖަރުމަން ވިލާތުގެ ޚާރިޖީ ވަޒީރު ސިގްމާރް ގަބްރިއޭލް ވިދާޅުވި އެވެ.

"އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް ކުރަމުންދާ ސުލްހައިގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ކޮންމެ ކަމެއް ވަގުތުން ހުއްޓާލަން ޖެހޭނެ،" ވިލާތުގެ އިއްތިހާދުގެ އިސް ޑިޕްލޮމޭޓަކު ބީބީސީ އަށް ވިދާޅުވި އެވެ.

"ދެ ދައުލަތް (އިޒްރޭލާއި ފަލަސްތީނުގެ) ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ގެއްލުމެއް ލިބިދާ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ތަކުރާރުކޮށް އިންޒާރު ކުރައްވާ،" ގުޓަރެސްގެ ތަރުޖަމާނު ސްޓެފަން ޑުރަޖިޗް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް

"ޓްރަމްޕުގެ ސަރުކާރުން އެ ނިންމި ނިންމުމުގެ ސަބަބުން، އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ރުޅިވެރިކަމާއި ނަފްރަތުގެ ހުޅުގަނޑު އަނެއްކާ ވެސް ފަޅައިގެން ދާނެ. އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަކީ ރަތް ރޮނގު ހުރަސްކުރުން،" ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ ނެރުއްވި ބަޔާނެއްގައިވެ އެވެ.

މީގެ އިތުރުން އަރަބި ލީގްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބުލް ޣައިޘް ވެސް ވަނީ، ގުދުސްގެ މިހާރުގެ ގާނޫނީ އަދި ސިޔާސީ ހައިސިއްޔަތު ބަދަލުވެގެންދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެމެރިކާ އަށް އިންޒާރު ކުރައްވައިފަ އެވެ. އަދި ޓްރަމްޕުގެ އެ ނިންމެވުން ތަންފީޒު ކުރާ ނަމަ މުޅި މެދުއިރުމަތީގައި ނުރައްކާތެރި ކަންތައްތަކެއް ފެށިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕުގެ މި ނިންމެވުމަށް އިޒްރޭލުގެ ވެރިންނާއި ޔަހޫދީ ހަރުކަށި ވިސްނުމުގެ ޖަމާއަތްތައް ފިޔަވައި، ދުނިޔޭގެ އެއްވެސް ލީޑަރަކު ތާއީދުކޮށް މަރުހަބާ ކިޔައިފައެއް ނުވެ އެވެ. ފަލަސްތީނާ އެކު ސުލްހަ ގާއިމު ކުރުމަށް ތާއީދުކުރާ ޔަހޫދީ ޖަމާއަތްތަކުން ވެސް ބުނަނީ، އެފަދަ ނިންމުމެއް ނިންމަންވާނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށެވެ.

5 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 5%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލިމަނިކުފާނު

07 December 2017

އެމެރިކާގެ ވެރިކަމަށް ނާންނާނެ ސަހަލު އެކަކުވެސް. އިސްލާމީ ބޮޑެތި ޤައުމުތައް ޣައިރު މުސްލިމު ނަން މަޝްހޫރު ޤައުމުތަކުގެ ދަޅަތަކަށް ހެއްލި، ފިތިބާރުވީމަ ވާނީ މިހެން.

The name is already taken The name is available. Register?

އައިމިނާ

07 December 2017

ވވވަރަށް ދެރަވެ ހިތާމަކުރަން ޓްރަމްޕަކީ ނަތަންޔާހޫ ފަދަ ނުބައި ނުލަފާ ޚާއިނެއް. މުސްލިމުންގެ ބޮލަށް ނާރާވެސް ޔަހޫދީންނަށް ދުނިޔޭގަ އުޅެވެން އެބައޮތް. ހަމަހުރި ގޮތްކުޑަ ނުލަފާކަމުން މި އުޅެނީ. 3 ވަނަ ބޮޑު ހަނގުރާމަ އިގެ ފެށުންކަމަށްވެސް ވެދާނެ. ގެފުޅު ކައިރި ކޮނެގެން ވެސް އެބައުޅޭ. ހީވަނީ ޒަމްޒަމް ވަޅުކޮޅު ހުންނަ ހިސާބުހެން. އެކަންތައްތައް ވެސް ކުށްވެރިކުރަން ޓްރަމްޕުގެ ނިންމުން ހަރުކަށި އިބާރާތުން ކުއްވެރިކުރަން

The name is already taken The name is available. Register?

ސޮކްތެރެޕީ

06 December 2017

އިޒްރޭލް ފުޑުފުޑުވާން ކާރިވަނީ މުޖާހިދުން ގިނަވަނީ.

The name is already taken The name is available. Register?

ރާއްޖެ

06 December 2017

އެމެރިިކާއަކީ ޔަހޫދީންގެ އަތްދަށުގަ އޮތް ތަނެއް. އެމެރިކާ ރައީސަކަށް ލާހިކު ކުޅަދާނައެއް ނުވާނެ ޔަހޫދީންނާއި ދެކޮޅަށް ކަމެއް ކުރާކަށް. ދެން އެހެންނޫނަސް ތީ ސަޕްރައިޒްއެއް ނޫން. ސެކިއުރިޓީ ކައުންސިލް އިޒްރާއިލްގެ ހުރިހާ ދަތިކުރުމެއް ވީޓޯ ކުރީ ކޮންބައެއް. އެމެރިކާގެ ބަޖެޓުން އިޒްރާއިލްއަށް ޚަރަދު ކުރާތާ ކިތައްމެ އަހަރެއް.

The name is already taken The name is available. Register?

އެމް.އޭ.ކަރީމް

06 December 2017

އިސްލާމީ ދުނިޔެ އޮތީ ޕެރަލައިސް ވެފަ އަދި ގިނަ ވެރިންނަކީ ޔަހޫދީން.އެ ވެރިންނަށް ވެރިކަން ދިފާއު ކުރެވެން އޮތީ އެމެރިކާގެ ގެ ގޮޑިކޮއްކޮއިންނަށްްވެގެން. އިސްލާމީ އުއްމަތަށް މިއަދު ދިމާވެފައިވާ ނިކަމެތި ކަމަކީ ސައުދީއާހެދި ލިބެމުންދާ ނިކަމެތިކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454