ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
18 ޑިސެމްބަރ 2017 - 09:37
ވެސްޓް ބްރޮމް، އިންގްލެންޑް (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލީގު ދޫކޮށްލައި އަތްއުރާލައިގެން މެންޗެސްޓާ ޔުނައިޓެޑުން ނުތިބޭނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ރޭ ރަށުން ބޭރުގައި ވެސްޓް ބްރޮމް އަތުން 2-1 އިން މޮޅުވެ ޔުނައިޓެޑް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ސިޓީގެ ލިޑު 11 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 18 މެޗުން 52 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 18 މެޗުން 41 ޕޮއިންޓެވެ.
ރޭ ވެސްޓް ބްރޮމް ކޮޅަށް ޔުނައިޓެޑުގެ ލަނޑުތައް ޖެހީ ރޮމެލޫ ލުކާކޫ އާއި ޖެސޭ ލިންގާޑް އެވެ. ވެސްޓް ބްރޮމްގެ ލަނޑު ޖެހީ ގަރެތު ބެރީ އެވެ. މީގެ އިތުރުން ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ވެސްޓް ބްރޮމް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.
"އަހަންނަށް އެނގޭ ކޮންމެ މެޗަކަށް ފަހު ސިޓީގެ ވާހަކަ އަންނާނެކަން. އަހަރެމެން ޕްރިމިއާ ލީގުގައި ކުޅޭ އެންމެ ފަހު މެޗު އޮތީ އަންނަ އަހަރު މެއި މަހު ވަޓްފޯޑާ ދެކޮޅަށް އަހަރެމެން ދަނޑުގައި އެ މެޗާ ހަމައަށް ކޮންމެ ގޮތެއް ވިޔަސް އަހަރެމެން އަތްއުރާލައިގެން ސިޓީ އަށް ލީގު ދީގެން ނުތިބޭނަން،" މޮރީނިއޯ ބުންޏެވެ.
"މި ސުވާލު ތިން ވަނަ، ހަތަރު ވަނަ އަދި ފަސް ވަނަ އަށް އޮތް ޓީމުގެ ގާތުގައި އަހައިފިނަމަ ހިޔެއް ނުވޭ އެމީހުން ޖަވާބެއް ދޭނެހެން،"
ބޯންމައުތު ދެ ކުޅުންތެރިންގެ ކައިރިން ސަލާހު (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ރޭ ރަށުން ބޭރުގައި 4-0 އިން ބޯންމައުތުގެ މައްޗަށް ކުރި ހޯދުމަށް ފަހު ލިވަޕޫލް ވަނީ އަލުން ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެ ޓީމަށް 18 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމަށް ދެން އޮތީ އަންނަ ހުކުުރު ދުވަހުގެރޭ ރަށުން ބޭރުގައި ލީގުގެ ފަސް ވަނައިގައި އޮތް އާސެނަލާ ދެކޮޅަށް ކުޅޭ މެޗެވެ.
ރޭ ބޯންމައުތު ކޮޅަށް ލިވަޕޫލްގެ ލަނޑުތައް ޖެހީ ފިލިއްޕޭ ކުޓީނިއޯ، މުހައްމަދު ސަލާހު، ޑޭޔާން ލޮވްރެން އަދި ރޮބާޓޯ ފިރްމީނޯ އެވެ. މި މެޗުގައި ސަލާހު ޖެހި ގޯލާ އެކު އޭނާ ވަނީ ސީޒަނުގައި ލިވަޕޫލަށް 25 މެޗުން 20 ގޯލު ހަމަކޮށްފަ އެވެ. މި ގޯލާ އެކު ލިވަޕޫލުން ވަނީ ސަލާހު ގަތުމަށް ރޯމާ އަށް ދެއްކި ޓްރާންސްފާ ފީގެ އިތުރުން ތިން މިލިއަން ޕައުންޑް ދީފަ އެވެ. އެއީ ސަލާހު ގަތްއިރު، އޭނާ 20 ލަނޑު ހަމަކުރުމުން ދޭން އެއްބަސްވެފައިވާ އަގެކެވެ. މިއާ އެކު ސަލާހުގެ އަގު ވަނީ 38 މިލިއަން ޕައުންޑަށް އަރައިފަ އެވެ.
ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގަދަ ހަތަރެއްގެ ތެރޭގައި ސީޒަން ނިމޭއިރު އޮތުމަކީ ލީގުގައި މި ވަގުތު ލިވަޕޫލަށް އޮތް އެންމެ ރަނގަޅު ޓާގެޓް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓީހޮޕްހޮޕް
18 December 2017
ކަލޯ މޮރިބޭ ކޮންޓޭމެން އުޅޭހެން ބަލި ޤަބޫލުކުރަން ދަސްކޮށްބަލަ ބިޑާ ގަދަ ބަސް ނުބުނެ.. ކުރިސްމަސް ބުރޭކު ނިމިގެން ކުޅޭ މެޗުތަކަށް ފަހު ޓޭބަލް ބަލާއިރު ތިޔަ އޮތް ދެވަނަ މަޤާމުން 3 ވަނަ ނޫނީ 4 ވަނައަށް ސޮއްސާލާނެކަމާމެދު މަ ޝައްކެއް ނުކުރަން..
ކޮންޓޭ
18 December 2017
ދެން ދެ އަތް މައްޗަށް ނަގައިގެން ހުރޭ.
ރާއްޖެ
18 December 2017
މިހާރު ތިގެންގުޅޭ ބަހަށްް ވުރެ ބޮޑު ބަހެއް ހޯދާ.
ބުޗު
18 December 2017
ސިޓީ ހުއްޓުވުމުގެ ފުރުސަތެއް އެހެން ޓީމަކަށް ލިބިގެންވާނަމަ އެކަން ކުރެވޭނީ ދެން ލިވަޕޫލަށް! ~ ވ.ވެދުން ~
އަދު
18 December 2017
ލިވަރޕޫލް ރަނގަޅުވާނެ ފޮޅު އަޅަން. މިބުނީ ވަރަށް ވާހަކަ.
ހައްމަދު
18 December 2017
ފޮޅުވަތް އަޅާށޯ..