މައިކްރޮސޮފްޓް ވިންޑޯޒް އެޕްލިކޭޝަން ސްޓޯރުގައި ހިލޭ އަދި ގަންނަން ލިބެން ހުރި މަޝްހޫރު އެޕްލިކޭޝަންތަކެއް
25 ޑިސެމްބަރ 2017 - 06:38
މައިކްރޮސޮފްޓް ވިންޑޯޒް ސްޓޯރުން ގޫގުލް ކްރޯމް ބޭރުކޮށްލައިފި އެވެ.
ވިންޑޯޒް ސްޓޯރަކީ، މައިކްރޮސޮފްޓް ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގައި ބޭނުންކުރާ ސޮފްޓްވެއާ އެޕްލިކޭޝަންތަކަށް ޚާއްސަ އޮންލައިން ސްޓޯރެކެވެ. ވިންޑޯޒް ބޭނުންކުރާ އާބާދީ އަށް ލިބޭ ގޮތަށް ވިންޑޯޒް ސްޓޯރަށް އެޕްލިކޭޝަނެއް ލުމަށްޓަކައި މައިކްރޮސޮފްޓުން ކަނޑައަޅާ ގަވާއިދުތަކަކަށް ތަބާވާން ޖެހެ އެވެ.
ވިންޑޯޒް ސްޓޯރުން ކްރޯމް އެޕް ބޭރުކޮށްލި ސަބަބަކީ އެ ގަވާވިދުތަކަށް އެ އެޕްލިކޭޝަން ނުފެތުމެވެ. ގޫގުލްއިން ހަގީގަތުގައި ވިންޑޯޒް ސްޓޯރަށް ލާފައި ވަނީ އެ ސްޓޯރަށް ލާން ޚާއްސަކަމެއް ދީގެން އުފެއްދި އެޕްލިކޭޝަނެއް ނޫނެވެ. އެ އެޕްލިކޭޝަނުން ކޮށްދޭ ކަމަކީ، ގޫގުލް ސާވާގައި ކްރޯމް އަށް ޚާއްސަ ޖާގަ ދައްކައިދިނުމެވެ. ވިންޑޯޒް ސްޓޯރަށް ގޫގުލުން ލާފައި ވަނީ "ކްރޯމް އިންސްޓޯލާ" އެޕްލިކޭޝަނެކެވެ.
ގޫގުލް އެޕްލިކޭޝަން ބޭރުކޮށްލީ ކީއްވެތޯ މައިކްރޮސޮފްޓްއާ ސުވާލުކުރުމުން ބުނީ އެއީ ގޫގުލް ކްރޯމަކީ އެޕްލިކޭޝަނަށް ނުވާތީ ކަމަށެވެ. އޭގައި ވިންޑޯޒް އެޕް ސްޓޯރަށް ޚާއްސަ އެއްވެސް ސިފައެއް ނެތް ކަމަށް ވެސް ބުންޏެވެ.
މައިކްރޮސޮފްޓުން ބުނި ގޮތުގައި ވިންޑޯޒް ސްޓޯރަށް އެޕްލިކޭޝަން އުފައްދަން ގޫގުލް އަށް ފުރުސަތު އެބަ އޮތެވެ. ނަމަވެސް މައިކްރޮސޮފްޓުން ކަނޑައަޅާ އުސޫލުތަކަށް ތަބާވާން ޖެހޭ ކަމަށް ބުންޏެވެ.
މަސްރަހު ލަފާކުރާ މީހުން ދެކޭ ގޮތުގައި، ވިންޑޯޒް ސްޓޯރަށް ލުމަށޭ ކިޔާފައި ގޫގުލްއިން ވަކި އެޕްލިކޭޝަނެއް ނުއުފައްދާނެ އެވެ. ސަބަބަކީ އެޕްލިކޭޝަން އުފެއްދުމަށް މައިކްރޮސޮފްޓުން ދާއިރާތައް ކަނޑައެޅުމުގެ އިތުރުން އުސޫލުތައް ވެސް ހަނިކޮށްފައި ވާތީ އެވެ.
މި ކަމާ ގުޅޭ ގޮތުން ގޫގުލްއާ ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. ގޫގުލްއިން ކަންކުރާނެ ގޮތާ ބެހޭ ގޮތުން ވެސް އެއްޗެއް ނުބުނެ އެވެ.
ވިންޑޯޒް ސްޓޯރަށް ކްރޯމް އެޕްލިކޭޝަން ލުމަކީ ގޫގުލް ނޫން ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކްރޯމް ނުލައިފި ނަމަ ވިންޑޯޒް ސްޓޯރުގައި ގޫގުލްގެ ޝާމިލްވުން ދެން ވެސް ވާނީ ފަނޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy