މިރޭ ކުޅުނު ބައިބަލާ މެޗުގައި ހަމަނުޖެހުން ހިންގަނީ: މި މާރާމާރީއާ ގުޅިގެން މުބާރާތް ވަނީ މެދުކަނޑާލާފައި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
10 ޖުލައި 2016 - 23:19
ބައިބަލާ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ދެމެދު ބޮޑު މަރާމާރީއެއް ހިންގައި އެތައް ބަޔަކަށް އަނިޔާވުމާ އެކު، މުބާރާތް މެދުކަނޑާލައިފި އެވެ.
ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން ކުރިއަށް ގެންދާ މުބާރާތުގައި މިރޭ ބައްދަލު ކުރީ ބީޖީ ސްޕޯޓްސް އާއި ކްލަބު ޓީނޭޖެވެ.
މާރާމާރީ ހިނގަން މެދުވެރިވީ، މެޗު ބަލަން ގޮސް ތިބި "މިހާރު"ގެ ނޫސްވެރިން ބުނި ގޮތުގައި، ޓީނޭޖު ބަލި ވާން ފެށުމުން އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދަނޑަށް އަރައި ބީޖީގެ ކުޅުންތެރިން ގައިގައި ތަޅަން ފެށުމުންނެވެ. އޭރު މެޗު ނިމެން ނުވަ ވަރަކަށް ސުކުންތަށް ވެފައި ވާއިރު، ބީޖީ އޮތީ ފުރަތަމަ ސެޓު ހޯދުމުގެ އިތުރަށް، ފަހު ސެޓުގައި ވެސް 12-7 އިން ކުރީގަ އެވެ.
"ޓީނޭޖު ބޭރުން ކުޅެމުން ދިޔައީ. އޭރު ބީޖީން އުޅެނީ ޓީނޭޖުގެ ކުޅުންތެރިއަކު ދަނޑުމަތީގައި ހިފަހައްޓައިގެން. އެ ވަގުތު ސަޕޯޓަރުންނާއި ކުޅުންތެރިން ދަނޑަށް އަަރައި ބީޖީ ކުޅުންތެރިން ގައިގައި ތަޅަން ފެށީ،" އެއް ނޫސްވެރިއަކު ބުންޏެވެ.
"ދެ ކޮޅުން ފަންސާހަކަށް މީހުން ދަނޑުމަތީގައި ތިބޭނެ ތަޅަން."
މިރޭ ކުޅުނު ބައިބަލާ މެޗު: މި މެޗުގައި ބޮޑު މާރާމާރީއެއް ހިންގި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މާރާމާރީ ހިންގާ ހިސާބަށް ދިޔައީ، އެ ތަނުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނި ގޮތުގައި، މެޗުގެ އެކި ހިސާބުން އެކި ވަރުގެ ހަމަނުޖެހުންތައް ހިނގުމަށް ފަހު އެވެ. އެ ގޮތުން، ރެފްރީ ބީޖީ ކޮޅަށް ޖެހިފައިވާ ކަމަށް ބުނެ ޓީނޭޖުގެ އޮފިޝަލުން ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ. އެ ޝަކުވާތަކާ ހެދި އެއް ފަހަރަކު ކުޅުން މެދުކަނޑާލި އެވެ. މީގެ އިތުރުން، މެޗުގެ ވަކި ހިސާބަކުން ރެފްރީ ލޮލަށް ވެލި ޖަހައިގެން ޓީނޭޖުގެ ކުޅުންތެރިއަކަށް ރަތް ކާޑު ވެސް ދެއްކި އެވެ.
މިރޭގެ މެޗުގައި ހިންގި މާރާމާރީގައި ވެލި އުކައި އަތްފައިން ހަމަލާ ދިނުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. ބައެއް މީހުން ނުތެދުވިފައި ދަނޑުމަތީގައި ތިބިއިރު، މާރާމާރީ ހުއްޓުވީ އެސްއޯ ފުލުހުން އައިސްގެންނެވެ. އޭގެ ކުރިން، އެ ސަރަހައްދުގައި ފޯރިމަރަން ތިބި ފަސް ވަރަކަށް ފުލުހުން ވަނީ މާރާމާރީ ހުއްޓުވަން ޕެޕަ ސްޕްރޭ ޖަހާފަ އެވެ.
މިރޭ ކުޅުނު ބައިބަލާ މެޗުގައި ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ: މި މާރާމާރީއާ ގުޅިގެން މުބާރާތް ވަނީ މެދުކަނޑާލާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ބައިބަލާ މެޗެއްގެ ތެރެއިން ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު 9:35 ހާއިރު ލިބިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރި ވެފަ އެވެ. އަދި މިހާރު ހަމަނުޖެހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ބައިބަލާ މުބާރާތް މެދުކަނޑާލީ އެސޯސިއޭޝަނުން ވަކި ގޮތެއް ނިންމަން ދެނެވެ.
ބައިބަލާ މެޗެއްގައި މާރާމާރީ ހިންގިއިރު، ބޮޑެތި ކުށްވެރިން ކަމަށް ބަލައި ޓެގު އަޅުވާފައިވާ ބައެއް މީހުންނަށް ބައިބަލާ ކުޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހުން ކުޅޭއިރު ވެސް ފައިގައި ޓެގު އޮންނާނެ ކަމަށާއި އެ މީހުންގެ ހަރަކާތްތައް ބަލަން ފުލުހުން އެ ސަރަހައްދުގައި ތިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކަނދި
12 July 2016
ގައުމު އެނދީއޭ!!!!!!!!!!!! ގައުމަށް ބޮޑުވެގެންވާ ނާމާންކަމެއް އަތުވެއްޖެއެވެ. ބަލަން ތިބޭށެވެ. ސޮނި ވެއްޓޭނެއެވެ!
ހަމްދޫން
11 July 2016
ތި ފެއްޓީ އާކަމެއް ދެން ބަލިވާ ކޮންމެ ޓީމެއްވެސް ރިންގައް އަރާގަންނާ ނީ ތިހެން ހަދަންޔާ. އޮފިށަލުލްނާ ސަޕޯޓަރުން އަރާ ކުޅުންތެރިން ގައިގަ ތަޅަން ފެށީމަ އަނެއް ޓީމްވެސް ބަލަހައްޓާގެން ނުތިބޭނެ ދޯ. ކޮބާހޭ ޑިސިޕިލިން ކޮމެޓީ. ދެންއެވީ ދެޓީމް ޑިސްކޮލިފައި ކުރަންތަ.
ނިޙާން
11 July 2016
ބަލިވީމަ މާރާމާރީ ހިންގާ ޓީމްތައް ބަިބެރި ނުކުރަންވީ.
އައްޔަ
11 July 2016
ގޭންގުތަކާއި ބޮޑެތި ކުށްވެރިންނާ މިސަރުކާރުގެ ބޮޑުން ގުޅުން އޮންނަ ކަމުގެ ރީތި މިސާލެއް
ބޭރު
11 July 2016
އުމަރަށް އިސްތިއުފާ ދޭންޖެހުނީ މިފަދަ ކަންކަމާ އެއްބަސް ނުވެވޭތީއެވެ. އުަމަރު ކުރިން ބުނެފައިވާ ގޮތަށް މި ސަރުކާރާ ގޭންގްތަކާ ހުރި ގުޅުން ރަގަޅަށް މިދަނީ ހާމަވަމުންނެވެ. ގޭންގުތައް ފުޑާލަން އުމަރު ކުރި ކޮންމެ މަސައްކަތަކަަށް މަތީ ފަޑިން ދިޔައި ހުރަސްތައް ކުރިމަތިކުރުވަމުންނެވެ. އާހިރު ނަތީޖާ މި ފެންނަނީއެވެ.
ސަދޫމް
11 July 2016
މާރާމާރީ ހިންގާ އެތައް ބަޔަކަށް އަނިޔާވީމާ ވެސް އެންމެން ދޫކޮއްލީ. އާދައިގެ ދެ މީހަކު ކުޑަ ކަމެއްގައި މަގުމަތީ ޒުވާބުކުރިޔަސް އެބަ ގެންދޭ، ގެންގޮސް 22 ނުވަތަ 23 ގަޑިއިރު ފަހުން ދޫކޮއްލަނީ.
ފުރީޑަމް
11 July 2016
ޓެގްއަޅުވާފަ ތިބީ އެކުދިން ހިމާޔަތްކުރަން. އެބުނީއެއްނު ޓެގްއަޅުވާފަ ތިބޭކުދިން ކުޅޭއިރު ފުލުހުން ފޯރިމަރަންތިބޭކަން. ނުރައްކާތެރި ބަޔަކު މުޖުތަމައުއަށް ދޫކޮށްލާފަ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
ދެރަމީހާ
11 July 2016
ތިޔައީ ސިޔާސީ ޙަރަކާތެއްނަމަ އެންމެނަށް ޓެރަރިޒަމްގެ ދަށުން 17 އަހަރުގެ ޖަލުހުކުމް. މިރޭ އިނގޭނެ އެމްޑީޕީ ހިނގާލުމުން ބަންދުކޮށް މުއްދަތުޖަހާލާމީހުންގެ ޢަދަދު. ލަދުޙަޔާތުގެ ކަންފުޅެއްވެސް މި ޤައުމުގެ ވެރިންގެ ނެތީ. ޤައުމެއް ފަނާވެގެން މިއޮށްދަނީ. މިމީހުން ވެރިކަމަށްޓަކައި ޤައުމުގެ ޒުވާނުންގެ ދުވަސްދުއްވާލާއިރު ބަނގުލާދޭޝްމީހުން ހިތުހުރިގޮތަކަށް ޤައުމުގެ ވިޔަފާރިތައް މުށުތެރެއަށްލާ ބާރުކުރަނީ.
ހަޑިގިއްލާ
11 July 2016
އިސްލާމީ މަރުކަޒު ގޯތި ތެރޭ ދުއާ ކޮއްގެން އުމުރުން ދުވަސްވީ މީހަކު 14 ދުވަސް ވަންދެން ފުލުހުންގެ ބަންދުގަ ބެހެއްޓި.
ިމުހައްމަދު
11 July 2016
ފުރަތަމަ ހައްޔަރުކުރަންޖެހޭނީ އެވެރިންގެ އެންމެ އިސްވެރިޔާއެވެ. އެއީ ދެން މިހާރު ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، ތިޔަ ކަމުގައި ހައްޔަރުކުރާނެ އެކަކުވެސް ނުހުންނާނެ.