ހުޅުމާލޭ ފަޅުގައި އަޅާފައި ހުރި ސަފާރީ ޔޮޓްތަކެއް: ޔޮޓަކުން މޫދަށް ފޭބި ލަންކާގެ ޓޫރިސްޓުގެ މަރުގެ މައްސަލައެއް ލަންކާގެ ފުލުހުން ދަނީ ބަލަމުން --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
28 ޑިސެމްބަރ 2017 - 11:04
ކ. ގުރައިދޫ ބޭރުގައި އަޅާފައި އޮތް ސަފާރީއަކުން ފީނަން ފައިބައިގެން އުޅެނިކޮ މަރުވި ސްރީ ލަންކާގެ ޓޫރިސްޓް މީހާގެ މައްސަލަ އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.
ގުރައިދޫ ސިއްހީ މަރުކަޒުން ކުރިން ބުނެފައި ވަނީ، އެ މީހާ މަރުވީ ގެނބިގެން ކަމަށް ނުބެލެވޭ ކަމަށާއި ބޮޑަށް ބެލެވޭ ގޮތުން އެއީ ގުދުރަތީ މަރެއް ކަމަށެވެ. ޑޮކްޓަރުން އޭރު ލަފާ ކުރީ އުމުރުން 33 އަހަރުގެ އެ މީހާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
ދަސުން ތަރަނގަ ކިޔާ އެ މީހާ ސަފާރީއަށް ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކު އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހިނގި މި މަރުގެ މައްސަލަ ލަންކާ ފުލުހުން ބަލަން ފެށީ، އޭގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރި އިސް ފަރާތް ޑރ. ސިރީ ޖަޔަންތަ ވިކްރެމަރަތުނެ، ދަސުންގެ ލޯބިވެރިޔާއާ ސުވާލު ކުރަން ފުލުހުންނަށް އެންގުމުންނެވެ. އެއީ ދަސުންގެ މަރުގެ ސަބަބު ޑޮކްޓަރަށް ދެނެނުގަނެވުމުން، އަންހެންމީހާގެ ބަޔާން ނެގުން މުހިއްމު ކަމަށް ދެކޭތީ ކަމަށް ލަންކާގެ ނޫސްތަކުގައި ވެ އެވެ.
ދަސުންގެ މަރުގެ މައްސަލައިގައި ލޯބިވެރިޔާގެ އަތެއް ވާކަމަށް އޭނާގެ އާއިލާއިން ވެސް ޝައްކު ކުރެ އެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހާ ވާހަކަ ދައްކަމުން ދަސުންގެ ކޮއްކޮ ބުނެފައިވަނީ އިންޝުއަރެންސް ކުންފުންޏެއްގައި މަސައްކަތް ކުރާ އޭނާގެ ބޭބެއަކީ ލޭގެ ކޮލެސްޓްރޯލް މަތިވާތީ އެކަމަށް ފަރުވާ ކުރަމުން ދިޔަ މީހެއް ކަމަށާއި އެކަމަކު ބޭބެގެ އެ ކުއްލި މަރާ މެދު އޭނާ ވެސް ޝައްކު ކުރާ ކަމަށެވެ. އަދި އެކަމުގައި ދަސުންގެ ލޯބިވެރިޔާގެ އަތެއް ވެދާނެ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ.
ގުރައިދޫ ސިއްހީ މަރުކަޒުން ބުނެފައިވަނީ އެ ޒުވާނާއަށް ލޮނުބޮވިފައި ނުވާތީ ގެނބުނީ ކަމަށް ނުބެލެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާމިން
28 December 2017
މަރުވެފަ އޮތްމީހަކު މޫދައް އެރޭނެ ގޮތެއް ނުވިސްނުނު .
މައިތިރި
28 December 2017
ވަރަށް ގިނައިން ފޮރިންސިކް ފައިލްސް (އަސްލު ހަގީގީ މަރުތަކާއި، މަރުވި ގޮތް އަދި ގާތިލް ފޮރިންސިކް ސައިންސްގެ އެހީގައި ހޯދާގޮތް ދައްކުވައިދޭ ސީރީސްއެއް) ބަލާ މީހެއްގެ ގޮތުން އަހަރެން %100 ޔަގީންކަން ދޭނަން އޭނާ މަރުވީ ގެނބިގެނެއް ނޫންކަން... ސަބަބަކީ ހޮސްޕިޓަލުން އެބަބުނޭ އޭނަަގެ ފުއްޕާމޭގައި ލޮނު ނެތްކަމަށް.. އެހެންވިއްޔާ އޭގެ މާނައަކީ އޭނާ މޫދަށް އެރުނު އިރުވެސް އޮތީ މަރުވެފައޭ.. ނޫނީ ކޮންމެ ގޮތެއްވިޔަސް އޭނަގެ ނޭވާލާ ނިޒާމު ހުރީ ހުއްޓިފައޭ... ކުޗްތޯ ގަޑުބަޑު ހުވާހޭ އޭ ބުނަން ޖެހެނީ އެހެންވެގެން... ދެން ގުރައިދޫ ހޮސްޕިޓަލް ކަހަލަ ވަސީލަތްތައް މަދު ތަނަކުން އެމީހާގެ ޕޯސްޓް މޯޓަމްވެސް ނުހަދާ ހަމަ ހާޓް އެޓޭކް އެކޭ ބުންޏަސް ތަންދޮރު އެގޭ މީހުނަށް ވަކިން ހާއްސަކޮށް އެމީހާގެ އާއިލާ މީހުނަށް އެކަން ގަބޫލެއް ނުކުރެވޭނެ... އޭނާގެ ޖަނާޒާ ނިންމާލީތަ؟ އޭގެ ކުރިން ކުޑަމިނުން އޭނާގެ ލޭގެ ސާމްޕަލް ނެގިތަ؟ އަދިވެސް އެތައް ސުވާލެއް. ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރަން އަދި ތަންކޮޅެއް އަވަސް. ނޫނީ ދަތި!
ކަރީމް
28 December 2017
ލޯބިވެރިޔާއަކީ ދިވެއްސެއްތޯ