ވިޔަފާރި / ޗައިނާ

އެމެރިކާ ކުންފުނިތައް ގަތުމަށް ޗައިނާ ކުންފުނިތަކުން ކުރާ މަސައްކަތްތައް ހުއްޓުވަނީ

އެމެރިކާ އިން އެންމެ ފަހުން ހުއްޓުވީ އަލީބާބާ އިން މަނީގްރާމް ގަތުމަށް ހުށަހެޅި 1.2 ބިލިޔަން ޑޮލަރުގެ ހުށަހެޅުން.-- ފޮޓޯ: ރޮއިޓާސް

04 ޖެނުއަރީ 2018 - 11:53

އެމެރިކާގެ ބޮޑެތި ކުންފުނިތައް ގަތުމަށް، ބިލިއަން ޑޮލަރުގެ އަގުތަކާ އެކު ޗައިނާގެ ކުންފުނިތަކުން ހުށަހަޅާ ހުށަހެޅުންތައް އެމެރިކާ ސަރުކާރުން ހުއްޓުވަން ފަށައިފި އެވެ.

މިއީ އެމެރިކާގެ ރައީސް ކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވި ފަހުން، ޗައިނާއާ މެދު ގެންގުޅޭ ހަރުކަށި އިގްތިސާދީ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ ކަމެއް ކަމަށް މީޑިއާ އިން ބުނެ އެވެ. އެމެރިކާގެ ކުންފުނިތައް ގަތުމަށް ޗައިނާގެ ކުންފުނިތަކުން ހުށަހަޅާ ހުށަހެޅުންތައް އެމެރިކާ އިން ހުއްޓުވަނީ ސެކިއުރިޓީ ސަބަބުތައް ފަދަ ކަންކަމާ ގުޅުވައިގެންނެވެ.

އެންމެ ފަހުން އެމެރިކާ އިން ހުއްޓުވާފައި ވަނީ އެ ގައުމުގެ މަޝްހޫރު ފައިސާ ޓްރާންސްފާ ކުރާ ކުންފުނި، މަނީގްރާމް ގަތުމަށް ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އަލީބާބާ އިން ހުށަހެޅި 1.2 ބިލިޔަން ޑޮލަރުގެ ހުށަހެޅުމެވެ. މަނީގްރާމް ގަތުމަށް މަސައްކަތް ކުރީ އަލީބާބާގެ ޑިޖިޓަލް ޕޭމަންޓް ކުންފުނި އޭންޓް ފައިނޭންޝަލް އިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ޓްރަމްޕް ސަރުކާރުން ހުއްޓުވި މިފަދަ އެންމެ ހައި ޕްރޮފައިލް ހުށަހެޅުމެވެ. އަދި އެ ދެ ކުންފުނިން ވެސް ވަނީ، އެމެރިކާ އިން މި މުއާމަލާތް ހުއްޓުވުމުން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ދެ ކުންފުނިން ވެސް ބުނީ، ހުއްދަ ނުލިބުނީ ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތަކާއި، ދެ ގައުމުގެ ސިޔާސީ ގުޅުންތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށް ދެކޭ ކަމަށެވެ.

އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުން، އެ ގައުމުގެ ކުންފުނިތައް ބޭރު ފަރާތަކަށް ވިއްކޭނީ ކޮމިޓީ އޮން ފޮރިން އިންވެސްޓްމަންޓްގެ ހުއްދައާ އެކުގަ އެވެ. އެ ކޮމެޓީގެ ކަންބޮޑުވުންތައް ހުރެއްޖެ ނަމަ އެ މުއާމަލާތެއް މަނާކޮށް، ވިއްކުން ހުއްޓުވޭނެ އެވެ. އެ ގޮތުން މަނީގްރާމް ވިއްކުން ހުއްޓުވީ ވެސް އެ ކޮމެޓީންނެވެ.

ޗައިނާއާ މެދު އެމެރިކާ އިން ގެންގުޅޭ ސިޔާސަތުތައް ހަރުކަށި ކުރަމުން އަންނަ އިރު، މީގެ ކުރިން ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ މިފަދަ ބައެއް މުއާމަލާތްތައް ހުއްޓުވައިފަ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެޑްވާންސް ކޮމްޕިއުޓާ ޗިޕް އުފައްދާ އެމެރިކާގެ ލެޓިސް ސެމީ ކޮންޑަކްޓާ ގަތުމަށް ޗައިނާގެ ކެންޔަން ބްރިޖް ކެޕިޓަލް ޕާޓްނާސް އިން ހުށަހެޅި 1.3 ބިލިޔަން ޑޮލަރުގެ ހުށަހެޅުން ވެސް ހުއްޓުވައިފަ އެވެ. މި މުއާމަލާތް ހުއްޓުވީ، އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެވެ.

އެމެރިކާގެ ސިޔާސަތުތައް ހަރުކަށި ވަމުން އަންނާތީ، އެ ގައުމުގެ ކުންފުނިތައް ގަތުމަށް، މީގެ ކުރިން ޗައިނާގެ ކުންފުނިތަކުން ހަދާފައިވާ ބައެއް އެއްބަސްވުންތަކަށް ވެސް ވަނީ އަސަރު ކޮށްފަ އެވެ. އެގޮތުން ޗައިނާގެ އޯޝަން ވައިޑް ހޯލްޑިންގް ގުރޫޕުން އެމެރިކާގެ އިންޝުއަރެންސް ކުންފުނި ގެންވޯތު ފައިނޭންޝަލް ގަތުމަށް ވެފައިވާ 2.7 ބިލިޔަން ޑޮލަރުގެ އެއްބަސްވުމާއި، ޗައިނާގެ އޮރިއެންޓް ހޮންޓާއި ކެޕިޓަލް އިން އެމެރިކާގެ މޯބައިލް މާކެޓިން ކުންފުނި އެޕްލަވިން ގަތުމަށް ވެފައިވާ 1.4 ބިލިޔަން ޑޮލަރުގެ އެއްބަސްވުމަށް ވެސް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޓްރަމްޕްގެ ސަރުކާރުން ޗައިނާއާ މެދު ގެންގުޅޭ ސިޔާސަތުތައް އިތުރަށް ހަރުކަށިވެފައި ވަނީ ނޯތު ކޮރެއާގެ މައްސަލާގަ އެވެ. ޓްރަމްޕް ތުހުމަތު ކުރާ ގޮތުގައި ނޯތު ކޮރެއާ އަށް ޗައިނާ އިން ސިއްރުން ތަފާތު އެހީތައް ފޯރުކޮށްދެ އެވެ. އަދި ނޯތު ކޮރެއާގެ ނިއުކުލިއާ މަޝްރޫއު ހުއްޓުވުމުގައި ޗައިނާ އިން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް، ތަފާތު ބައްދަލުވުންތަކުގައި ވިދާޅުވެފަ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454