ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރު: އޭނާގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވީ ސްޓެލްކޯއަށް ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކަށް ދޫކުރި މައްސަލާގައި --ފޮޓޯ/މިހާރު
04 ޖެނުއަރީ 2018 - 12:18
ސްޓެލްކޯ އަށް ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކަށް ފައިސާ ދިން މައްސަލާގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރާއި އިތުރު މީހަކަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލާގައި އިތުރު ކަންތައްތަކެއް ސާފުކުރަން، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަނބުރާ ފޮނުވާލައިފި އެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތް ކުންފުންޏެއްގެ އަތުން ސްޓެލްކޯ އަށް ދެ ލައްކަ ޑޮލަރު ގަތުމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދިން މައްސަލާގައި ޝުކޫރުގެ އިތުރުން ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމެންޓްގެ ހެޑްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ، ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ޕީޖީ އޮފީހުން އެދުނު ކަންކަން އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
"މުޅި އެ ކޭސް އަނބުރާ ]އޭސީސީ އަށް] ފޮނުވާލާފައެއް ނެތް. އަދި އެ މައްސަލާގައި ދައުވާ ނުކުރުމަށް ވެސް ޕީޖީ އޮފީހުން ނިންމި ކަމެއް އަންގާފައެއް ނެތް. ހަމައެކަނި ބައެއް ކަންކަން ސާފުކޮށްދިނުމަށް އެދިފައި އޮތީ،" މުއައްވިޒް ވިދާޅުވި އެވެ.
ޝުކޫރުގެ މައްސަލާގައި އިތުރު ކަންތައްތަކެއް ސާފުކުރަން އަނބުރާ ފޮނުވާލިއިރު، ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް 17 މިލިއަން ރުފިޔާ ދޫކުރި މައްސަލާގައި އެ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމައިފަ އެވެ. ފެނަކަ އާއި ސްޓެލްކޯއިން ވެސް ޑޮލަރު ގަތުމަށް ފައިސާ ދިނީ ޝަރޫ ލޯންޗް ކުންފުންޏަށެވެ.
ސްޓެލްކޯއަށް ފެނަކަ އިން ޑޮލަރު ގަތުމަށް ޝަރޫއަށް ދިން ފައިސާ އަނބުރާ އެ ދެ ކުންފުންޏަށް ދައްކަން ޝަރޫގެ މައްޗަށް ސިވިލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
06 January 2018
ދައުވާ ނުކުރަން އުޅޭހެން ހީވަނީ!
ދުންމާރި
05 January 2018
މިހާރުގެ ރެޖީމަށް ބަލަދުއަރާފަ ތިބޭ ބައެއްތަ މި މީސްމީހހުންނަކީ؟ އަޖައިބެއް. ކިތަންމެ ވަރަކަށް ކުށްކުރިޔަސް ޚިޔާނާތްތެރިވިޔަސް މިއިން މީހަކު ކުށްވެރިވާ ކަމަކަށް ނުވޭ. އެންމެ ފަރުދަކާ ހެދި އެތައް ރައްޔިތުންގެ ހައްގުތައް ގެއްލިގެން މިދަނީ. ތަންތާ ވެރީންނަށް މިމީހުން ލައިގެން އުޅޭ އިރު މިއީ ގާނޫނާ ގަވާއިދު ނުދަންނަ ކުޑަކުދީންނަށް ވީމަތާ އެހާ ބޮޑެތި ޚިޔާނާތް އެ ވެވެނީ. އާޚިރަތެއް އޮތްކަމެއް ނޭނގޭ މީހުންތަކެއް މިހިރަ އެނބުރެނީ.
ސިއާ
04 January 2018
އަޖާބެއްނު, އޭސީސީ ސާފުކުރާނެވަރަކަށް ސާފުކޮށްފައި ޕީޖީއަށް ފޮނުވަނީ, ދެން މައްސަލަ ނުބަލާންވެގެން އަނެއްކާ އޭސީސީ އަށް, މި މައްސަލަ ފައިލްކުރިއަސް މިކަން ބެލޭނެ ދުވަހެއް އަންނާނެ, ނަޝީދު ވެރިކަމުގައި ގާޒީއަކު ހައްޔަރުކުރި މައްސަލާގައި ނުބަލަން ނިންމާފައިވާ, އައްޑޫ މެމްބަރެއްގެ މައްސަލަވެސް އަލުން އެބަލަނީނުން, އެ މެމްބަރުގެ ގޮނޑިގެއްލުވާލުމުގެ ބޭނުމުގައި, މިސަރުކާރަކީ ވަންވޭއެއް, ބައިކޮޅުގައި ތިބި މީހުން ކުށެއްނެތްކަމަށް ހަދާފައި އިދިކޮޅުމީހުންގެ ފަހަތުން މެމްބަރުކަން ގާނޫނާ ޚިލާފަށް ގެއްލުނުކަމަށް ނިންމާ ގޮޅިގޮޅިއަށް ފެއްތުމުގެ ނުބައި އަނިޔާވެރި ސަރުކާރެއް, ހުރިހާމުއައްސަސާއެއް އެކަކުގެ މުށުތެރޭގައި ﷲ އިރާދަކުރެއްވިއްޔާ މިއަނިޔާވެރިކަން މިއަހަރު ނިމޭނެ
ޭއެޅަބެއްޔާ
04 January 2018
ގުޅިގެން ބައި އެޅިގެން ހިންގާ ޖަރީމާ
އުނބުށެން
04 January 2018
ތިޔަ ހެން ތަހުގީގު ފުރިހަމަ ނުވާތީ ޝަރީޢަތް ނިމެންދެން ބަންދުގައި ތަޅުވާ މީހުންވެސް ދޫކޮށްލަން އަންގާބަލަ. 100 ޕަސެންޓް މުސްލިމުން އުޅޭ މިގައުމުގައި އެހެން ދުވަހެއް އޮތްކަމަށް އީމާންވަނީ ކިތައް ޕަސެންޓްބާއޭ ހިތަށްއަރާ.
ހޯލުި
04 January 2018
ގަވާއިދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަތް މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އެހެން އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ. ޕީޖީ އަށް ވެސް މި ނޫން ގޮތެއް ނެތެވެ.!؟
މައިތިރި
04 January 2018
ހޫނ.. ދެން އިޖުރާއަތުތަކާއި ކޮންމެވެސް ކަންތަކެއް ފުރިހަމަ ނުވެގެންނޭ ކިޔާފަ އެންމެ ފަހުން ދައުވާ ނުކުރަން ނިންމައިފިއޭ ބުންޏަސް އަހަރެމެން ހައިރާނެެއް ނުވާނެ.. ބައި އަޅަންޖެހޭ މީހުންނަށް ބައި އެޅިފަ ހުރީޔާ ތިކަން ނިމުނީ.. އަދީބުގެވެސް މައްސަލަ އަކަށްވީ ބައި އަޅަންޖެހޭގޮތަށް ބައި ނާޅާ އަމިއްލަ ގޮތްތަކެއް ހެދީމަ.. ކުރިން ބައި އެޅި ޑީލްތައް އޯކޭ... އަދި އޭގެ ގިނަކަންތައް އާންމުނާ ހިސާބަށް ތިލަވެސް ނުވޭ
ނަޖޫ
04 January 2018
މުޅިން ސިޔާސީ ވެރިން ކުޅޭ ކުޅިގަނޑެއް! ބަލަން ހުންނައްޗޭ ދަޢުވާ ކުރޭތޯ؟ ނުކުރާނެ!