21 ޖެނުއަރީ 2018 - 09:30
ކުޑަކުދިން މޯބައިލްފޯނު ގެންގުޅުމަކީ މިހާރު ރާއްޖޭގައި ވެސް އާންމު ކަމަކަށް ވެއްޖެ އެވެ. ނަމަވެސް މި ގޮތަށް ގެންގުޅޭ ފޯނުތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދެއެވެ. އެކި ސައިޓްތަކަށް ވަނުމާއި ކޮންމެހެން ފޯނު ކުރަން ނުޖެހޭ މީހުން ކުދިންނަށް ފޯނުކުރުމާއި މިފަދަ ނޭދެވޭ އެތައް ކަމަކަށް މަގުފަހިކުރުވައެވެ.
"މައި ފަސްޓް ފޯން"އަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ މޯބައިލް ފޯނެކެވެ. އަތުން ހިފައި ގެންގުޅުމުގައި ސަމާލުކަން ކުޑަވެދާނެތީ މި ފޯނު އުފައްދާފައިވަނީ އަތުކުރީ އަޅާ ގަޑިއެއް ގޮތަށެވެ.
މައި ފަސްޓް ފޯނަކީ 3ޖީ ސްމާޓް ފޯނެކެވެ. ކުޑަކުދިން ބޭނުންކުރަން އުފައްދާފައިވާ ފޯނަކަށްވާތީ ފޯނުން ގުޅޭނީ އަދި ފޯނަށް ގުޅޭނީ ވެސް ފޯނުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރުތަކަށް އެކަންޏެވެ. ސްމާޓްފޯނަކަށް ވިޔަސް މި ބޭނުންކުރަނީ މައިގަނޑު ހަތަރު ކަމެއްގައެވެ. ފޯނުކުރުމާއި ރިސީވްކުރުމާއި މެސެޖުކުރުމާއި މެސެޖު ލިބުމެވެ. ފޯނުގެ މޫނުމަތީގައި ފިތްބަރިއަށް ޖާގަ ނެތުމުން މި ފޯނުން ޓެކްސްޓް މެސެޖުތަކަށް ޖަވާބު ފޮނުވޭނީ އެމޯޖީތަކުން ނުވަތަ އަޑުންނެވެ.
މައި ފަސްޓް ފޯން: ކުޑަކުދިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ މޯބައިލް ފޯނެއް.
މައި ފަސްޓް ފޯންގެ އެންމެ ހާއްސަ ސިފަތަކުގެ ތެރޭގައި ފޯނު ހިފައިގެން ކުއްޖާ އުޅޭނޫޅޭ ތަންތަން ދެނެގަނެވުމާއި ކުއްޖާ ކަމެއް ބޭނުންވެއްޖެ ނަމަ ފޯނަށް ފިތާލައިގެން ސަލާމަތަށް އެދި "އެސްއޯއެސް" މެސެޖެއް މައިންބަފައިންނާއި ބެލެނިވެރިންނަށް ފޮނުވައިދެވުން ހިމެނެއެވެ. އަދި ފޯނުގެ މައިކުގެ އެހީގައި، ކުއްޖާ ހުރި ހިސާބެއްގެ އަޑުތައް އިވޭނެ ގޮތް ވެސް ބެލެނިވެރިންނަށް އޮވެއެވެ. އޭރުން ކުއްޖާ ވީނުވީތަނެއް ފަސޭހައިން ހޯދާލެވެއެވެ.
އެހެން ވެސް ފޯނުތަކެކޭ އެއްގޮތަށް މައި ފަސްޓް ފޯންއަކީ ވެސް ރިންގުގެ އަޑު ކަނޑާލެވޭ ފޯނެކެވެ. ކްލާހަށް ކުއްޖާ ވަންނަ ނަމަ ފޯނުގެ އަޑު ކަނޑާލަންވީއެވެ. އަދި ފެން ނުވަންނަ ގޮތަށް ހުންނާތީ އާއި އެއްފަހަރުގެ ޗާޖުން 60 ގަޑިއިރު ފޯނު ބޭނުންކުރެވޭ ކަން މިއީ މިފޯނު ގެންގުޅޭ ކުދިންގެ ބެލެނިވެރިންނަށް އޮތް ލުއިފަސޭހަ ކަމެކެވެ. މައި ފަސްޓް ފޯން އުފައްދާފައިވަނީ 1.3 މެގަޕިކްސަލްގެ ފޮޓޯ ވެސް ނެގޭ ގޮތަށެވެ.
މައި ފަސްޓް ފޯނު މިވަގުތު އޮތީ ބާޒާރަށް ނެރުމުގެ މަގުމަތީގައެވެ. މީގެ ފޯނު 89 ޑޮލަރަށް އިންޓަނެޓުގައި ވިއްކަމުން އެބަދެއެވެ. ލަފާކުރެވޭ ގޮތުގައި މީގެ ފޯނުގެ އަސްލު އަގަކަށްވާނީ 159 ޑޮލަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
21 January 2018
ތި ފޯނު ރާއްޖޭގެ ނެޓްވޯކް ތަކުގައި ބޭނުންކުރެވޭ ގޮތެއް އަދި ނުވޭ. ނެޓްވޯކާއި ނުގުޅި ގަޑިވެސް ހަމަ ނުކުރެވޭނެ. މަ ވަރަށް ޓްރައި ކޮށްފިން. ތި ބޭނުން ކުރެވޭނެ ގޮތެއް އެނގޭ މީހަކު ކުރިއްޔާ މިތާ އެގޮތެއް ޕޯސްޓް ކޮށްލާތި!