ޚަބަރު / ކުރީގެ އޭޖީ މުހައްމަދު އަނިލް

ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ހުށަހަޅަނީ

އެޓާނީ ޖެނެރަލް އަނިލް:

ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި ދެ ގާނޫނު ކަމަށާއި އެ ދެ ގާނޫނަށް ގެންނަން ފެންނަ ބައެއް އިސްލާހުތައް މި އަހަރު ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން ގާނޫނުލް އުގޫބާތަށް ބައެއް ބަދަލުތައް ގެނުމަށް ދެ ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިލް ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ބަދަލެއް ގެންނާނީ ކޮރަޕްޝަންގެ ކުށްތައް ކަނޑައެޅުމުގެ ބަޔަކަށެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށާއި ދައުލަތުގެ މަގާމުތަކުގައި ތިބެގެން ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް އަދަބު ބޮޑުވާ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

"...އެ ބާބު ހަރުދަނާކޮށް ކުށްތައް ކަނޑައަޅައި، އޭގެ ތަފްސީލުތައް ވެސް ހިމަނާފައިވާނެ. ޚާއްސަކޮށް ފާހަގަކޮށްލަން ބޭނުން ރިޝްވަތު ދިނުމުގެ ކަންކަމަށް، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ރިޝްވަތު ހިފައި އަދި ރިޝްވަތު ދީ ކަންކަން ކުރާ މީހުންނަށް އަދަބު ބޮޑުވާނެ ގޮތަކަށް އަޅުގަނޑުމެން އޮންނާނެ ކަނޑައަޅާފައި،" އަނިލް ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތަށް ޚިޔާނާތްތެރިވުމާއި ބަޣާވާތް ކުރުމަކީ ވެސް ވަކި ކުށެއްގެ ގޮތުގައި ހިމެނުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އެއީ އެމެރިކާ ފަދަ ގައުމުގައި ވެސް ކަނޑައަޅާފައި އޮންނަ ކުށެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ގެންނަން އިސްލާހުތަކާ ބެހޭގޮތުން އަނިލް ވިދާޅުވީ އެ ގާނޫނަށް އިސްލާހު ހުށަހަޅަނީ އެ ގާނޫނަށް އަމަލުކުރަން ފެށިއިރު ފާހަގަވެފައި ހުރި ބައެއް ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

މިދިޔަ އަހަރު އެ ގާނޫނަށް އިސްލާހުތަކެއް ސަރުކާރުން ހުށަހެޅުމުން، މަޖިލީހުގެ މެމްބަރުންގެ ކަންބޮޑުވުންތަކާ ހެދި އެ ބިލް އަނބުރާ ގެންދިޔަ ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އޭރު ވެސް ހުށަހެޅި އިސްލާހުތަކަކީ އެ ގާނޫނު ހަރުދަނާ ކުރުމުގެ ގޮތުން ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މިއަހަރު ވެސް އިސްލާހު ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ މެމްބަރުން އޭރު ފާހަގަ ކުރެއްވި ނުކުތާތަކަކީ ގާނޫނުގައި ހުރި ބައިތައް އެހާ ރަނގަޅަކަށް ނުބައްލަވާ ފާހަގަކުރި ނުކުތާތަކެއް. އަޅުގަނޑުމެން ހުށަހަޅާ ބިލުގައި އޮންނަނީ އެކަންކަން އިތުރަށް ހަރުދަނާ ކުރަން،" އަނިލް ވިދާޅުވި އެވެ.

ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދަން އެސެޓް ރިކަވަރީގެ ބިލެއް ވެސް މިއަހަރު މަޖިލީހަށް ހުށަހަޅާނެ ކަމަށް އަނިލް ވިދާޅުވި އެވެ. ދައުލަތަށް ޚިޔާނާތްތެރިވާ ބައެއް މީހުން އަމަލުކުރާ ގޮތުން، ގެއްލޭ ފައިސާ އަނބުރާ ހޯދަން ދަތިތަކެއް ދިމާވާ ކަމަށާއި އެސެޓް ރިކަވަރީގެ ބިލުން އެކަންކަން ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން ޚިޔާނާތްތެރިވެފައި ހުރި ފައިސާ އެބަހުރި އެ މީހާގެ ނަން ނޫން އެހެން މީހުންގެ ނަން ނަމަށް ބަދަލުކޮށްފައި. ތިން ވަނަ ފަރާތެއްގެ ނަމުގައި ހުންނާތީ އެ ފަރާތްތައް މެދުވެރިކޮށް އެ ތަކެތި ހޯދަން އަޅުގަަނޑުމެން ކަޑައްތު ކުރަންޖެހޭ މަގު ތަންކޮޅެއް އެބަ ދިގުވޭ. އެހެންވީމަ އެކަން ދުނިޔޭގެ ގާނޫނުތަކުގައި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބަދަލު ކުރަން އެސެޓް ރިކަވަރީގެ ބިލެއްގެ މި މަސައްކަތް ކުރަނީ،" އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ބިލެއް މިއަހަރު ފެށުމާ އެކު، މިހާރު މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ބިލެއް ވެސް މިއަހަރު މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 9%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގާނޫނު

11 January 2018

"އެންމެ ބޮޑު ބަދަލެއް ގެންނާނީ ކޮރަޕްޝަންގެ ކުށްތައް ކަނޑައެޅުމުގެ ބަޔަކަށެވެ." އިންތިހާބީ ސްޓަންޓެއް.

The name is already taken The name is available. Register?

ފޮންދުބުރިމާ

11 January 2018

އަނިލް އަޅުގަޑު ބޭނުންވޭ ނުކުޅެދޭ މީހުންނަށްވެސް ހަރުދަނާ ގޮތަކަށް ޤާނޫނެއް އޮންނަން މިކަމަށް މަނިކުފާނުގެ އެހީތެރިކަމަށް އެދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454