ޑޭވިޑް ބެކަމް: އޭނާގެ ކޮސްމެޓިކް ލައިން "ހައުސް 99" އަންނަ މަހު ނެރޭނެ.
13 ޖެނުއަރީ 2018 - 05:36
ފުޓްބޯޅަ އަށް ލޯބި ކުރާ ފިރިހެނުންނަކީ އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ސްޓައިލް ވަރަށް ބޮޑަށް ފޮލޯ ކުރާ ބައެކެވެ. އެގޮތުން އޭނާގެ ހެއާ ސްޓައިލް ފަދަ ކަންކަން ކޮޕީ ކުރާ މީހުން ގިނަ އެވެ.
ފުޓްބޯޅައާ ފެއަށް ޖެހިލައި، ބައެއް ފިލްމްތަކުގައި އެކްޓް ވެސް ކުރަމުން އަންނަ ބެކަމް މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކޮސްޓެމިކް ލައިން "ހައުސް 99" ލޯންޗް ކުރުމަށެވެ. މިއީ އޭނާގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ބޭންޑް ސްޕައިސް ގާލްސްގެ މެމްބަރު ވިކްޓޯރިއާ ފަދައިން ފެޝަން އާއި ބިއުޓީގެ ދާއިރާއިން ހިނގަން ކުރާ ކަމަށް ވެސް ވެދާނެ އެވެ.
ބެކަމްގެ ބްރޭންޑް އަންނަ މަހުގެ ތެރޭގައި އާންމުންނާ ހަމައަށް ގެނެސް ދެނީ ފްރާންސްގެ މަޝްހޫރު ކޮސްމެޓިކް ކުންފުނި ލޯރިއަލްއާ ގުޅިގެންނެވެ.
"ހައުސް 99" އާ ގެ އިޝްތިހާރެއް.
"ހައުސް 99" ގެ ބްރޭންޑްގެ ދަށުން 21 އުފެއްދުމަށް ބާޒާރަށް ނެރޭ އިރު، އޭގެ ތެރޭގައި ޝޭމްޕޫ އާއި ލޯޝަން ހިމެނެ އެވެ. އަދި ތުނބުޅި އާއި ޓެޓޫ ޖަހާފައި ހުންނަ ހަމަށް ހާއްސަ އުފެއްދުންތައް ވެސް ހިމެނެ އެވެ.
"އަހަންނަކީ އަބަދުވެސް އިސްތަށިގަނޑު ވަރަށް ރީތިކޮށް ގެންގުޅެން ބޭނުންވާ މީހެއް. ހީވަނީ އެއީ މަންމަގެ ފަރާތުން ވާރުތަ ކުރި ކަމެއްހެން،" ހަތަރު ކުދިން ތިބި 42 އަހަރުގެ ބެކަމް ބުންޏެވެ. "ވަރަށް ކުޑައިރުއްސެރެ ވެސް އަހަންނަކީ އިސްތަށިގަނޑަށް ވަރަށް ގޮތްގޮތަށް ހަދަން ބޭނުންވި މީހެއް."
އޭނާ ބުނީ "ހައުސް 99" ގެ އުފެއްދުންތަކަކީ ފިރިހެނުންނާ ވަރަށް ގުޅޭ ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއް ކަމަށެވެ. އެހެންވެ މިއީ ބޭނުންކޮށްލަން ފަސޭހަ އަދި އުފާވެރި އިހުސާސްތަކެއް ގެނުވައި ދޭނެ އުފެއްދުންތަކެއް ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy