ޒައިނަބް މަރާލުމާ ގުޅިގެން ޕާކިސްތާނުގެ ސިވިލް ސޮސައިޓީ އެކްޓިވިސްޓުން އިހްތިޖާޖް ކުރަނީ. --ފޮޓޯ:އޭއެފްޕީ
13 ޖެނުއަރީ 2018 - 20:56
އިސްލާމްއާބާދު (ޖެނުއަރީ 13) - ޕާކިސްތާނުގައި ރޭޕްކޮށް މަރާލި ޒައިނަބް އަންސާރީ ވަގަށް ނެގި ކަމަށް ބެލެވޭ މީހާގެ އާ ވީޑިއޯ ފުޓޭޖެއް ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
ޑޯން ނޫހުން ބުނީ ހަތް އަހަރުގެ ޒައިނަބްއާ އެކު ހިނގާފައި ދިޔައީ ތުނބުޅިއެއް ލާފައި ހުރި މީހެއް ކަމަށެވެ. އޭނާ ހުރީ ކަޅު ތޮތްޕެއް އަޅައިގެން އަދި ބްރައުން ޖެކެޓެއް ލައިގެން ކަމަށް ބުންޏެވެ. މި މީހާއާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. ފުލުހުން ބުނީ ފަހުގެ ވީޑިއޯ ފުޓޭޖް ސާފުވުމުން ގާތިލް ހޯދުމަށް މަގު ފަހިވާނެ ކަމަށެވެ.
ޒައިނަބް ގެއްލިފައި ވަނީ ޖެނުއަރީ 4 ވަނަ ދުވަހު އޭނާގެ ބޮޑުދައިތައެއްގެ ގެއަށް ގުރާން ކިޔަވަން ދިޔަ މަގުމަތީގަ އެވެ. ޒައިނަބް ގެއްލުނުތާ ފަސް ދުވަސް ފަހުން، ޖެނުއަރީ 9 ވަނަ ދުވަހު ވަނީ، މަރާލާފައި ކުނިގޮނޑަކަށް އެއްލާފާއި އޮއްވާ ބަޔަކަށް ފެނިފަ އެވެ. ރޭޕް ކުރުމަށް ފަހު ޒައިނަބް މަރާލާފައި ވަނީ ކަރުގައި ހިފައިގެންނެވެ.
ޕަންޖާބް ފޮރެންސިކް ސައެންސް އެޖެންސީން މިހާރު ވަނީ ކުށުގެ ވެށިން ސާމްޕަލް ނަގައިފަ އެވެ. ޕަންޖާބް ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ވިދާޅުވީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުން ވަނީ ޑީއެންއޭ ޓެސްޓްތައް ހަދާ އޭގެ ނަތީޖާ ލިބިފައި ކަމަށެވެ. އަދި ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒައިނަބުގެ ޕޯސްޓްމޯޓަމް ރިޕޯޓް ދައްކާ ގޮތުން އެ ކުއްޖާ އަށް ވަނީ ވަރަށް އަނިޔާކޮށްފަ އެވެ. ހަށިގަނޑަށާއި މޫނަށް އަނިޔާދީފައިވާ އިރު ކަނދުރާ މަތިން ކަށިގަނޑެއްގައި ވަނީ ރެނދުލައިފަ އެވެ.
ޒައިނަބް ގެއްލުނު އިރު އޭނާގެ ބައްޕަ އަންސާރީ ވަނީ އުމްރާއަކަށް ގޮހެވެ. އޭނާ ބުނީ ޒައިނަބް ގެއްލުމާ އެކު އެ ކުއްޖާ އަވަހަށް ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ނަމަ ޒައިނަބް ފެނުނީސް ކަމަށެވެ.
ޒައިނަބުގެ މަރާ ގުޅިގެން ކަސޫރް ސިޓީގައި ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. ކަސޫރުގެ ފުލުހުން ބުނީ ވޭތުވެދިޔަ ދެ އަހަރު ތެރޭ މި ގޮތަށް 12 ކުއްޖަކު މަރާލާފައިވާ ކަމަށެވެ. މީގެ ތެރޭން ފަސް ކުއްޖެއްގެ މަރަށް ތުހުމަތު ކުރަނީ އެކެއްގެ މައްޗަށެވެ. އޭނާ ހޯދަން އެތައް ސަތޭކަ ފުލުހުންނެއް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތުހުމަތު ކުރެވޭ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ވަނީ ނަގައިފަ އެވެ.
ޕަންޖާބު ސަރުކާރުން މިހާރު ވަނީ ޒައިނަބުގެ ގާތިލް ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް 10 މިލިއަން ރުޕީސް (90،000 ޑޮލަރު) ގެ އިނާމެއް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
14 January 2018
ޕާކިސްތާނު ފުލުހުންނަކީ ހާދަ ކަމެއްނުވާ ބައެކޭދޯ؟ ތިހެން ގާފޮރޮޅަ ފުރޮޅާ ތިއްބާ 12 ކުދިން މަރައިފި...ވީކަމެއް ހަރާން، ތިދެވީޑިޔޯއިން ފެންނަ ދެމީހުންގެ ސިފަ ވަރަށް ތަފާތު
Zaul
13 January 2018
ތުނބުޅި އެއް ލާފައޭ؟ ހޯދަން އިއުލާން ކޮށް ކުރަހާފަ ހުރި މީހާ ވެސް ނެތް ތުނބުޅި އެއް
ޒައުލް
14 January 2018
ކަލޭ ކޮމެންޓްކޮށްބަ ދެލޯހުޅުވައިގެން ކިޔާފަ.