ތައިލެންޑްގެ ސިންގް އެސްޓޭޓުން ތަރައްގީކުރާ އެނބޫދޫފަޅު އިންޓަގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓްގައި ހިމެނޭ ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ ގޮތުން ބޭއްވި ހާއްސަ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަނީ.
17 ޖެނުއަރީ 2018 - 14:42
ކ. އެނބޫދޫފަޅު ތަރައްގީކުރުމުގެ މަޝްރޫއުން ދައްކައިދެނީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެ އަށް އޮތްކަން ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ތައިލެންޑްގެ ސިންގް އެސްޓޭޓުން ކްރޮސް ރޯޑްސްގެ ނަމުގައި ތަރައްގީކުރާ އެނބޫދޫފަޅު އިންޓަގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓްގައި ހިމެނޭ ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް އާޓްގެލެރީގައި ބޭއްވި ހާއްސަ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެ އަށް އައިސް އިންވެސްޓްކުރަން ބޭނުންވާ އިންޓަނޭޝަނަލް ފްރެންޗައިސް ބްރޭންޑްތައް ސިންގް އެސްޓޭޓުން ދައްކައިދީފި ކަމަށެވެ.
"ކުރު ގޮތަކަށް ދަންނަވަންޏާ މިއިން ދޭހަވަނީ ދިވެހިރާއްޖެއާ މެދު ބައިނަލްއަގުވާމީ ދުނިޔޭގައި މި ވަގުތު އޮތް އިންވެސްޓާ ކޮންފިޑެންސް [އިތުބާރު]. އެއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކްރޮސް ރޯޑްސް ޕްރޮޖެކްޓަކީ ރާއްޖެ އަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. މިއީ ރާއްޖޭގައި ހިންގާ މިފަދަ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓެވެ.
އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެ މަޝްރޫއަކީ ރާއްޖޭގެ ޓޫރިޒަމްގެ 45 އަހަރުގެ ތެރޭގައި އަންނަ އެންމެ ވަރުގަދަ މަޝްރޫއު ކަމަށެވެ. އަދި އެކަން ވެގެންދަނީ ދުނިޔޭގެ އެކިކޮޅުތަކުގެ މަޝްހޫރު ބްރޭންޑްތަކުގެ ލޯ އަމާޒުވެގެންދާ މަޝްރޫއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ފޯރަމްގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ވިޔަފާރިތަކާ ގުޅިގެން ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު އަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށެވެ. އަދި މިދިޔަ ހަތަރު އަހަރަކީ ޓޫރިޒަމް ދާއިރާ އަށް އެންމެ ފަހި ދުވަސްތައް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy