ފުއާދުގެ ހަ އަހަރުގެ ދަރިފުޅު: އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ލަންކާގައި
23 ޖެނުއަރީ 2018 - 12:03
އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން ހާލު ސީރިއަސްވި ކުޑަކުއްޖާ އަށް އަދިވެސް ވާހަކަ ނުދެއްކޭ ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފި އެވެ.
ހަ އަހަރުގެ އައިޝަތު މިޝްޔާ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައުމުންނެވެ. އަދި އެއީ އާދައިގެ ހުމެއް ކަމަށް ބަލައި ހަތަރު ދުވަސް ވާންދެން އެތަނުގައި ފަރުވާ ދިން ނަމަވެސް ހާލަތަށް ބަދަލެއް އައުމުން ފަހުން ސްރީލަންކާ އަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނެވެ.
އަދި މިހާރު އޭގެ ފަހުން މަހެއްވާން ގާތްވެފައިވާއިރު އަދިވެސް މިޝްޔާ އަށް ވާހަކަ ނުދެއްކޭ ކަމަށް އޭނާގެ ބައްޕަ ފުއާދު އަހުމަދު ބުންޏެވެ. ބޭރަށް ގެންދިޔައިރު އެ ކުއްޖާގެ ލޮލާއި އަނގަ ނުހުޅުވޭ ކަމަށާއި ތަނެއްގައި އިށީނދެ ވެސް ނީނދެވޭ ކަމަށް އޭނާ ބުންޏެވެ.
"މިކޮޅަށް ގެނެސް ފަރުވާދޭން ފެށިފަހުން މިހާރު ހާލު ކުރިއަށް ވުރެ ރަނގަޅު. ކޮޅަށް ނުހުރެވުނު ނަމަވެސް ދެ މިނިޓެއްހާއިރު އިށީނދެގެން އިނދެވޭ. އަނގަ ވެސް ހުޅުވިއްޖެ. އެކަމަކު އަދިވެސް ވާހަކައެއް ނުދެއްކޭ،" ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ދަރިފުޅުގެ ހާލާ ބެހޭގޮތުން ފުއާދު ބުންޏެވެ.
އޭނާ ކުރިން ބުނިގޮތުގައި ދަރިފުޅު ހުން އައިސްގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ދުލާއި ކަރުތެރެ ވަނީ ވަރަށް ބޮޑަށް ހުދުވެފަ އެވެ. އެކަމަކު އެއީ އާދައިގެ ހުމެއް ކަމަށް އައިޖީއެމްއެޗުން ނިންމައި، ގަދަކަމުން ނަމަވެސް އެ ކުއްޖާ އަށް ކާންދޭން އެންގި ކަމަށް އޭނާ ބުންޏެވެ.
ފުއާދު ބުނީ މިޝްޔާ އެ ހާލުގައި ހަތަރު ދުވަސް ވާންދެން އޮތް ކަމަށާއި އެކަމަކު ހަށިގަނޑުގެ ހަރަކާތް ކެނޑި ހާލު މާ ގޯސްވާން ފެށުމުން އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ޑޮކްޓަރުގެ ހުއްދަ އަށް އެދުނު ކަމަށެވެ. އެކަމަކު ކުޑަކުޑަ ކަމެއް ބޮޑު ކުރަނީ ކަމަށާއި ބޭރަށް ގެންދިޔުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ ޑޮކްޓަރު ރުޅިގަދަވެގެން އޭނާއާ ވާހަކަ ދެއްކި ކަމަށް އޭނާ ބުންޏެވެ.
"ނަވަލޯކާ ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރުންނަށް ދެއްކުމުން އެ މީހުން ބުނީ ދަރިފުޅުގެ ކަރުތެރެ ވަަރަށް ބޮޑަށް އިންފެކްޓްވެފައިވާ ކަމަށް. މި އިންފެކްޝަންގެ ސަބަބުން ސިކުނޑި އަށް އެކަށީގެންވާ ވަރަށް ލޭ ނުފޮނުވި ސިކުނޑިން ސިިގްނަލް ފޮނުވުން ހުއްޓިފައިވާ ކަމަށް ވެސް ބުނި،" ފުއާދު ބުންޏެވެ.
ދަރިފުޅަށް އިހުމާލުވި ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އައިޖީއެމްއެޗުން ވެސް މިހާރު އަންނަނީ މި ކަން ހިނގައިދިޔަގޮތް މިހާރު ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަދީމް އަޙްމަދު
23 January 2018
4 ދުވަސް ހޮސްޕިޓަލުގަ ބާއްވަން ޖެހޭނީ އާދައިގެ ހުމަކަށްވުރެ ބޮޑުވަރު ވީމާ ކަމަށް ޤަބޫލުކުރެވެނީ!
ޗިކުސް
23 January 2018
މައުސޫމް ކުޑަކުއްޖާ ބަލިން ފަސޭހަ ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެންވާފާންދޭވެ.
އަދީބު
23 January 2018
މިކަން ދިމާވީ ގޮތް އެނގުމުން އެކަމާ ދެރަވަން. މިޝްޔާއަށް އަވަސް ޝިފާއަކަށް އެދެން. މިޝްޔާގެ ބެލެނިވެރިން ވީހާ ވެސް ގިނައިން މިޝްޔާއަށް ވާހަކަ ދައްކާ އަޑު އިއްވުން މުހިއްމު. މި އުމުރަކީ ވާހަކަ ދައްކަން ބޭނުންވެ އެކަންކަން ދަސްކުރަމުންދާ ދުވަސްވަރު. އެހެންކަމުން، ވާހަކަ ދައްކާ އަޑު ނީވޭ ނަމަ ވާހަކަ ދައްކަން އުނދަގޫ ވާނެ. މިޝްޔާގެ ހާލަތު ރަނގަޅުވާއިރަށް ވެސް އޭނާއަށް ވެސް ވާހަކަ ދެއްކޭނީ އޭނާ ކައިރީގައި އުޅޭ މީހުން ވެސް ވާހަކަ ދައްކާ އަޑު އިވޭނަމަ. އަމުދުން ސިކުނޑީގެ ކަމަކަށް އަސަރު ކޮށްފިނަމަ، ވާހަކަދެއްކުމަށް އުނދަގޫ ވެދާނެ ކަމަށް ޓަކައި، މިޝްޔާއާ ވާހަކަދެއްކުން ވަރަށް މުހިއްމު. އުއްމީދަކީ މިޝްޔާއަށް އަވަސް ޝިފާއެއް ލިބި އާންމު ޙާލަތަށް އައުން.
ަޢަލީ 222
23 January 2018
ކޮންމެވެސް ފަރާތަކުން އެބަޖެހޭ ކުޑަކުދިންނަށް އިހުމާލުވާ މިފަދަ މީހުންގެ މަޢުލޫމާތު ހާމަކުރަން. ޑޮކްޓަރު ކިޔާތީ ހުރިހާ ކަމެއް ފުރިހަަމަވީ. ވާނުވާ ނޭނގޭ ޑިގްރީ ނަގައިގެން ޕޭޝަންޓުގެ މައްސަލަ ދެނެގަންނަން ނޭނގުނީމާ ދެން އެޕޭޝަންޓު ކުށްވެރި މިވަނީ. ތަދުވަނީއޭ ބުނާއިރަށް "ތިޔައީ އެއްވެސް ކަމެއް ނޫނޭ " ބުނެ ނިންމާލަނީ ކަންކަން ނޭނގޭތީ. ކުޑަކުދިންނަށް އިހުމާލުވާ ޑޮކްޓަރުންގެ ލައިސަންސް ބާތިލް ކުރުމަށް ގޮވާލަން. ގޫގުލް ޑޮކްޓަރުން ބޭނުމެއް ނޫން.
ޝެހޭ
23 January 2018
ގިނަ މީހުން ދެކޭގޮތުގައި ޚަރަދު ކުޑަކޮށް ޑާލިޔަން ޑިގްރީއެއް ނަގައިގެން ޑޮކްޓަރު ކިޔާލެވުނީމަ ނިމުނީ. ޑޮކްޓަރު ކަމަކީ ޝަރަފެއްނޫން. ބޮޑު ޒިންމާއެއް. އެހެން ހުރިހާ ޕްރޮފެޝަންތަކުގެ މީހުންނަށްވުރެ މީހުންގެ އިހްސާސްތައް ދެނެގަނެ މީހުންނަށް ކަމޭހިތާ ބަޔަކަށް އެމީހުން ވާން ޖެހޭނެ. ޜާއްޖެއިން މި މަންޒަރު މަދުން ނޫނީ ނުފެނޭ. ޙައްތާވެސް “ޑޮކްޓަރުން” ފެންނަނީ!