ކާޑެއްދޫ އެއާޕޯޓު: އެ އެއާޕޯޓް ވިލާ އަތުން އަތުލި މައްސަލަ ކޯޓުގައި ދަނީ ހިނގަމުން-- ފޮޓޯ: ފްލައިޓް ފޯރަމް
25 ޖެނުއަރީ 2018 - 16:15
ވިލާ ކުންފުންޏަށް ދޫކުރި ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލި މައްސަލާގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދަން ކޯޓަށް ދާން ތައްޔާރު ވަމުން އަންނަ ކަމަށް ވިލާއިން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ފަހު، އެތަން މިދިޔަ އަހަރު ސަރުކާރުން ވަނީ އަތުލައިފަ އެވެ. އެ މައްސަލާގައި ބަދަލު ހޯދަން ކޯޓަށް ދާނެ ކަން ވިލާއިން ހާމަކުރީ އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
ވިލާގެ ބަޔާނުގައިވާ ގޮތުން، އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ގަވާއިދާ އެއްގޮތަށް ހިންގަމުން އަންނަނިކޮށް، މިދިޔަ އަހަރުގެ ކުރީކޮޅު ސަރުކާރުން އެތަން އަތުލީ އެއްބަސްވުމާ ޚިލާފަށެވެ. އަދި އެއާޕޯޓް ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުން ދޭން އެއްބަސްވި ރަށް ވެސް ސަރުކާރުން ނުދޭ ކަމަށާއި އެއީ އެކަމުގެ ބަދަލު ވިލާއަށް ލިބެންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެ އެވެ. ގެއްލުމުގެ ބަދަލު ހިސާބު ކުރަނީ އެ އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 50 އަހަރަށް ކަމަށް ވެސް ވިލާއިން ބުނެ އެވެ.
"އަޅުގަނޑުމެން ލަފާ ކުރާ ގޮތުން 50 އަހަރު ދުވަހަށް ބަލާއިރު އެއީ މަދުވެގެން 100 ވަރަކަށް މިލިއަން ޑޮލަރުގެ ގެއްލުމެކެވެ. ވިލާ އެއާއިން މި ބޮޑު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރީއަތަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ،" ވިލާގެ ބަޔާނުގައިވެ އެވެ.
ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލަ ސިވިލް ކޯޓުގައި މިހާރު ދަނީ ހިންގަމުންނެވެ. އެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ، އެތަން އަތުލުން މަޑުޖައްސާލަން ސިިވިލް ކޯޓުން ދައުލަތުގެ މައްޗަށް މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުނެވެ. އެކަމަކު އެ އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އަމުރު ބާތިލްކޮށްފަ އެވެ.
ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލާގައި ބޮޑު ބަދަލެއް ހޯދަން ދައުލަތާ ދެކޮޅަށް ކޯޓަށް ދާނެ ކަން ވިލާއިން މިއަދު ހާމަ ކުރިއިރު ސަރުކާރުން ވަނީ ވިލާގެ އެކި ކުންފުނިތައް އަތުން 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހޯދަން ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން ވިލާގެ ބައެއް ކުންފުނިތަކުގެ ރިސޯޓްތަކަށް ގަވާއިދާ ޚިލާފަށް ބަނގުރާ ގެންދިޔަ ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން ވަނީ ވިލާގެ ފަސް ރިސޯޓަކަށް އަރައި، އޭގެ ތެރެއިން އެއް ރިސޯޓުގައި ހުރި ރާތައް ހިފަހައްޓައިފަ އެވެ. ސަރުކާރުން ބުނެފައިވަނީ އެތަންތަން ފާސްކޮށް، ބައެއް ތަކެތި ހިފެހެއްޓީ ޓެކްސް ނުދައްކާތީ އެ ކުންފުނިތަކަށް ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުން ހުއްޓާލާފައި ވަނިކޮށް ގަވާއިދާ ޚިލާފަށް އެ ރިސޯޓްތަކަށް ރާ ގެންދިޔަކަމުގެ ތުހުމަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
26 January 2018
އެބަ ރަނގަޅުވޭ.... ހުރިހ ދޮރެއްގައި ޓަކި ޖަހަން ޖެހޭ
އުމަރު
25 January 2018
މިހާރު މިއޮތީ އަނެއް އަތަށް އަޅާފައި، ދެން އެކަކުވެސް ނުބުނާތި ކީއްވެގެންތޯ ގާސިމްގެ ކުންފުނިން 100 މިލިއަން ހޯދަން އެއުޅެނީ، ވިޔަފާރި އަދި މީސްމީހުން އެތަކެއް ޒަމާނެއްވަންދެން ހިންގާ ވިޔަފާރި ދައުލަތުގެ ވަކި ބަޔަކު ދައުލަތުގެ ސިއްކަ ބޭނުންކޮށްގެން މިޒަމާނަކު ނިގުޅައެއްނުގަނެވޭނެ، މިކަމުގެ ޒިންމާ ނަގަންޖެހޭނީ ދައުލަތުގެ ނިޝާން ބޭނުންކޮށްގެން އަމިއްލަ ވިޔަފާރިތަށް ނައްތާލަން އުޅުނު މީހުން، ސަރުކާރުން ކޮންޓްރެކްޓެއް ދީފިއްޔާ އެއަށް އަމަލުކުރަންޖެހޭ، ސަރުކާރަށް ބޭނުންވެގެން އެފަދަ އެގްރީމެންޓެއް ބާތިލްކޮށްފިއްޔާ އޭގެ ބަދަލުދޭންޖެހޭ، ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ސަރުކާރުން ދޭންޖެހުނު، އެއީ ނުރަގަނޅު ނިންމުންތަކެއް އެއާޕޯޓް ކޮމްޕެނީގެ ބޯޑުން ނިންމީތީ، ގދ.ކާޑެއްދޫ ސަރުކާރަށް ނެގި މައްސަލައިގައި 100 މިލިއަން ޑޮލަރު ހޯދުމަށް ވިލާއިން ދައުވާކުރީމަ އެކަން އާކަމަކަށްވެގެން އުޅެގެންނުވާނެ، އެއީ އެކަން އޮންނަގޮތަކީ
އަލީ ރިޔާޒު
25 January 2018
އަނެއްކާ އަޒިމާ ޓީވީޔައް އަރާ ބުނާނެ އުފެދުމުގައި ވެސް ބާތިލް އެގްރިމެންޓެކޭ. ދެން ސަރުކާރުން ފިއްތައިގެން ލާރި ދައްކަންޖެހޭ ތަން ފެންނާނީ. ކުޑަވެސް ދުލެއް ނުދޭތި ގާސިމް. ހުޅުމާލެން އަތުލި ބިންތަކައްވެސް ދައުވާކުރަންޖެހޭނެ. އެމީހެއްގެ ހައްގު އެމީހަކު ހޯދަން މަސަތްކަތްކުރަންޖެހޭނެ. ނަމަވެސް މިކަމުގައި އަޅުގަނޑު ދެރަވާކަމަކީ ރައީސް ޔާމިނުގެ މިސްޓޭކްސް ރަގަޅޫކުރަން މިޖެހެނީ ނިކަމެތިރައްޔިތުންގެ ޓެކްސް ފައިސާއިން.
ނުފޫޒު
25 January 2018
ނުފޫޒުން ހޯދާތަކެތި ނެތިދާނީ ހަމަ ވަޔަށް.
ނާއިމާ
25 January 2018
ނުވާނެތިކަމެއް އެހެންބަޔަކު ވެރިކަމަށް އެރިޔަސް ގާސިމަށްވާނީ ތިވަރު އެހެންބަޔަކު ވެރިކަމަށްއެރީމަ ގާސިމަށް ތިލާރިގަނޑު ހޯދަދޭތޯ މަބަލާނަން
ކޮންތާކު
25 January 2018
ކޮންތާކު އޮތް ކޯޓެއް؟
ނައީމާ
25 January 2018
ދެންކިހާދެރަކަމެއްތަމީ! ހެދިފަހުންނަ އެއްބަސްވުމާއި ގަވާއިދާއިގާނޫނެގެ ބޭރުން ކަންތައްތައްކުރީމަ އަހަރުމެން ނިކަމެތި ރައްޔިތުން / ދިވެހި ދައުލަތުގެފައިސާ އިން އަގުދައްކަންމިޖެހެނީ.
ޖޫން
25 January 2018
ކޮންމެވެސް ދުވަހަކުން ހައްޤު ލިބޭނެ އެވެ.އަދި ދައުލަތަށް ތި ގެއްލުން ވާގޮތަށް ކަންކަން ކުެާ ފަރާތް ތަށް ޒިންމާވާން އެދުވަހު ޖެހޭނެއެވެ