ބީއެމްއެލްގެ ސީއީއޯ އެންޑްރޫ (ވ) ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ވިލިމާލޭގައި އިއްޔެ ފައްޓަވައި ދެއްވަނީ.
07 ފެބުރުއަރީ 2018 - 13:04
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް އިއްޔެ ހުޅުވައި ޚިދުމަތް ފަށައިފި އެވެ.
ބީއެމްއެލް ސެލްފް ސާވިސް ސެންޓަރުގައި ހުންނަ އޭޓީއެމް މެދުވެރިކޮށް، އަމިއްލަ މީސްމީހުންނާއި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ޚިދުމަތް ވިލިމާލޭގައި މިހާރު 24 ގަޑިއިރު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ވިލިމާލެ އަށް ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ތައާރަފު ކުރުމާއެކު، އެ އަވަށުގެ ބީއެމްއެލްގެ ބްރާންޗަށް ވެސް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފަ އެވެ.
ބީއެމްއެލް އިން ވިލިމާލެ އަށް ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ތައާރަފް ކުރީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުންނެވެ.
ވިލިމާލެ އަށް ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ތައާރަފު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވާހަކަ ދައްކަވަނީ.
މާލޭގެ ފަސްވަނަ އަވަށް، ވިލިމާލެ އަށް ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ވިލިމާލޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ކުރިމަގުގައި ޚިދުމަތް ދޭނީ ސެލްފް ސާވިސް ބޭންކިންގެ އިތުރުން ބީއެމްއެލްގެ ޒަމާނީ ބްރާންޗަކުން ކަމަށެވެ.
"ސެލްފް ސާވިސް ބޭންކިން ސެންޓަރާއެކު ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް ހިދުމަތް ލިބިގެން ދާނީ އެންމެ ޒަމާނީ ބްރާންޗަކާއި 24 ގަޑިއިރު ހިދުމަތް ލިބޭ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލް އިން މިހާރު 20 އަތޮޅެއްގައި 34 ބްރާންޗް ހިންގަމުން ދާއިރު، 34 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 93 އޭޓީއެމް އަދި 4،900 ޕީއޯއެސް މާޗަންޓުންގެ އިތުރުން 205 ކޭޝް އެޖެންޓުންގެ ޚިދުމަތް ފޯރުކޮށްދެ އެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އަމާޒަކީ، ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު މާހިރު
07 February 2018
ވަރަށް ދުވަސް ވެއްޖެ ތިކަމުގެ އިންތިޒާރުގަ ހުންނަތާ، ބޭންކް އޮފް މޯލްޑިވްސް އިން ރައްޔިތުންނަށް ކޮއްދެއްވާ ފަސޭހަތަކަށް ވަރައްބޮޑަށް ސުކުރު ދަންނަވަމެވެ. ޙާއްސަކޮށް މިހާރުގެ ސީއީއޯއަށް ވެސްއެވެ.