ކުޅިވަރު / ޓޮޓެންހަމް

ފަރަގު ބޮޑުވިޔަސް ޗެމްޕިއަންކަން ޔަގީނެއް ނޫން: ގާޑިއޯލާ

11 ފެބުރުއަރީ 2018 - 09:47

މެންޗެސްޓާ (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 5-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ އަށް ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ލިބުނު ނަމަވެސް ލީގު ޗެމްޕިއަންކަން ޔަގީން ނުވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 27 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެ ޓީމު ރަށުންބޭރުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ރޭ އަމިއްލަ ދަނޑުގައި އާސެނަލްގެ މައްޗަށް 1-0 އިން ކުރި ހޯދުމަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 27 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ.

ރަހީމް ސްޓާލިންގެ ލަނޑުން ސިޓީ ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާ އަށް ހަމަހަމަ ކޮށްދިނީ ޖޭމީ ވާޑީ އެވެ. ދެ ވަނަ ހާފުގައި ސިޓީން މޮޅުކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މިއާ އެކު ލީގުގައި އޭނާގެ ލަނޑުގެ އަދަދު ވަނީ 21 އަށް އަރައިފަ އެވެ.

ރޭގެ މެޗަށް ފަހު ގާޑިއޯލާ ބަނީ އަގުއޭރޯ އަށް ތައުރީފް ކޮށްފަ އެވެ.

"އަގުއޭރޯ އަކީ ސިޓީގެ ލެޖެންޑެއް. އެއް މެޗެއްގައި އަދި އަމުދުން އެއް ހާފެއްގައި ހަތަރު ގޯލު ޖެހުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު އަގުއޭރޯ ފަދަ ހުނަރުވެރި ކުޅުންތެރިޔަކަށް ގިނައިން ފުރުސަތުދޭނަމަ މި ކަހަލަ މަންޒަރު ގިނައިން ފެންނާނެ،" ގާޑިއޯލާ ބުންޏެވެ.

މީޑިއާގައި ސިޓީ އަކީ ޗެމްޕިއަން ގޮތުގައި ލޭބަލް ކުރުމަކީ ސިޓީން އެ ކަމަށް ވިސްނާނެ ކަމެއް ނޫން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"އަހަރެން ކުޅުންތެރިން ގާތުގައި ބުނިން ބާކީ އޮތީ ކިތައް މެޗުތޯ ނުވިސްނަން ބަލަންވީ އަބަދުވެސް ކުރިއަށް އޮތް މެޗަށް. ޕޮއިންޓުގެ ފަރަގު ބޮޑުވިޔަސް އަހަރެމެންނަކީ އަދި ޗެމްޕިއަންކަމަށް ބަލައިގެން ނުވާނެ،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗު ކޮށްދިން ގާޑިއޯލާ ބުންޏެވެ.

ރޭ ޓޮޓެންހަމާއި އާސެނަލް ކުޅުނު މެޗު ބަލަން ލަންޑަންގެ އޮލިމްޕިކް ސްޓޭޑިއަމަށް ވަނީ 83،222 މީހުން ވަދެފަ އެވެ. މިއީ ޕްރިމިއާ ލީގުގެ އާ ރެކޯޑެކެވެ. މި މެޗުގެ ދެ ވަނަ ހާފް ފެށިތަނާ ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ހެރީ ކޭން އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް އަށް ނަތީޖާ ހަމަހަމަ ކުރަން ހުސް ދެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަަވެސް ދެ ފުރުސަތު ވެސް އޭނާ އަތުންވީ ބޭކާރެވެ.

މި މެޗުން ބަލިވުމުން ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ސީޒަން ނިންމާލުމަށް އާސެނަލަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މި ވަގުތު ހަތަރު ވަނައިގައި އޮތް ލިވަޕޫލާއި ހަ ވަނައިގައި އޮތް އާސެނަލާ ދެމެދު ހަ ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ. އެހެން ނަމަވެސް މިރޭ ރަށުންބޭރުގައި ސައުތެމްޓަން އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ ގަދަ ހަތަރަކާ އާސެނަލާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަތް ޕޮއިންޓަށް ބޮޑުވާނެ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454