ދަރުބާރުގޭގައި ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިއާސީ ބަޔާން އިއްވަވައިދެއްވަނީ. --ފޮޓޯ ރައީސް އޮފީސް
22 ފެބުރުއަރީ 2018 - 08:32
ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ހިމެނޭ ރިއާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކުރާ ކަމެކެވެ.
ރިއާސީ ބަޔާނަކީ އާންމު ގޮތެއްގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭ އެއްޗަކަށް ވުމުގެ އިތުރުން، އެ ހާލަތުގެ މައްޗަށް ބަލައި ގައުމު ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ ސިޔާސަތުތައް އާންމު ރައްޔިތުންނާ ހިއްސާކުރާ އެއްޗެކެވެ. ނަމަވެސް ރޭ ރައީސް އަބްދުﷲ ޔާމީން އިއްވެވި މި އަހަރުގެ ރިއާސީ ބަޔާނުން، ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ.
ރާއްޖޭގައި ސިޔާސީ ހަމަނުޖެހުމެއް ބޮޑުވެ، ގާނޫނުއަސާސީއާ ޚިލާފަށް އެތައް ކަމެއް ހިނގައި، ރައްޔިތުންގެ އެތައް މަސްލަހަތެއް ގެއްލި، ގިނަ ހައްގުތަކެއް ސަރުކާރުން ހިފަހައްޓާފައިވާ އިރު، އެ ކަންކަމަށް ރިއާޔަތް ކުރައްވައ ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތާ މެދު އެއްވެސް އެއްޗެއް ވިދާޅުނުވުމުން މިހާރު ވަނީ ފާޑުކިއުންތައް އަމާޒު ވެފަ އެވެ.
"އަޅުގަނޑަށް ރިއާސީ ބަޔާނުން ފެނުނީ ހުސް ބާގަނޑުތަކެއް. ގައުމު މިހާރު މި އޮތީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ވެއްޓުނު އެންމެ ފުން އަނދަވަޅުގެ ތެރޭގައި. އެ ވަޅުގަނޑުން އަރައިގަންނާނެ ގޮތުގެ އެއްވެސް އިޝާރާތެއް ނުދެއްވާ. މިހާރު ދިމާވެފައިވާ ގައުމީ ދާޚިލީ މައްސަލަތައް ހައްލު ކުރާނެ ގޮތުގެ ފަރުވާއެއް ވިދާޅުވެއެއް ނުދެއްވި،" މި ސަރުކާރުގެ ކުރީގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވި އެވެ.
Rayyithunge majlihuge 36 membarun haaziruvethihbevi jalsaaehgai dhemme RY ihvevi riyaasee bayaanugai QA ge 84 maahdhaagai bayaankohfavaa qaumuge haalathu bayaan kohdheefanuvey adhi haalathu rangalhukurumah ehves ehcheh vidhaalhunuvey! Manikufaanu koafaaveethoa? pic.twitter.com/rXMXNmMH9S
— Abdulla Riyaz MP (@riyazabdulla) February 21, 2018
ރިއާސީ ބަޔާނާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއް
އޭގެ ބަދަލުގައި ރިއާސީ ބަޔާން ބިނާކުރައްވާފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށެވެ. ކަރަންޓާއި ބޯފެނާއި ނަރުދަމާގެ އިތުރުން ފަޅު ފުންކުރުމާއި ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ ތަފާސްހިސާބުތަކުގެ މައްޗަށެވެ. އަދި ޓޫރިޒަމްގެ ސިނާއަތުގެ ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގާ މަޝްރޫއުތަކަށާއި ތައުލީމާއި ސިއްހީ ދާއިރާ އިން ކުރަމުންދާ ކަންތަކުގެ މައްޗަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ރިއާސީ ބަޔާން، ރޭގައި އެ އިއްވެވީ ގައުމު ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ބާއްވައިގެންނެވެ. އެ ހާލަތުގެ ސަބަބުން އެ މަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ ނުތަނަވަސްކަމާއި ހާސްކަން އަދި ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންފައިވާ ދަތި އުނދަގޫ ކަންތައް އެމަނިކުފާނުގެ މޫނުފުޅުމަތިން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވި އެވެ.
މުޅި ރިއާސީ ބަޔާން އިއްވަވައި ނިންމަވައިލެއްވީ، ލިޔެފައި އޮތް ކަރުދާސްތަކެއްގައި ހުރި އެއްޗެހިތަކެއް ވިދާޅުވެދެއްވި ކަހަލަ ގޮތަކަށެވެ. ބަޔަކާ މުޚާތަބު ކުރައްވައި ބަޔާނެއް ދެއްވި މަންޒަރެއް ނުފެނެ އެވެ. ޖަލްސާގެ ބައިވެރިންނާ މަދު ފަހަރަކު، އެސްފިޔަ ޖަހައިލާހާ ކުޑަ ވަގުތުކޮޅަކަށް މެނުވީ ހަތަރު ކަޅި ހަމަކޮށްލެއްވި މަންޒަރެއް ނުފެނުނެވެ. އެހާ ވެސް އެމަނިކުފާނުގެ މޫނުފުޅުން ފެނުނު ކަންބޮޑުވުން ބޮޑެވެ.
ގައުމު އޮތީ އެމަނިކުފާނަށް ވުރެ ބޮޑު ހާސްކަމަކާއި ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. ނަމަވެސް އެމަނިކުފާނު މީގެ 17 ދުވަސް ކުރިން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.
ރައީސް ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، ސުޕްރީމް ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ، މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމާއި ރައްޔިތުންނާ ގުޅުން ހުރި އެތައް މަސްލަހަތުތަކެއް ގެއްލިދާނެތީ އެވެ. އަދި އެ ހާލަތު އިތުރު 30 ދުވަހަށް ދަމަހައްޓަން ޖެހުނީ، އެ ހާލަތު ބަދަލުނުވާތީ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން، ރައީސް ޔާމީންގެ ރިޔާސީ ބަޔާން ލިއުއްވުމުގައި އުޅުއްވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރިޔާސީ ބަޔާނުން ގައުމު އޮތް ނުރައްކާތެރި ހާލަތު ސާފު ނުވާ ކަމަށެވެ. ގާނޫނުއަސާސީ މުގުރާލައި ބާރުތައް މުށުތެރަށް ލައި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ އެންމެ މަތީ ކޯޓުން ފެށިގެން ޝަރުއީ ނިޒާމް "ފުނޑާލާފައިވާ" މައްސަލައާ މެދު ރައީސް ޔާމީން އެއްޗެއް ވިދާޅުނުވުމަކީ ކަންބޮޑުވުމެއް ކަމަށް އަމީން ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން، ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލުމުގެ އިތުރުން އަދުލު އިންސާފުގެ ދާއިރާ އޮތީ ބޮޑު ހުސްކަމެއްގެ ތެރޭގަ އެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނު ހިފަހައްޓާފައި އޮތުމުން، ޖިނާއީ އަދުލުގެ ނިޒާމު އޮތީ ބޮޑު ހުސްކަމަކާ ކުރިމަތިލައިފަ އެވެ.
ދައުލަަތުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު، ގާނޫނާ ޚިލާފަށް ހައްޔަރު ކޮށްފައިވާ އިރު، ގާނޫނީ ހަމަތަކުގެ މަތިން ސުޕްރީމް ކޯޓު ހިންގާނީ ކޮން ގޮތަކުންތޯ ސުވާލު އުފެދެ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް ނުވަ ބޭފުޅަކު ހައްޔަރުކޮށްފައިވާ އިރު މި އިން އެއްވެސް ކަމަކާ ބެހޭ ގޮތުން ރިއާސީ ބަޔާނުގައި އެއްވެސް ވާހަކަފުޅެއް ވިދާޅެއްނުވެ އެވެ.
"ވަރަށް ބޮޑަށް ހައިރާންވޭ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމް ފުނޑިފައި އޮތްއިރު ވެސް ރައީސް ބަސްފުޅެއް ވިދާޅުނުވުމުން. މިއިން ދޭހަކޮށްދެނީ، ވެރިކަމުގެ މިހާ ހިސާބަށް އައިރު އެ މަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާފައި އޮތީ އެ މަނިކުފާނު ގާނޫނުއަސާސީގެ ތެރޭގައި ހުންނަވާފައި އެހެން ބޭފުޅުންނާއި ދާއިރާތައް ބޭނުން ކުރައްވައިގެން ކަންކަން ކުރަން،" އަމީން ވިދާޅުވި އެވެ.
"އެކަމަކު ރައީސް ޔާމީން ވެސް މިހާރު ސީދާ ގާނޫނުއަސާސީން ބޭރަށް ވަޑައިގެންފައިވާތީ ރިޔާސީ ބަޔާނުގައި އެމަނިކުފާނަށް ދެއްކޭނެ ވާހަކަތަކެއް ހަގީގަތުގައި ނެތީ ކަމަށް ބެލެވެނީ."
Raees Yamin ge riyaasee bayaan gai Qowmge haalath bayaan kurevvi iru Kulli nurahkaluge haalath oiy kamakah vidhaalheh nuvi. Yamin ves qabool kurevveebaa ehaalath nehkamah.
— Mohamed Shihab (@bageechaa) February 21, 2018
ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ މާލޭގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބު ކުރެއްވި ޓުވީޓެއް.
މިއާ އެކު އަމީން ގަބޫލުކުރައްވަނީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ގޮތަށް ރިޔާސީ ބަޔާން އިއްވެވުމުގެ ޒިންމާ ވެސް ރައީސް ޔާމީނަށް އަދާނުކުރެއްވުނު ކަމަށެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމުގެ ވާހަކައިގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭ އެއްވެސް ވާހަކަފުޅެއް ރިއާސީ ބަޔާނުގައި ހިމަނުއްވާފައެއް ނުވެ އެވެ. އަވައްޓެރި ގައުމުތަކާއި ދުރު ކަރަތަކުން ވެސް ރާއްޖޭގެ ދާޚިލީ ކަންކަމަށް އިންތިހާ އަށް ފާޑުކިޔައި، ޚާއްސަކޮށް މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތާ ދެކޮޅު ހަދަމުންދާ އިރު، ޚާރިޖީ ގުޅުންތައް ރަނގަޅު ކުރުމުގެ ސިޔާސަތަކީ ކޮބައިކަމެއް ވިދާޅެއްނުވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ގައުމުގެ ސިޔާދަތު ގެއްލޭ ހިސާބަށް ކަންތައް ދިއުމުން ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ގައުމީ ސިޔާދަތު ގެއްލުނަ ނުދީ ހިފެހެއްޓުމަށް، މިވީ 17 ދުވަހުގެ ތެރޭގައި ކުރެއްވި ކަމަކީ ކޮބައި ކަމެއް، އަދި ގައުމުގެ އަމާންކަން ދެމެހެއްޓުމަށް އަޅުއްވަން ގަސްދު ކުރައްވަނީ ކޮން ކަންތަކެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.
After ordering military siege of the parliament, arresting the Chief Justice and others, bypassing the Constitution to get Parliamentary approval for it, President Yameen has failed to even acknowledge the State of Emergency in his annual presidential address. #MaldivesInCrisis pic.twitter.com/keOzYBTzAw
— Abdulla Shahid 🎈 (@abdulla_shahid) February 21, 2018
ރިޔާސީ ބަޔާނާ ބެހޭ ގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއް.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ޖެހިވަޑައިގަތީ، އެމަނިކުފާނުގެ ވެރިކަން ވައްޓައިލަން ޖުޑިޝަރީގެ ތެރެއިން ބަޣާވާތެއް ގެންނަން އުޅުމުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މުޅި ގައުމުގެ ހަމަޖެހުމާއި އިސްތިގުލާލާ ގުޅިފައިވާ އެވަރުގެ ބޮޑު ކަމެއް ގައުމުގައި ހިނގައި ދިޔައިރު، އެކަމާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާއި ބަޣާވާތުގެ ބައިވެރިންނާ މެދު އަމަލު ކުރުމަށް ރާއްވަވާފައިވާ ގޮތެއް ވެސް ވިދާޅުވެ ނުދެއްވި އެވެ.
އޭގެ އިތުރުން މިއީ ބޭރުގެ އަސްކަރީ ބާރުތަކެއް ނުފޫޒު ރާއްޖެ އަށް ފޯރަފާނެ ކަމުގެ ވާހަކަތަކެއް ބައިނަލްއަގުވާމީ މީޑިއާތަކުގަ އާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މެދުގައި ވަރަށް ގަދައަށް ދެކެވޭ ދުވަސްވަރަކެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ސަލާމަތާއި އަމްނުއަމާންކަން ދެމެހެއްޓުމުގައި ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިކަން ރޭގެ ރިޔާސީ ބަޔާނުން ސާފެއް ނުވި އެވެ.
ރިޔާސީ ބަޔާނަށް އަމާޒުކޮށްފައިވާ ފާޑުކިއުންތަކުގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ގައުމުގެ ހާލަތު ރަނގަޅު ކުރުމުގެ ޚިޔާލުފުޅެއް ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށެވެ. އެހެން ނޫން ނަމަ، ގައުމުގެ ހާލަތާ މެދު ރައްޔިތުންނަށް ކޮންމެވެސް ވާހަކަފުޅެއް ދައްކަވާނެ ކަމަށް އެމީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
99
22 February 2018
ކޮންމެ ގޮތަކަން ބަޔާން އިއްވިއަސް ތިބައިގަޑަކަން ކަމަކުނުދާނެ އޯކޭ
ދެރަކަލޯ
22 February 2018
ނިކަން މިހިރަމީހަކު ކޮސްވާ ތަންދެކިބަލަ ކޮންފަސް އަހަރެއްގެ ވާހަކައެއް މިދައްކަނީ ވެރިކަމައް އެރިއަހަރުވެސް ތިޔަފޮނި ކެޑި މިހާރު ތިކިޔާއެއްޗެއް އަޑްއަހާ މީހަކު ނޫޅެ މިރާއްޖޭގެ އެންމެން ނަށް އިގޭ މޮޔަގޮވަނީކަން ވޯޓަކުން ނުހޮވާނަން ޓާޓާާ
ހާސަރު
22 February 2018
ކުރަންޖެހޭ ކަމަކަށްވާތީ ކޮށްލީ އެހެން ނޫނަސް އެޔަކީ ފައިސާއެއް ލިބޭކަމަކަށް ނުވާތީ އެހާ ކުރާހިތަކުން ނުކުރާނެދޯ.
ފަލަޑޭ
22 February 2018
ހުސް އެއްޗަކުން ނެރޭނެ އެއްޗެއް ހުންނާނެތަ؟ ސީރިއަސްލީތަ؟
ބޮލި
22 February 2018
ޔާމީނު އަދިވެސް ހުރީ ގާނޫނުގެ ތެރޭގައެވެ. ނަމަވެސް ރޭގެ ބާޔާނުގައި ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނާ ކަންކަމަށް އަލިއަޅުވާ ނުލުމުން ދެން ފެތޭނެ ގޮޅިތައް ހުންނާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތުވެސް މަޖިލީހުން އެނިންމި ގޮތަކަށް ނިންމީމާ އޭނގައި ޔާމީނު ކުރާނެ ކަމެއް ނެތެވެ. އަނެއް ތިން ފަޑިޔާރުންގެ ބޮލަށް ބަޑި ދިއްކޮށްގެން ނަމަވެސް އަމުރެއް ނެރުނީމާ ޔާމީނު ކުރާނެ ކަމެއްނެތެވެ. ބަޑި ދިއްކުރާކަށް ޔާމީނުގެ ސިދާ އޯޑަަރެއް ލިޔުމުން ފެންނާކަށް ނެތެވެ. އާހިރު ޔާމީނު ސަލާމަތްވެ އަތްދަށުގައި ތިބި ފަަޅުވެރިން ގެބިގެން ދާނީއެވެ. މިއީ ފެންކަށްކާ ބޮލީގެ އިއްޒަތްދެ ރައީސެވެ.
ހަސަން
22 February 2018
ނެރުނު ކުއްލި ހާލަތުގައި ޤާނޫނާ ހިލާފައް ޤާނޫނު އަސާސީގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ނުހިފޭއްޓޭނެ އެތަށް މާއްދާއެއް ވަނީ ހިފަހައްޓާފައި. ކުއްލި އަމުރުގައި ސޮއެކޮއްފައި އެވަނީ ރައީސް އަބްދުﷲ ޔާމީން އެހެންވީމާ އޭނާ އެއޮތި ސީދާ ޗާޓުން ބޭރުވެފައި.
ބޮލުގާ ރިއްސާ
22 February 2018
ރައީސް ޔާމީން ދުވަހަކުވެސް ހިނިތުންވެލި މަންޒަރު ފެނުނު ބަަޔަކު މަދުވާނެ. ރައީސް ޔާމީން އަކީ ވަަރަށް ކުޑަ ކަންކަމަށް ބޮޑުކޮށް ކަންބޮޑުވާ ބޭފުޅެެއް.. އަސްލުވެސް މިވެރިކަން މިއޮތީ ނުކުޅެދޭ މީހެއްގެ ހާލަތަށް ގޮސްފަ. ޒުވާން އުމުރުގަ މުސްކުޅި ބަލީގަ ޝިކާރަޔަށްވެފަ.. އަސްލުވެސް މަނިކްފާނަށް ތިހުރީ ޑިޕްރެށަންގެ ބައްޔެއް ޖެހިފަ. ޕީޕީއެމް ނިހާން އާއި ގަސިމްއަށް ދޯކާދިން ސައީދު ވަރަށް މަސައްކަތް ކުރޭ އެމީހުންގެ ހިތްވަރު ބަލި ނުވާކަމަށް ސާބިތުކޮށްދޭން.. އެކަމަކު މިއެންމެންގެ މިސްރާބު މިވާނީ ގެއްލިފައި.. މާދުރުން ފެންނަ ގޮތް ނޭގޭ އަލިކަމަކާ ދިމާލަށް މިސްރާބު އެބުރިފައ.. އަރައިގެން ތިތިއްބެވި އޮޑީގެ އިންޖީނު ތިނިވެނީ. ހުރިހާ އުއްމީދުތަށް ފުޑުފުޑުވެ ތިނިމެނީ. ނިމެނީ ނިމެނީ.. ނިމޭނެ .. إن شاء الله
ސަރާ
22 February 2018
ވަރިހަމަދޯ އުއްތަމަ ފަނޑިޔާރު ބަޣާވާތެއް ގެންނަން މަސައްކަތް ކުރިޔަސް އެބުނާ ކުށްވެރިންގެ މައްސަލައެއް ކޯޓަކަށް ހުށަހެޅި ފައެއްވެސް އޮތީކީނޫން ބަލައިދިކޮޅު މެމްބަރ މާރިޔާވެސް ވަނީ އެހުކުމާމެދު ސުވާލު އުފައްދާފަ ކަމަށް ނޫހުގަ ޖަހާފަ އޮތް ކޮންމެވެސްނގޯހެއް އުޅޭތީތާ
އަތްޖަހާ
22 February 2018
ކުއްލި ނުރައްކަލުގެ ވާހަކަ ނުބުނީ މީތި ފަޅައިގެން ދާއިރު މީނަ ޒިންމާ ނުނަގަން ވެގެން. ކަމެއްގަ ލައްވާލާ އިރު އަދުރޭ އާއި ނިހާން ޖަލަށް ދާންޖެހޭނީ. ވެރިއަކީ އެހެންމީހުން ލައްވާ ހުރިހައި ނުބައި ކަމެއް ކުރުވާ މީހެއް. މިސާލު އަދީބް.
ސަމާސާ
22 February 2018
ހެޔޮ ވެރިކަމެއް ކުރެއްވުމަށް ލިބުނު ފުރުސަތު އަމިއްލަފުޅަށް ނަންގަވާ ލައްވާފަ ހަތަރު އަނގޮޅިއަކަށް ވަޑައިގެންނެވުނުއިރު ފެންނަންއޮތީ ހަމައެކަނި "ތަރައްގީ" އޭ ކިޔާ ލަފުޒެއް. އެނޫން އެއްވެސް އެއްޗެއް ފެންނާކަށް ނެތް. އެލަފުޒު ވެރިކަމުގެ ސްލޯގަންއަކަށް ހައްދަވައިގެން ހުރިހާކަމެއް ހަމަޖެއްސެވިދާނެ ކަމަށް ހީފުޅުވެގެން ދެންފެށި ދަތުރުވެސް ވެގެން މިދަނީ އަވާމެންދުރަށް. އެސްލޯގަން ކިތަންމެ އޮފްދާރުނަމަވެސް ކޮރަޕްޝަނުން ކިލަނބުވެގެން ދިޔަދިޔައިނުން އެލަފުޒު ކާރިސާއަކަށް ބަދަލުވެ އެއްކަލަ ހަތަރު އަނގޮޅި ބަދަލުވެގެން މިދަނީ ހަތަރު އުދަރެސް ފެނުޖެހުމަކަށް. މިހާރު ދެން ކިޔަން އޮތީ މަގެދީނޭ މަގެ ގައުމޭ. ހައްގޭ ބާތިލޭ. ﷲ ގެ ހެޔޮ ރަހުމަތޭ!
ފަޔަރ
22 February 2018
މަނިކުފާނު ވަރަށް ހިތްވަރު އެބަކުރޭ. އަކަމަކު ފަހަތުގަ ތިބި ކޯޑިނޭޓަރުން ބޯޑުމުސާނަ ނަގައިގެން ތިބެނީ ފިލާ. ކޮބާ އިންސާފު