"ދަ ޝޭޕް އޮފް ވޯޓާ" ގެ ޕޯސްޓަރެއް: ފިލްމަކީ ކޮޕީއެއް ކަމަށް ބުނެ ދައުވާ ކުރަން ވަނީ ކޯޓަށް ހުށަހަޅާފައި.
22 ފެބުރުއަރީ 2018 - 10:36
މި އަހަރުގެ ގޯލްޑެން ގްލޯބާއި ބަފްޓާ އާއި އޮސްކާގެ ވެސް އެންމެ ގިނަ ނޮމިޝޭންތައް ހޯދި ކާމިޔާބު ފިލްމް "ދަ ޝޭޕް އޮފް ވޯޓާ" އަކީ އެހެން ބައެއްގެ އުފެއްދުމެއްގެ ކޮންސެޕްޓެއްގެ ކޮޕީއެއް ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ދައުވާ ކުރަން އިއްޔެ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކަށް ހުށަހަޅައިފި އެވެ.
ގްލިމޯ ޑެލް ޓޯރޯ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ތިއޭޓަޕްލޭތައް ލިޔާ ޕޯލް ޒިންޑެލްގެ ދަރިފުޅު ޑޭވިޑް ޒިންޑެލް އެވެ. އޭނާ ބުނި ގޮތުގައި މައްސަލަ ހުށަހެޅީ "ޝޭޕް އޮފް ވޯޓާ" އަކީ އޭނާގެ ބައްޕަ 1969 ގައި ލިޔުނު "ލެޓް މީ ހިއާ ޔޯ ވިސްޕާ" ޕްލޭގެ ކޮންސެޕްޓުން "ވައްކަންކޮށްގެން" ހަދާފައިވާ ފިލްމެއްކަން ފިލްމް ބަލައިލުމުން ސާބިތުވާތީ އެވެ.
ޑޭވިޑް ބުނީ ދޭތީގެ ވާހަކަ އަށް ބަލައިފި ނަމަ އެއްގޮތް ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ. އެހެންވެ އެއީ ބަޔަކު އަމިއްލަ އަށް ކްރެޑިޓް ނަގައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ބުންޏެވެ.
"ޝޭޕް އޮފް ވޯޓާ" އަކީ އިންސާނަކާއި ކަނޑުގެ އާދަޔާހިލާފު މަހުލޫގަކާ ދެމެދު ހިނގާ ގުޅުމެއް ކިޔައިދޭ ފެންޓަސީ ފިލްމެކެވެ. "ލެޓް މީ ހިއާ ޔޯ ވިސްޕާ" ގައި ކިޔައި ދެނީ އަންހެނަކާއި ކޯމަހަކާ ދެމެދު ހިނގާ އާދަޔާހިލާފު ގުޅުމެއްގެ ވާހަކަ އެވެ.
ޑޭވިޑް ބުނީ ކޮޕީރައިޓްސް ގާނޫނުގެ ދަށުން ދައުވާ ކުރަނީ ފިލްމްގެ ޑައިރެކްޓަރު ގްލިމޯ އާއި ޕްރޮޑިއުސަރު ޑެނިއަލް ކްރައުސް އާއި "ޝޭފް އޮފް ވޯޓާ" ގެނެސް ދިން ސްޓޫޑިއޯ ފޮކްސް ސާޗްލައިޓްއާ ދެކޮޅަށް ކަމަށެވެ.
Oscar 2018: "Shape of Water" ah 13 nominations
The most trusted news source in the Maldives
Mihaaru
"ޝޭޕް އޮފް ވޯޓާ" އަށް އޮސްކާގެ 13 ނޮމިނޭޝަން ލިބިފައިވޭ.
"އަހަރެމެންނަށް ވަރަށް ރީތިކޮށް ސާބިތުކޮށް ދެވެން އެބަ އޮތް ޝޭޕް އޮފް ވޯޓާއަކީ އަހަރެމެންގެ ޕްލޭގެ ކޮންސެޕްޓް ހަމަ ވަރަށް ސާފުކޮށް ކޮޕީކޮށްލައިގެން ހަދާފައި އޮތް ފިލްމެއްކަން،" ޑޭވިޑް ބުންޏެވެ. "މީގައި އެންމެ ހިތާމަ ކުރާ ކަމަކީ އެހާ ފާޅުކަން ބޮޑުކޮށް މިކަން ފެންނަން އޮތް އިރު ވެސް، އަހަރެމެންގެ ހުއްދަ ނެތި، އަހަރެމެންގެ ކޮންސެޕްޓް ބޭނުން ކުރީތީ."
މިކަމާ ގުޅިގެން ފޮކްސް ސާޗްލައިޓުން ނެރުނު ބަޔާނެއްގައި ވަނީ ޑޭވިޑް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެ ސްޓޫޑިއޯ އިން ބުނީ "ދަ ޝޭޕް އޮފް ވޯޓާ" އަކީ "ލެޓް މީ ހިއާ ޔޯ ވިސްޕާ" ގެ ކޮޕީއެއް ކަމަށް ބުނާ ބުނުމުގައި އެއްވެސް ހަގީގަތެއް، އޮއްޓަރެއް ނެތް ކަމަށެވެ.
އެހެންވެ ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށް ދިނުމުގެ އަމުރަކަށް ވަރަށް އަވަހަށް އެދޭނެ ކަމަށް ފޮކްސް ސާޗުން ބުންޏެވެ.
"ޝޭފް އޮފް ވޯޓާ" އަށް ކޮޕީގެ ތުހުމަތު އައިސްފައި މި ވަނީ 90 ވަނަ އޮސްކާ އެވޯޑް ބާއްވަން ކުޑަތަންވެފައި ވަނިކޮށެވެ. އެ ފިލްމަށް އޮސްކާގެ 13 ނޮމިނޭޝަން ލިބިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު އޮރިޖަނަލް ސްކްރީންޕްލޭ ވެސް ހިމެނެ އެވެ.
އޮސްކާ އެވޯޑް ހަފުލާ އޮންނާނީ އަންނަ މަހުގެ 4 ގަ އެވެ.
"ޝޭޕް އޮފް ވޯޓާ" ގެ ތަރިންގެ ތެރޭގައި ސެލީ ހޯކިންސް، މައިކަލް ޝެނަން، އޮކްޓޭވިއާ ސްޕެންސާ އަދި ރިޗަޑް ޖެންކިންސް ފަދަ ތަރިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ
22 February 2018
ބަޔަކަށް އެއްޗެއް ލިބެން ނޭދެނީ ކީތްވެތަ؟