ވިގަންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މިކިތާރްޔަން.-- ފޮޓޯ: އޭއެފްޕީ
17 ޖުލައި 2016 - 09:11
މެންޗެސްޓާ (ޖުލައި 17) - ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ހެންރިކް މިކިތާރްޔަން އަކީ އެ ޓީމަށް ބޭނުންވާ ސްޓައިލުގެ ކުޅުންތެރިޔެއް ކަމަށާއި މި ސީޒަނުގައި އޭނާގެ މޮޅު ކުޅުން ފެންނާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ރޭ ވިގަން އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހީ ވިލް ކީން އާއި އަންޑްރެއަސް ޕެރޭރާ އެވެ.
މޮރީނިއޯ ބުނީ މިކިތާރްޔަންގެ ފަރާތުން އޭނާ އުއްމީދުކުރި ވަރަށް ވުރެން މޮޅު ކުޅުމެއް ފެނުނު ކަމަށެވެ.
"މިކިތާރްޔަން އަކީ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއެއް. އޭނާގެ ބޭނުން ޓީމަށް ހިފޭނެ ތަފާތު ގޮތްތަކެއް އެބަހުރި. އެއީ ގިނަ މަގާމުތަކަށް އޭނާގެ ބޭނުން ކުރެވިދާނެ. ނެއްޓުމުގެ ހުނަރާއި ސްޕީޑަށް ބެލިޔަސް އޭނާގެ ތަފާތުކަން އެބަ އެނގޭ،" މޮރީނިއޯ ބުންޏެވެ.
ވިގަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި މި ފަހަރު އަލަށް ޔުނައިޓެޑާ ގުޅުނު ހަތަރު ކުޅުންތެރިންގެ ތެރެއިން ކުޅުނީ މިކިތާރްޔަންގެ އިތުރުން އެރިކް ބެއިލީ އެވެ.
"ބެއިލީ އަކީ އިނގިރޭސި ލީގުގައި ކުޅެން އެންމެ ފުރިހަމަ އެއް ޑިފެންޑަރު،" ކުރިން ވިޔަރެއާލަށް ކުޅުނު ޑިފެންޑަރާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
17 July 2016
ސާބަހޭ މައުރީން. ބަސް ޕާކްކުރަން ނަހަދައްޗޭ. ވ.ވެދުން