08 މާޗް 2018 - 09:34
ލަންޑަން (މާޗް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ފަަހަތުން އަރައި 2-1 އިން މޮޅުވެ، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި ދެ ޓީމު ޔުވެންޓަސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރުވުމުންނެވެ. އެހެން ކަމުން ރޭގެ މެޗުން މޮޅުވެގެން ކޮންމެ ޓީމަކަށް ވެސް ކުއާޓާގެ ފުރުސަތު ހޯދުމުގެ ޖާގަ އޮތެވެ. ޔުވެންޓަސް ކުރިހޯދީ 4-3 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް އެޓޭކިން ގޭމެއް ފެނުނު މި މެޗުގައި ޓޮޓެންހަމަށް މެޗުގެ 39 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ހެއުން ސޮން މިއުން އެވެ. މި ލަނޑު ޖެހުމުގެ ކުރިން ވެސް އެނާ ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ލީޑުފުޅާކުރަން ޓޮޓެންހަމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޔުވެންޓަސް އަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 64 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގަައިން އެވެ.
ހިގައިން ނަތީޖާ ހަމަހަމަ ކޮށްދިންތާ ތިން މިނިޓް ފަހުން ޔުވެންޓަސް އަށް ލީޑުނަގައިދިނީ ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތަކުން ޕައޮލޯ ޑީބަލާ އެވެ.
މި މެޗުން ބަލިވުމާ އެކު 2011 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ފުރަތަމަ ފަހަރު ދަތުރު ކުރަން ޓޮޓެންހަމަށް ލިބުނު ރަނުގެ ފުރުސަތު ގެއްލުނީ އެވެ. ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ބަލިވީ މޮޅަށް ކުޅުނު ޓީމު ކަމަށެވެ.
"ދެ ލެގަށް ބަލާއިރު ވެސް އަހަރެމެންގެ ފަރާތުން ފެނުނީ ހިތްވަރުގަދަ މޮޅު ކުޅުމެއް. މި މެޗުގެ ވެސް 70 މިނިޓް ވަންދެން އަހަރެމެން އަތުގައި ކޮންޓްރޯލް އޮތް. އެކަމަކު މި ވާހަކަތަކުގެ ބޭނުމެއް ނެތް. އެއީ އަހަރެމެންނަށް މުބާރާތް ނިމިއްޖެ،" ޕޮޗެޓީނޯ ބުންޏެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ފުރަތަމަ ހާފުގައި ޓޮޓެންހަމުން ފުރަތަމަ ލަނޑު ޖެހި ނަމަވެސް އޭނާ މާޔޫސްނުވާ ކަމަށާއި ނަތީޖާ ނެރެވުނީ ހިތްވަރު އެލުވާނުލާ ދެއްކި މޮޅު ކުޅުމުން ކަމަށެވެ.
ރޭ އަމިއްލަ ދަނޑުގައި ސްވިޒަލެންޑުގެ ބަސެލް އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވި ނަމަވެސް އެ ޓީމަށް ވަނީ ކުއާޓާގެ ޖާގައެއް ލިބިފަ އެވެ. އެއީ ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ސިޓީ އަށް 5-2 އިން ކުރި ލިބޭތީ އެވެ.
ބަސެލް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗެސްޓާ ޔުނައިޓެޑް ވެސް ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭން ސްކޮސް
10 March 2018
ކޭން އެކަނި ކއްކުރާނި ތިހެން ވެއްޖިއްޔާ ރޮނަލްޑޯ ވެސް ކަޑަ ޕޮރޓުގަލް އައް ކިތަން ވަރލްޑްކަޕް ތަށި ލިބުން ތި ރޮނާލްޑޮ ހުއްޓަ މިހާރުވެސް ކޭން ރެއަލް ކަހަލަ ޓީމަކައް ގޮސްސިއްޔާ ތި ސުއަރޭޒް މެންނައްވުރެ ގިނަގޯލު ޖަހާނެ ޑިބްރުއީނާ އައި ކޭން އެއްޓީމަކުން ފެނިއްޖިއްޔާ ތި މެސީއައް ވުރެވެސް ކޭން ގަދަވާނެ
ރަދީފް
08 March 2018
މަރުހަބާ ޔުވެންޓަސް.ރޭގެ މެޗްގަ ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާއަށް ސްޕަޑްސްގެ ޖޭން ވާޓޯހެން ކުރި ފައުލް އަށް ލިބެންޖެހޭ ޕެނަލްޓީ ދިންނަމަ ސްކޯ ވަރަށް ތާފާތުވާނެ.މިފަދަ ހައިކްލާސް ފުޓްބޯޅައިގަ ޔުވޭގެ ތަޖްރިބާ އެއީ ވަރަށް މަތީ އެއްޗެއް.ސްޕަޑްސް ގެ ތަޖުރިބާ އެއީ ކަނޑުގަ އަޅާލެވޭ ރޮނގެއްފަދަ އެއްޗަކަށްނޫނީ ނުވާނެ.#ފޯޒާޔުވޭ #ފޯޒާޔުވޭ
ބަސްފޮތް
08 March 2018
ޔޫއޭގެ ކާމިޔާބީއަށް މަރުހަބާ.. ރަދީފު ބުރޯއަށް ވެސް މަރުހަބާ.. ތަޖުރިބާއާ އިޓާލިއަންސް ސެރިއޭގެ ހައި ކުލާސް ޓެކްޓިކަލް ފުޓުބޯޅައެއް ރޭ ޔޫވޭ އިންދެއްކި ކަންފާހަގަކުރެވޭ.. ސްޕާސްގެ ގޭމު ޕުލޭން ހަލާކުކޮށްލީ މިދެންނެވި ރޭވުންތެރިކަމުގެ ސަބަބުން. ބަސް ފޮތް އެދެނީ ޔުވެންޓަސްއަށް ކާމިޔާބީ
މަހަށްދަގަ
08 March 2018
ކޮބާތަ ތިޔަ ނަންކުރާ ގަދަ ފަދަ ހެރީ ކޭން؟؟ އިނގެރޭސި މީޑިއާގެ ދުއްޕާނާހެދި ރަނގަޅު ކުޅުންތެރިއަކު ހުއްޓަސް އެމީހަކު ހަލާކުވާނެ.. މެސީ ރޮނާލްޑޯއަށް ވުރެއް ހެރީ ކޭން މޮޅު އިނގެރޭސި މީޑިއާއިން ހަބަރު ފަތުރާގޮތުގަ..ކިންގަކަށް ހަދައިގެން އުޅޭނީ.. ޕުރެޝަރާހެދި ކުޅުންތެރިޔާ ހަލާކު
އައްމަޓި
08 March 2018
ދެންއިނީ ޗެލްސީއާ ޔުނެއިޓެޑާ ކަމައް މިބަލަނީ، ބޭރުވާން...