ދުނިޔޭގެ ކުޅިވަރު / ޔޫރޮޕާ ލީގް

ސީޒަން ސަލާމަތްކުރަން އާސެނަލުން މިލާނާ ދެކޮޅަށް

08 މާޗް 2018 - 13:04

މިލާން (މާޗް 8) – ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި މިރޭ އިޓަލީގެ އޭސީ މިލާނާ ދެކޮޅަށް ނުކުންނައިރު މިއީ އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ސީޒަން ސަލާމަތްކުރަން ލިބޭ ފަހު ފުރުސަތެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ ފުރުސަތު ގާތްގަނޑަކަށް ބަންދުވެފައިވާއިރު އެ ޓީމަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ފުރުސަތެއް ލިބެން އޮތީ މި މުބާރާތް ކާމިޔާބުކޮށްގެންނެވެ. އެކަން އެއްކިބައިގައި އޮއްވާ އެ ޓީމަށް މި ސީޒަނުގައި ކިރިޔާ ވެސް ކުރިއެރުމެއް ހޯދެން އޮތީ މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ގޮސްގެންނެވެ. އެފްއޭ ކަޕުން ކަޓާފައިވާއިރު ލީގު ކަޕުގެ ފައިނަލުން ވަނީ ބަލިވެފަ އެވެ.

ވެންގާ މީގެ ކުރިން ބުނަމުން އައީ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން ބޭނުންވަނީ ލީގުގެ ގަދަ ހަތަރެއްގެ ތެރެއިން ކަމަށާއި އެކަމަކު ހާލަތު ބަދަލުވާ ގޮތަކުން އެހެން ގޮތަކަށް ވިސްނަން ޖެހިދާނެ ކަމަށެވެ. ގަދަ ހަތަރެއް އަތުނުވާނެ ކަމަށް ވެންގާ ވެސް ވަނީ އެއްބަސްވެފަ އެވެ. އެހެންކަމަށްވުމާ އެކު، އެ ޓީމުން ޔުރޮޕާ ލީގަށް ވަރަށް ބޮޑަށް ސަމާލުކަންދޭނެ ކަމަށް ބެލެވެ އެވެ.

މެޗާ ކުރިމަތިލާއިރު އާސެނަލަށް ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި ލީގު ކަޕުގެ ފައިނަލުންނާއި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން 3-0 އިން ބަލިވި ބަލިވުމާއި ލީގުގައި މި ހަފުތާގައި ބްރައިޓަން އަތުން 2-1 އިން ބަލިވި މެޗު ހިމެނެ އެވެ.

އަނެއްކޮޅުން ކުޅުންތެރިންގެ ދަތިކަން ބޮޑެވެ. އަލަށް ގުޅުނު ފޯވާޑް ޕިއެރޭ-އެމެރިކް އޯބަޔަމަން އަށް ނުކުޅެވޭއިރު ފޯވާޑް އެލެކްޒެންޑާ ލަކަޒޭ ހުރީ އަނިޔާގަ އެވެ. ސެންޓަ ފޯވާޑަކަށް ހުރީ ޑެނީ ވެލްބެކް އެކަންޏެވެ.

ވެންގާ ބުނީ މި މެޗާ އެކު ޕްރެޝަރު އިތުރުވާ ކަމަށާއި އެކަމަކު އެއާ އެކު މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ. ވެންގާ ބުނީ ތިމަންނާމެންގެ ކިބައިފައި ފެންވަރު ހުރިކަން ސާބިތުކޮށްދޭން ބޭނުންވާނެ ކަމަށާއި އެކަން ހަމައެކަނި ކުރެވޭނީ އުނދަގުލުގައި ކަމަށެވެ.

އެ ޓީމާ ވާދަކުރާ އޭސީ މިލާން އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެ ޓީމުން ބަލިނުވެ 13 މެޗު ފުރިހަމަކޮށްފައިވައިރު އެންމެ ފަހުން ކުޅުނު ހަ މެޗުން މޮޅުވީ ބައިކޮޅަށް ލަނޑެއް ވައްދާނުލަ އެވެ.

މިލާނުގެ ކޯޗު ޖެނާރޫ ގަޓޫސޯ އަކީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން 4-0 އިން މިލާން މޮޅުވި އިރު މުހިއްމު ކުޅުންތެރިޔެކެވެ. އޭނާ ބުނީ އާސެނަލް އޮތީ އުނދަގޫތަކެއްގެ ތެރޭގައި ކަމަށާއި އެކަމަކު އެ ޓީމުގައި ޗެމްޕިއަނުން އެބަތިބި ކަމަށާއި އަދި އެ ޓީމު ވަނީ ޔުރޮޕާ ލީގުގައި 18 ގޯލް ޖަހާފައިވާ ކަމަށެވެ.

"ވަރަށް ބޮޑު އިހުތިރާމެއް އެބައޮތް. އަހަރެމެން ވަރަށް ވަރުގަދަ ކުޅުމެއް ދައްކަން ޖެހޭނެ،" ގަޓޫސޯ ބުންޏެވެ.

މިލާނުގެ ސެންސީރޯގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454